Roadha Mihaaru
ވިލިމާލޭގެ ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި

ވިލިމާލޭގެ ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

06 ސެޕްޓެމްބަރ 2022

ތިލަމާލެ ބްރިޖުގެ ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމުން ވިލިމާލެ ފަރަށް އެރުމުން ލިބުނު ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ބަލަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިލަމާލެ ބްރިޖުގެ ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމުން ވިލިމާލެ ފަރަށް އެރުމުން ލިބުނު ގެއްލުންތައް ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ބަލަން މިއަދު ފަށައިފި އެވެ.

އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މިިދިޔަ މަހުގެ 16 ގައި ފަރަށް އެރި ޕްލެޓްފޯމް މީގެ ހަފުތާއެއް ކުރިން ފުންކޮށް އަދި އެ ތަނަށް އެޅުނު ދަގަނޑު ފަދަ ތަކެތި މިދިޔަ އާދިއްތަ ދުވަހު ނެގުމުން ސާވޭކުރަން ފަށާފައިވާ ކަމަށެވެ.

"މިއަދަށް ކަނޑައަޅާފައިވާ ސަރަހައްދު ބަލައި ނިމުނީ މި. މާދަމާ ވެސް ޖެހިދާނެ އަނެއްކާ ގެއްލުންތައް ބަލަން. އެކަމާ މެދު ގޮތެއް ނުނިންމާ އަދި،" އެފްކޮންސްއާ ގުޅިގެން ހަދާ އެސެސްމަންޓާ ގުޅޭގޮތުން ނައީމް ވިދާޅުވި އެވެ.

ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާ ވެގެން ވިލިމާލެ ހޮސްޕިޓަލުން ފަރުވާ ދިނެވެ.

ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނިން ބުނީ ފަރަށް އެޅުނު ކުނިތައް ނެގުމުގެ މަސައްކަތް މިދިޔަ މަހުގެ 28 ގައި ފެށި ކަމަށެވެ. އޭރު ވެސް ވަރަށް މޫސުން ގޯސްވެ ކަނޑުގަދަ ނަމަވެސް މަސައްކަތް ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކަމަށް ބޭނުންކުރީ އެންމެ އެކަށީގެންވާ މެޝިނަރީސް ކަމަށް އެފްކޯންސް އިން ބުނެ އެވެ.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މިދިޔަ މަހު ވަނީ އަޅައިފަ އެވެ. އެ ބްރިޖުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.