Roadha Mihaaru
ކާމިލްދީދީގައި ބޮޑެތި ކުދިން ކިޔަވަން ޖެހޭނީ ތިން މަހު

ކާމިލް ދީދީ ސްކޫލުގައި ބޮޑެތި ކުދިން ކިޔަވަން ޖެހޭނީ އެންމެ ތިން މަހު: އެޑިއުކޭޝަން

06 ސެޕްޓެމްބަރ 2022

ހުޅުމާލޭގެ ދެ ވަނަ ފޭހުގައި މިދިޔަ އާދިއްތަ ދުވަހު ހުޅުވި، ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ގްރޭޑް 1-6 ގެ ކުދިން ކިޔަވަން ޖެހޭނީ މި އަހަރުގެ ނިޔަލަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފޭހުގައި މިދިޔަ އާދިއްތަ ދުވަހު ހުޅުވި، ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ގްރޭޑް 1-6 ގެ ކުދިން ކިޔަވަން ޖެހޭނީ މި އަހަރުގެ ނިޔަލަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ ސްކޫލުގައި ތިއްބަވައި އެ މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއް އިއްޔެ "މިހާރު" އަށް ވިދާޅުވީ ކާމިލް ދީދީ ސްކޫލުގެ ގްރޭޑް 1-6 ގައި މިހާރު ކިޔަވަމުން އަންނަ 581 ދަރިވަރުން ކިޔަވަން ދާން ޖެހޭނެ އަސްލު ސްކޫލަކީ އެ ސްކޫލާ ޖެހިގެން ވަރަށް ކައިރީގައި މިހާރު އިމާރާތް ކުރަމުން އަންނަ ސޮލާހުއްދީން ސްކޫލް ކަމަށެވެ.

"އެހެންވެ، މި ތަނަކީ އެ ދަރިވަރުންނަށް ވަގުތީ ތަނެއް. އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ސޮލާހުއްދީން ސްކޫލު ހުޅުވާނެ،" އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރާ، ޒަމާނީ ސްކޫލާ ބެހޭ ގޮތުން އެޑިއުކޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ކާމިލް ދީދީ ސްކޫލުގެ ދަރިވަރަކު އިއްޔެ ބެލެނިވެރިޔަކާ އެކު ސްކޫލުން ނުކުމެގެން ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކާމިލް ދީދީ ސްކޫލުގެ ދަރިވަރަކު އިއްޔެ ބެލެނިވެރިޔަކާ އެކު ސްކޫލުން ނުކުމެގެން ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ސޮލާހުއްދީން ސްކޫލަކީ ގާތްގަނޑަކަށް 3،000 ދަރިވަރުންގެ ޖާގައިގެ ތަނެއް. އޭގެ އިތުރުން މިހާރު އެބަ ނިމޭ އާރުސީސީއާ ހަވާލުކޮށްގެން ހަދާ ސްކޫލު ވެސް. އަޅުގަނޑުމެން މި ބަލަނީ އެ ސްކޫލު އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވޭވަރު ވާނެ ކަމަށް. އޭރުން ފޭސް ދޭއްގެ ހުރިހާ ކުދިންނަށް އެކޮމަޑޭޓް ކުރެވޭނެ."

ޕްރީ ސްކޫލަކަށް ލައިގެން، މެދުމަދުރަސީ ތައުލީމުގެ ފުރުސަތު ކުއްލިއަކަށް ހުޅުވާލަން ޖެހުނީ ރައީސް އޮފީހުގެ ތަރުޖަމާނު މުހަންމަދު މިއުވާން ވިދާޅުވި ގޮތުގައި ބެލެނިވެރިންގެ ތަކުލީފަށް ވަގުތީ ހައްލެއް ހޯދައިދިނުމެވެ.

"ރައީސްގެ ވިސްނުންފުޅަކަށް ވީ، އެ ދެ ސްކޫލު ނިމެންދެން ވެސް ބެލެނިވެރިން އެ އުފުލާ ބުރަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދިނުން،" އޭނާ ވިދާޅުވި އެވެ.

ކާމިލް ދީދީ ސްކޫލުގެ މުވައްޒަފުންތަކެއް އޮފީސްތެރޭގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކާމިލް ދީދީ ސްކޫލުގެ މުވައްޒަފުންތަކެއް އޮފީސްތެރޭގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބައެއް ބެލެނިވެރިން އެބަތިބި ކޮންމެ ދުވަހަކު ދަރިފުޅު ގޮވައިގެން މާލެ އަށް ދާ ބެލެނިވެރިން. ހުޅުމާލޭގެ ފޭސް އެކަކަށް ދާން ޖެހޭ ބެލެނިވެރިން ވެސް. މިތަން ޕްލޭން ކުރި އިރު ކުރިން ނެތް މިސްކިތެއް، ސްކޫލެއް، ފިހާރައެއްހާ ހިސާބު ވެސް ޕްލޭން ކޮށްފައެއް."

ކާމިލް ދީދީ ޕްރީ ސްކޫލުގައި މިހާރު 852 ކުދިންނަށް ކިޔަވައިދެމުން އެބަ ދެ އެވެ. އެއީ ގްރޭޑް 1-6 އަށް 581 ދަރިވަރުންނާއި އެލްކޭޖީ އާއި ޔޫކޭޖީގައި 271 ދަރިވަރުންނެވެ. ޓިނު ޖަހައިގެން ހުޅުވި ކަމަށް ބުނެ، އާންމުންގެ ފާޑުކިޔުންތައް އިންތިހާ އަށް އަމާޒުވެފައި އޮއްވައި، އެޑިއުކޭޝަން މިނިސްޓްރީން އެކަން ދިފާއުކޮށް ބުނީ އެއީ ޕްރީ ސްކޫލަކަށް ހަމަ އެންމެ އެކަށީގެންވާ ތަނެއް ކަމަށެވެ. އަދި ޓިނު ޖެހީ އެއީ އޭގެ ޑިޒައިންގެ ބައެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ކްލާސް ރޫމްތަކުގެ ހުރިހާ ފާރެއް ވެސް ހުރީ ރާނައިފައި ކަމަށާއި ފެންނަން ހުރި ޓިނަކީ، ކްލާސްރޫމްތައް ފެނުން ސަލާމަތްވާން ހަދާފައި ހުރި ފެން ފިޔަވަހި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކާމިލް ދީދީ ސްކޫލުގައި އިއްޔެ ކުދިންތަކެއް ކިޔަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކާމިލް ދީދީ ސްކޫލުގައި އިއްޔެ ކުދިންތަކެއް ކިޔަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ސްކޫލުގެ އެތެރެ ނުބަލައި ބޭރުން ފެންނަ އެއްޗަކަށް ބަލައިގެން ކިހިނެއްތޯ ޖަޖް ކުރާނީ. މި ތާނގައި ނެތީ ދަރިވަރުން ބޭނުންވާ ކޮން ހިދުމަތެއްތޯ؟ މި ތާނގައި 79 މުވައްޒަފުން އެބަ މަސައްކަތް ކުރޭ. ސާޅީހަށް ވުރެ ގިނަ ޓީޗަރުން އެބަތިބި. އޭގެ ތެރޭގައި ހަމަ ވަރަށް ތަޖުރިބާކާރު ޓީޗަރުން ވެސް އެބަތިބި،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

"ދަރިވަރުންނާއި ބެލެނިވެރިން މި ތިބީ ހިތްހަމަޖެހިގެން. ހުޅުވި ދުވަހު ޖާގަ ފުރި އެތައް ދަރިވަރުންނެއް މިހާރު ވެސް ވެއިޓިން ލިސްޓްގައި އެބަތިބި."

ކާމިލް ދީދީ ސްކޫލުގައި އިއްޔެ ކުދިންތަކެއް ކިޔަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކާމިލް ދީދީ ސްކޫލުގައި އިއްޔެ ކުދިންތަކެއް ކިޔަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ކާމިލް ދީދީ ސްކޫލަކީ އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި ދެ ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ. ކާމިލް ދީދީ ސްކޫލާ ހަމަ އެއްވަރުގެ، ހަމަ އެ ޑިޒައިންގެ އެހެން ސްކޫލެއް އެ ސްކޫލުގެ ބިތްދޮށުން މިހާރު އަންނަނީ އަޅަމުންނެވެ. އެއީ އޮފިޝަލް ވިދާޅުވި ގޮތުގައި، ކާމިލް ދީދީ ސްކޫލުގެ "މިރާ" އެކެވެ.

"އެ ތަނަށް މި ކިޔަނީ ޖަމީލު ދީދީ ސްކޫލް. އެ ސްކޫލާ އެކު މި ދެ ޕްރީ ސްކޫލުގެ ޖާގަ 24 ކްލާސްރޫމަށް ބަދަލުވެ ޖާގަ ދެވޭ ކުދިންގެ އަދަދު ގާތްގަނޑަކަށް 2،800 އަށް އަރާނެ. އަޅުގަނޑުމެން މި ބަލަނީ އޭރުން ފޭސް ދޭއްގައި ޕްރީ ސްކޫލަށް ދާން ޖެހޭ ހުރިހާ ކުދިންނަށް ޖާގަ ދެވޭނެ ކަމަށް."