Roadha Mihaaru
ދުވާފަރު ކައުންސިލްގެ މެމްބަރުންނަށް ދައުވާކުރަނީ

ކޮރަޕްޝަންގެ ތުހުމަތުވާ ދުވާފަރު ކައުންސިލްގެ މެމްބަރުންނަށް ދައުވާކުރަން ފޮނުވައިފި

02 މާޗް 2023

ކޮރަޕްޝަންގެ ތުހުމަތުވާ ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮރަޕްޝަންގެ ތުހުމަތުވާ ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އޭސީސީން ބުނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓަކުން ފާހަގަވި، ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި 12 މީހެއްގެ މައްސަލަ ތަހުގީގު ކުރި ކަމަށެވެ. އެ މީހުންގެ ތެރެއިން 8 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް މިހާރު ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށާއި އޭގެ ތެރޭގައި، އެ ކައުންސިލް ބައެއް މެމްބަރުންނާއި މުވައްޒަފުން ވެސް ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި 8 މީހުންގެ ތެރޭގައި ހިމެނެނީ؛

• ކައުންސިލްގެ ރައީސް ހަސަން ހަކީމް

• ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު

• ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ސަމޫހު

• ކައުންސިލްގެ މެމްބަރު މުހައްމަދު ޝާމް

• ކައުންސިލްގެ މެމްބަރު ޒުހުދާ އާދަމް

• ކައުންސިލްގެ މެމްބަރު އާމިނަތު ސަލާހު

• ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހް

• ދުވާފަރު ކައުންސިލްގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު، މުހައްމަދު އަލިފުޅު

އެ އެންމެންގެ މައްޗަށް ތިން ދައުވާއެއް ކޮށްދިނުމަށް އެސީސީން ޕީޖީގައި އެދިފައިވެ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނީ އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ، މިދިޔަ އަހަރުގެ ޖުލައި މަހު އެ ކޮމިޝަނަށް ހުށަހެޅުމާއެކު، ހާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރި ކަމަށެވެ. އަދި ދެމަސްދުވަސް ތެރޭގައި މައްސަލައިގެ ތަހުގީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ކޮރަޕްޝަންގެ ތުހުމަތުވާ މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް ވަނީ ފޮނުވައިފައި. -- ފޮޓޯ: ދުވާފަރު ކައުންސިލް ފޭސްބުކް

ދުވާފަރު ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ކޮރަޕްޝަންގެ ތުހުމަތުވާ މެމްބަރުންގެ މައްޗަށް ދައުވާކުރުމަށް ވަނީ ފޮނުވައިފައި. -- ފޮޓޯ: ދުވާފަރު ކައުންސިލް ފޭސްބުކް

"މިއަދު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގި ކަންކަން އިސްލާހު ކުރުމަށް ފަހުގަ އެވެ،" އެ ކޮމިޝަނުން ބުންޏެވެ.

ކައުންސިލަރުންނަށް ތުހުމަތުވާ ބޮޑު ހިޔާނާތުގެ މައްސަލާގައި މިދިޔަ ނޮވެމްބަރު 28ގައި އެންމެން ސަސްޕެންޑްކުރި އެވެ. ކައުންސިލް ހިންގަން ހަވާލުކުރި، ސެކްރެޓަރީ ޖެނެރަލަށް ވެސް ތުހުމަތު ކުރެވުމުން އޭނާ ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެތަނުން ބައެއް މީހުން ސަސްޕެންޝަންގެ މުއްދަތު ހަމަވެގެން މިހާރު ވަޒީފާއަށް ވެސް ނުކުމެ އެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓުން އެނގުނު ގޮތުގައި، ކޮވިޑް ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ.

ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުންކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި އެވެ.