14 ސެޕްޓެމްބަރ 2022
ލިޒްބަން (ސެޕްޓެމްބަރު 14) - ޕޯޗުގަލްގެ ސްޕޯޓިން އިން ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެ 2-0 އިން ކާމިޔާބުކޮށް، އެޓީމުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް އިނގިރޭސި ޓީމެއް ބަލިކޮށްފި އެވެ.
ލިޒްބަން (ސެޕްޓެމްބަރު 14) - ޕޯޗުގަލްގެ ސްޕޯޓިން އިން ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެ 2-0 އިން ކާމިޔާބުކޮށް، އެޓީމުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް އިނގިރޭސި ޓީމެއް ބަލިކޮށްފި އެވެ.
ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމެން ދިޔަ މެޗުގައި ސްޕޯޓިން އިން ދެ ގޯލު ވެސް ޖެހީ އެންމެ ފަހު ވަގުތުގައި، ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ކުޅުންތެރިންނެވެ.
މިއީ ޗެމްޕިއަންސް ލީގުގައި ސްޕޯޓިން އިން އިނގިރޭސި ޓީމެއް ބަލިކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ގަދަ 16 ޓީމު ވާދަކުރި ބުރުގެ ދެ ލެގުން ވެސް މެންޗެސްޓާ ސިޓީ އަތުން މޮޅު ނުވެވުނު އިރު، އޭގެ ކުރިން ޗެލްސީ އާއި މެންވެސްޓާ ސިޓީއާ ދެކޮޅަށް ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލި ވެފަ އެވެ.
ސްޕޯޓިންގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު، ބައެއް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ފުރަތަމަ ހާފުގެ ފަހުކޮޅު ކީޕަރު ކައިރިން ނައްޓާފައި ރިޗާލިސަން ޓޮޓެނަހަމަށް ލީޑު ނަގައިދޭން ލަނޑެއް ޖެހި ނަމަވެސް އޭނާ އޮފްސައިޑުގައި ހުރުމުން ގޯލު ބަލައެއް ނުގަނެ އެވެ. އަދި ފަހުން ފްރެންސިސްކޯ ޓްރިންކާއޯ އާއި މާކަސް އެޑްވާޑްސް ވެގެން ހޯދި ފުރުސަތެއްގައި އެޑްވާޑް ފޮނުވާލި ހަމަލާ ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އެވެ.
އުމުރުން 23 އަހަރުގެ އިނގިރޭސި ވިންގާ އެޑްވާޑްސް އަކީ ޓޮޓެންހަމްގެ އެކަޑަމީ އިން ތަމްރީނުވި ކުޅުންތެރިއެކެވެ. ޓޮޓެންހަމް ދޫކޮށް 2019 ވަނަ އަހަރު ޕޯޗުގީޒް ލީގަށް ބަދަލުވެ، އޭނާ ސްޕޯޓިންއާ ގުޅުނީ މިއަހަރުގެ ޖެނުއަރީގަ އެވެ.
ދެ ވަނަ ހާފުގައި ރިޗާލިސަންގެ އެހީއާއެކު އެމަސަން ރޯޔަލް ފޮނުވާލި ބޯޅައެއް އެންޓޯނިއޯ އަޑާން ދިފާއު ކުރި އިރު، ރިޗާލިސަން ފޮނުވާލި ދެ ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި ހެރީ ކޭން އަށް މެޗުގައި މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ. ސްޕޯޓިން އިން މެޗުގައި ލީޑު ނެގުމުގެ ކުރިން، ޕެޑްރޯ ޕޯރޯ ފޮނުވާލި ހަމަލާއެއް، ކީޕަރު ލޮރިސް ވަނީ ދިފާއު ކޮށްފަ އެވެ.
ކުޅެން އެރިތާ މިނިޓެއް ނުވެ، ލަނޑު ޖެހުމަށް ފަހު ސްޕޯޓިންގެ ގޯމޭޒް، ޓީމުގެ ކޯޗާ އެކު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލީޑު ނަގައިދިން ލަނޑު، ޕެޑްރޯ ގޮންކާލްވެސް ނަގައިދިން ކޯނަރަކުން 90 ވަނަ މިނިޓުގައި ޖެހީ ސްޓްރައިކަރު ޕައުލީނިއޯ އެވެ. ޕައުލީނިއޯ އަކީ ބާސެލޯނާ އިން ލޯނު އުސޫލުން އެޓީމަށް ކުޅޭ ޓްރިންކާއޯގެ ބަދަލުގައި ފަހު 15 މިނިޓަށް ކުޅެން ނުކުތް ކުޅުންތެރިއެކެވެ.
އަދި އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ޕައުލީނިއޯ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލއިގެން ދެވަނަ ލަނޑު ޖަހައިދިނީ، އާތޫރު ގޯމޭޒް އެވެ. ގޯމޭޒް ކުޅެން އެރީ ފުރަތަމަ ލަނޑަށް ފަހު، އެޑްވާޑްސްގެ ބަދަލުގަ އެވެ.
އެންމެ ފަހުން އިނގިރޭސި ޓީމަކާ ދެކޮޅަށް ސްޕޯޓިން އިން ކާމިޔާބު ހޯދީ 2011/12 ސީޒަނުގައި ޔޫރޮޕާ ލީގުގައި މެންޗެސްޓާ ސިޓީ އަތުންނެވެ. ނޮކައުޓް ބުރުގައި ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ސިޓީ ބަލިކުރި އިރު، ދެވަނަ ލެގުގައި ބަލިވި ނަމަވެސް އަވޭ ގޯލު އުސޫލުން އެފަހަރު ކުއާޓާ އިން ޖާގަ ހޯދީ ސްޕޯޓިން އެވެ.
މިއީ މި ސީޒަނުގައި ޓޮޓެންހަމް ބަލިވި ފުރަތަމަ މެޗެވެ. ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ފްރާންސްގެ މާސޭ ބަލިކުރި އިރު، ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މެޗުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިގެން ކަމަށާއި، ދެން އޮތީ މިއިން ފިލާވަޅު ނަގައިގެން ކުރިއަށް އޮތް ޕްރިމިއާ ލީގު މެޗަށް ތައްޔާރުވުން ކަމަށެވެ.
ސްޕޯޓިން އިން ވަނީ ގުރޫޕް ޑީ ގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅު ވެފަ އެވެ. ފުރަތަމަ މެޗުގައި ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓް ބަލިކުރި ނަމަވެސް، ފްރޭންކްފާޓުން ވަނީ އެޓީމުގެ ދެ ވަނަ މެޗުގައި މާސޭއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ. ފްރޭންކްފާޓުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެނިކޮށް ޖަހައިދިނީ ޖެސްޕާ ލިންޑްސްޓްރޯމް އެވެ.
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ޓޮޓެންހަމް ކަޓުވާލައި މިލާން ކުއާޓާ ފައިނަލަށް
ކޮންޓޭގެ ގޭމްޕްލޭން ސެންސީރޯގައި މިފަހަރު ދިމައެއް ނުވި
އެތުލެޓިކޯ ފުލަށް، ޓޮޓެންހަމުން މާސޭ ކަޓުވާލައިފި
ލިވަޕޫލް ދެ ވަނަ ބުރަށް، ޓޮޓެންހަމް އިންތިޒާރުގައި
ޗެމްޕިއަންސް ލީގު: ޓޮޓެންހަމް ކަޓައިފި، އެޓަލާންޓާ ކުއާޓާ އަށް
ޓޮޓެންހަމް ބަލިވިއިރު، އެޓަލަންޓާ ކުއާޓާއާ ގާތަށް
ކޭން ހުއްޓާ އިބްރަހިމޮވިޗްގެ ބޭނުމެއް ނެތް: މޮރީނިއޯ
މެޗުން މޮޅުވެ ރެއާލާއި ޓޮޓެންހަމަށް ހަމަނޭވާއެއް
ބަޔާނުން ޓޮޓެންހަމް ކޮޅަށް ހަތް ގޯލު ޖަަހައިފި