Roadha Mihaaru

ފެނަކަ އަށް ދޫކުރި 17 މިލިއަން ރުފިޔާގެ ޗެކްތަކުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރު ގަންނަން ދިނުމުން ދޫކުރި ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ފެނަކައިގެ މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރު ގަންނަން ދިނުމުން ދޫކުރި ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ފެނަކައިން ދޫކޮށްފައިވެ އެވެ.

ލޯންޗް ކުންފުނި މެދުވެރިކޮށް ފެނަކަ އިން ޑޮލަރު ގަތް ޗެކްތަކުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އެނގިފައިވާ ގޮތުގައި، ލޯންޗް ކުންފުނީގެ އިސް ބޭފުޅަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ ކުރީގެ މުވައްޒަފެކެވެ. އެ ދެ މީހުން ވެސް ދޫކޮށްލީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅުގައި ކަމަށް އެނގިފައިވެ އެވެ.

މި މައްސަލާގައި މިހާތަނަށް ފުލުހުން މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ.

ފެނަކަ އަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ސައްހަ ނޫން ތިން ޗެކްގެ މައްސަލާގައި ހައްޔަރުކުރި އެމްސީބީގެ މުވައްޒަފު، އެ މައްސަލަ ފެންމަތިވިއިރު ހުރީ އެ ބޭންކުގެ ވަޒީފާގަ އެވެ. އެކަމަކު ފަހުން އޭނާ އެމްސީބީން ވަކިކުރީ ސީދާ އެ މައްސަލައާ ގުޅިގެން ނޫން ކަމަށް ވެ އެވެ.

ލޯންޗް ކުންފުނީގެ އިސް މުވައްޒަފު ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ޖެހުމަށް ފަހު ގޭ ބަންދަށް ދޫކޮށްލި އެވެ. އޭނާ އެއްކޮށް މި ދޫކޮށްލީ އޭގެ ފަހުން ކަމަށް ވަނީ އެނގިފަ އެވެ.

ގެރެންޓީގެ ގޮތުގައި ޗެކްތަކުގެ ނުފުށުގައި ސްޓޭމްޕެއްގެ ގޮތުގައި ޖަހާފައި ވަނީ އެމްސީބީގެ ތައްގަނޑެކެވެ. އެ ބޭންކުގެ ނަމުގައި ކޮށްފައިވާ ސޮޔާއި ތައްގަނޑަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫންކަން އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް، ލޯންޗް ދުއްވާ ކުންފުންޏަކަށް ފެނަކައިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.

ސައްހަ ނޫން ޗެކްތަކުގެ މައްސަލަ ފަޅާއެރި ފަހުން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދޫކުރީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށެވެ. އެކަމަކު 17 މިލިއަން ރުފިޔާ އަކީ 15.42 ރުފިޔާގެ ރޭޓުން 1 މިލިއަން ޑޮލަރު ގަންނަ ނަމަ 1.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޝަރީފް ވިދާޅުވެފައި ވަނީ މި މައްސަލާގައި ޒިންމާވާނެ ބަޔަކު އެނގޭނީ ތަހުގީގަށް ފަހު ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްސީބީން މިދިޔަ ސެޕްޓެމްބަރުގައި އިއުލާނެއް ވެސް ނެރުނެވެ. އޭގައި ބުނެފައި ވަނީ އެ ބޭންކުން ގެރެންޓީދީފައިވާ ކަމަށް ބުނެ ޗެކުގެ ނުފުށުގައި "ބޭންކް ގެރެންޓީ" ސްޓޭމްޕެއް ޖަހާފައިވާ އެމްސީބީ ރާއްޖެ ބްރާންޗްގެ ޗެކްތަކެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ޗެކްތަކުގައި ބޭނުންކޮށްފައިވާ 'ބޭންކް ގެރެންޓީ' ސްޓޭމްޕް ބޭނުންކުރުމަކީ މި ބޭންކްގެ ޕޮލިސީއެއް ކަމުގައި ނުވާތީ، މިފަދަ ޗެކެއް އޮތް ފަރާތެއްވާނަމަ، އެކަމަށް ސަމާލުވެވަޑައިގަތުމަށް ދަންނަވަމެވެ،" އެމްސީބީގެ އިއުލާނުގައިވެ އެވެ.

ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި އެމްސީބީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެ މައްސަލާގައި ބޭންކްގައި އެތެރޭގެ ތަހުގީގެއް ހިންގި އެވެ. ނަމަވެސް ބަޔަކާ މެދު ފިޔަވަޅު އެޅި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.

ފެނަކަ އަށް ދޫކުރި ސައްހަ ނޫން ޗެކްތަކުގެ މައްސަކަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން ބަލަނީ މި މައްސަލާގައި ނުފޫޒުން ކޮރަޕްޝަންގެ އެެއްވެސް އަމަލެއް ހިންގާފައިވޭތޯ އެވެ.

ސައްހަ ނޫން ޗެކްތަކުގެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މީހުންގެ ނަމާއި ކުންފުނީގެ ނަން އަދި އެ މައްސަލާގައި ދެން ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ބައެއް ބޮޑެތި ބޭފުޅުންގެ ނަންތައް "މިހާރު" އަށް އެނގުނަސް ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނާ ހެދި އެ ތަފްސީލްތައް ހާމަކުރެވޭކަށް ނެތެވެ.