Roadha Mihaaru
ކައުންސިލުން މަގު ސާފުކުރާނަމަ ޚަރަދު ބޮޑުވާނެ: ވެމްކޯ

ކައުންސިލުން މަގުތައް ސާފުކުރާ ނަމަ ޚަރަދު ތިން ގުނަ ބޮޑުވާނެ: ވެމްކޯ

08 ސެޕްޓެމްބަރ 2022

މާލެ ސަރަހައްދުގައި އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަމިއްލައަށް ކުރާ ނަމަ، ޚަރަދު ތިން ގުނަ ބޮޑުވާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ ސަރަހައްދުގައި އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަމިއްލައަށް ކުރާ ނަމަ، ޚަރަދު ތިން ގުނަ ބޮޑުވާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.

މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާ އެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ޑިސެމްބަރު މަހަށް ހަމަވާއިރު، މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމާފައިވަނީ އެއްބަސްވުމުގެ މުއްދަތު އާ ނުކުރުމަށެވެ. އަދި އޭގެފަހުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމީ ވެމްކޯއަށް އެ ކައުންސިލުން ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި އަދި މަގުތައް ސާފުނުކުރާ ކަމުގެ ޝަކުވާތައް ބޮޑުވުމުން ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން މިރޭ ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ޚަރަދު ބޮޑުވާ ކަމަށް ބުނެ ސިޓީ ކައުންސިލުން ޝަކުވާ ކޮށްފައި ވިޔަސް، އެއީ އެކަމަށް ބޭނުންވާ ވެހިކަލްތައް މަރާމާތު ކުރުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުން ފަދަ ކަންކަމަށް ހިނގާ ހަރަދަށް ރިއާޔަތް ނުކޮށް ބުނެފައިވާ ބުނުމެއް ކަމަށެވެ.

މަގުތަކާއި އާންމު ތަންތަން ސާފުކުރުމަށްޓަކައި ވެމްކޯއިން ދިވެހި އެތައް މުވައްޒަފުންނެއް ބޭނުން ކުރަމުން އަންނަނިކޮށް ކައުންސިލުން އެގޮތަށް ނިންމުމުން އެ މުވައްޒަފުންގެ ވަޒީފާއާ މެދު ސުވާލު އުފެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ސިޓީ ކައުންސިލުން ގިނައިން ގެންގުޅެނީ ބިދޭސީންކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ކޮންމެ ދުވަހަކު އެތައް ޓަނެއްގެ ކުނި މާލެ އާއި ވިލިމާލެއިން ނަގަމުންދާއިރު، އެކަންކަމުގެ މައުލޫމާތު ސިޓީ ކައުންސިލާ ވެސް އަންނަނީ ހިއްސާ ކުރަމުންނެވެ. އަދި ކައުންސިލުން އަމިއްލައަށް އެކަން ކުރާ ނަމަ، ކުރަންޖެހޭ ޚަރަދު މިހާރަށް ވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ވެމްކޯއިން މިހާރު ވެސް ކުރަމުންދާ ކުނި އުކުމާއި ސާފުކުރުމުގެ ޚިދުމަތް ދިނުމުގައި އެ ކުންފުނިން ސާބިތުކަމާ އެކު އަދިވެސް ދެމި އޮންނާނެ ކަމަށެވެ.