Roadha Mihaaru
ސްޓީވް ޖޮބްސްގެ ދަރިންނަށް އައިޕެޑް ނުދިނީ ކީއްވެ؟

ސްޓީވް ޖޮބްސްގެ ދަރިންނަށް އައިޕެޑް ނުދިނީ ކީއްވެ؟

01 ސެޕްޓެމްބަރ 2022

ބޮޑެތި ޓެކް ކުންފުނިތަކުގެ ވެރިންނާއި އެ ކުންފުނިތަކުގެ އުފެއްދުންތަކާ ގިނަ ފަހަރަށް އޮންނަނީ ވަރަށް ފާޑެއްގެ ގުޅުމެކެވެ. އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސްގެ އަމިއްލަ ކުންފުނީގެ އެންމެ ކާމިޔާބު އެއް އުފެއްދުން ކަމަށްވާ "އައިޕެޑް" އަކީ އޭނާގެ ދަރިންނަށް މަނާ އެއްޗަކަށް ހަދާފައި އޮތުން އެއީ މިކަމުގެ ހެއްކެކެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ބޮޑެތި ޓެކް ކުންފުނިތަކުގެ ވެރިންނާއި އެ ކުންފުނިތަކުގެ އުފެއްދުންތަކާ ގިނަ ފަހަރަށް އޮންނަނީ ވަރަށް ފާޑެއްގެ ގުޅުމެކެވެ. އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސްގެ އަމިއްލަ ކުންފުނީގެ އެންމެ ކާމިޔާބު އެއް އުފެއްދުން ކަމަށްވާ "އައިޕެޑް" އަކީ އޭނާގެ ދަރިންނަށް މަނާ އެއްޗަކަށް ހަދާފައި އޮތުން އެއީ މިކަމުގެ ހެއްކެކެވެ.

ސްޓީވް ޖޮބްސް އޭނާގެ ދަރިންނަށް އައިޕެޑް ދިނުން މަނާކުރާ ކަމަށް މީގެ އަހަރުތަކެއް ކުރިން ހާމަކުރެއްވުމަކީ އެޕަލްގެ ފޭނުންނަށް ވެސް ލިބުނު ބޮޑު ހައިރާންކަމެކެވެ.

ސްޓީވް ޖޮބްސްގެ އިތުރުން އެމެރިކާގެ ސިލިކަން ވެލީގެ ޓެކް ކުންފުނިތަކުގެ ބޮޑެތި ވެރިން ވެސް މިފަދަ ވިސްނުންތަކެއް ގެންގުޅެ އެވެ.

ސްޓީވް ޖޮބްސްގެ ބަޔޮގްރަފީގައި، އޭނާގެ ދަރިންނަށް އައިޕެޑް ދިނުމަށް ދެކޮޅު ހަދާ ސަބަބު ހާމަކުރައްވާފައިވެ އެވެ. ވޯލްޓާ އައިޒެކްސަން ލިޔެފައިވާ ފޮތުގައި ބުނެފައިވަނީ ޖޮބްސް އޭނާގެ ދަރިން ސްކްރީންތަކަށް ދެވި ހިފަން ބޭނުން ނުވި ކަމަށެވެ.

"ޖޮބްސް ބޭނުންވާނެ ކޮންމެ ރެއަކު އާއިލާއާ އެކުގައި ރޭގަނޑު ކާން. އެގަޑީގައި އެންމެން ކެއުމުގައި ބައިވެރިވެ ވާހަކަ ދައްކައި ގުޅުން ވަރުގަދަ ކުރުމަށް ބޭނުންވާނެ. އެހެންވެ ފޯނާއި ކޮމްޕިއުޓަރު ބޭނުން ކުރުން މަނާކޮށްފައި އޮންނާނީ،" އެ ފޮތުގައި ބުނެފައިވެ އެވެ.

ޖޮބްސް ގަބޫލުކުރެއްވި ގޮތުގައި ގިނަ ސްކްރީންތައް ގެންގުޅުމަކީ ޓެކަށް ދެވި ހިފަން މެދުވެރިވާނެ ކަމެކެވެ. އެހެންވީމާ ސްކްރީންތަކަށް ދެވި ހިފާ މިންވަރު ކުޑަ ކުރުމަށްޓަކައި ދަރިންނަށް ބޭނުންކުރެވޭ ސްކްރީންތަކުގެ ލިމިޓު ވަނީ ކަނޑައަޅައިފަ އެވެ. އޭގެތެރެއިން އައިޕެޑް ގެންގުޅުން މަނާކުރީ އެހެންވެ އެވެ.

އެޕަލްގެ ޕްރޮޑަކްޓްތަކުގެ ތެރެއިން އައިޕެޑަކީ މީޑިއާ ބޭނުންކުރުމަށް އެންމެ ރަނގަޅު ޑިވައިސް އަށް ވެފައި އެއަށް ފަސޭހައިން ދެވި ހިފާ ކަމަށް ޖޮބްސް އިޝާރާތްކުރައްވާފައިވެ އެވެ.