Roadha Mihaaru
މުލީގެ އެއާޕޯޓުގެ ރަންވޭ 1،500 މީޓަރަށް ބޮޑުކުރަނީ

މުލީގެ އެއާޕޯޓުގެ ރަންވޭ 1،500 މީޓަރަށް ބޮޑުކުރަނީ، ބޭނުމަކީ ޖެޓްތައް ޖެއްސޭ ގޮތް ހެދުން

30 އޯގަސްޓް 2022

މުލީގެ އެއާޕޯޓު، ޖެޓްތަކަށް ޖެއްސޭ ގޮތަށް ބޮޑު ކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މުލީގެ އެއާޕޯޓު، ޖެޓްތަކަށް ޖެއްސޭ ގޮތަށް ބޮޑު ކުރަން ނިންމައިފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ އެއާޕޯޓުގައި ހަދަން ފުރަތަމަ އެއްބަސްވީ 1،200 މީޓަރުގެ ރަންވޭއެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެނދުމުގެ މަތިން ރަންވޭގެ ސައިޒު 1،500 މީޓަރަށް ބޮޑު ކުރަން މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއާއެކު އަގަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެކަމަކު އިތުރަށް ހަރަދުވާނީ ކިހާވަރެއް ކަން އަދި ޔަގީން ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މުލިީގެ އެއާޕޯޓު ބޮޑު ކުރަނީ ޕްރައިވެޓް ޖެޓްތަކަށް ޖެއްސޭނެ ގޮތް ފަހިކުރުމަށެވެ. އަދި އިތުރު 300 މީޓަރު ބޮޑު ކުރާތީ އެ އެއާޕޯޓު ތަރައްގީ ކުރަން ކުރިން ކަނޑައެޅި އަގު ކަމަށްވާ 222 މިލިއަން ރުފިޔާ އަށް އިތުރު 70 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އޭގެ މާނައަކީ މުލގެ އެއާޕޯޓުގެ އަގު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އަށް މަތިވުމެވެ.

މުލީގެ އެއާޕޯޓުގެ 30 ޕަސެންޓުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި ހިސާބަށް އެ ޕްރޮޖެކްޓް އެއްކޮށް ނިންމައިލުމެވެ. އެ އެއާޕޯޓުގެ ފަޔާ ބިލްޑިންގާއި ޕެސެންޖާ ޓާމިނަލް އަދި ރަންވޭގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

މުލީ އެއާޕޯޓުގެ އިތުރުން އަލިފުށި އެއާޕޯޓުގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެއާޕޯޓު ހެދުމަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.