06 ސެޕްޓެމްބަރ 2022
ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ދުވާފަރު ކައުންސިލުން ހިންގި ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ހަމާކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ދިރާސާކުރުމަށް ފަހު، ކޮމިޝަނަށް މައްސަލަ ބަލައިގަނެ، ތަހުގީގު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ބުންޏެވެ.
މިހާރު ވެސް ދުވާފަރުގައި އޭސީސީގެ އިންވެސްޓިގޭޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިދިޔަ މަހުގެ 25 ގައި ވެސް އެ ކޮމިޝަންގެ ޓީމެއް އެ ރަށަށް ގޮސް އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލައި، ދިރާސާކުރުމުގެ އިތުރަށް ތަހުގީގަށް ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
"ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގާފައިވާ ގޮތް ވެސް އޭސީސީން ބަލާނެކަމުގައި ދަންނަވަން،" އެ ކޮމިޝަނުން ބުންޏެވެ.
ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތެއް އާންމުންނަށް ފަޅާ އެރީ މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެލްޖީއޭ އިން އާންމުކުރި އިންޑެކްސް ރިޕޯޓަކުންނެވެ. އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިހާތަނަށް އެ ކައުންސިލާ މެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެއްވެސް މެމްބަރެއް ސަސްޕެންޑެއް ނުކުރެ އެވެ. އަދި ބަރާބަރަށް ވަޒީފާ އަށް ނުކުމެ، ކައުންސިލަރުން މުސާރަ ނަންގަވަމުން ދާތީ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެލްޖީއޭގެ މޮނިޓަރިން ރިޕޯޓުން އެނގުނު ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކުރަމުންނެވެ. ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުންކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި ކަމަށް ބުންޏެވެ.
އެ މައްސަލަތައް ފެންމަތިވުމާ އެކު، އެލްޖީއޭ އިން ވަނީ އެ މައްސަލަތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އިންކުއަރީއެއް ހެދުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމަކު އަދިވެސް އެއްވެސް މެމްބަރަކަށް ފިޔަވަޅެއް ނާޅަ އެވެ.
އޭރު ވެސް އޮތް ކަންބޮޑުވުމަކީ ދުވާފަރު ކައުންސިލަރުންނާއި އެ ޖަރީމާގައި ބައިވެރިވި މުވައްޒަފުން އަދިވެސް ވަޒީފާ އަށް ނުކުތުމާއި އޭގެ ސަބަބުން ބަލަމުންދާ މައްސަލަ އަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މިއަދު ވިދާޅުވީ އަދިވެސް ކުރިޔަށް ދަނީ ދުވާފަރު މައްސަލައިގެ އިންކުރީ ހެދުމުގެ މަސައްކަތް ކަމަށެވެ. ފިޔަވަޅު އަޅާނީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"[ހޯމް] މިނިސްޓަރުގެ ހުއްދައާ އެކު އިންކުއަރީއެއް ހެދެނީ. މިނިސްޓަރުގެ ހުއްދައާއެކު އިންކުއަރީގެ ބަޔާންތަކަށް ފަހު ޖަވާބުދާރީ ވާން ވެސް މުއްދަތެއް ދެވޭ. އެ މުއްދަތު ހަމަވުމުގެ ކުރިން ބޯޑާ ހަމައަކަށް އިތުރު ނިންމުމަކަށް ނުގެންދާނެ،" އަފްޝަން ވިދާޅުވި އެވެ.
ކައުންސިލް މެމްބަރުން މިހާރުވެސް ވަޒީފާ އަށް ނުކުންނަވާއިރު އެ މައްސަލައިގައި ފިޔަވަޅު އެޅުން ލަސްނުވޭތޯ ސުވާލުކުރުމުން އަފްޝަން ވިދާޅުވީ "އެއްވެސް ކައުންސިލަކަށް ފިޔަވަޅު އަޅާކަށް ލަސްވެގެން ނޫޅެން" ކަމަށެވެ.
ދުވާފަރު ކައުންސިލްގެ މެމްބަރުންނަށް ދައުވާކުރަނީ
ދުވާފަރު ކައުންސިލްގެ ޚިޔާނާތް ޑިއުޓީ ޕްރޮސެކިއުޝަނަށް
ދުވާފަރު ކައުންސިލްގެ ހިޔާނާތު މައްސަލަ ބަލަނީ
ދުވާފަރު ކައުންސިލް: މުޅި ނިޒާމަށް ވެސް ބޮޑު ޝޮކެއް!
ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތް އޭސީސީން ބަލަނީ
އޭސީސީން އެދުނު ހުރިހާ ލިޔުމެއް ހިއްސާކޮށްފިން: ހީނާ
އެންސްޕާގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލްކުރަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
ހިޔާނާތުގެ މައްސަލައެއްގައި އޭސީސީގެ ވެރިއަކު ސަސްޕެންޑް
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް