Roadha Mihaaru
ފުއާދުގެ ދައުރު ހަމަވާތީ އީސީ އަށް ހަސީބު

ފުއާދުގެ ދައުރު ހަމަވާތީ އީސީއަށް ހަސީބު އައްޔަންކުރަން ފޮނުވައިފި

14 އޮކްޓޯބަރ 2024

އިލެކްޝަންސް ކޮމިޝަނަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބް އިސްމާއިލް އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިލެކްޝަންސް ކޮމިޝަނަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބް އިސްމާއިލް އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އީސީގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 24 އަށް ހަމަވާ ކަމަށެވެ.

އެހެންވެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލީ ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ނަން ސިޓީގައި ހިމަނުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވީ ބޭފުޅުންގެ ތެރެއިން ރައީސް ހުށަހެޅުއްވީ ހަސީބްގެ ނަން އެކަންޏެވެ.

"ވީމާ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތުގެ މަތިން އަބްދުލް ހަސީބް އިސްމާއިލްގެ ނަން ފާސް ކޮށްދެއްވުން އެދެމެވެ." ރައީސްގެ ސިޓީގައިވެ އެވެ.

ހަސީބު އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކޮށްފައި ވަނީ 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.