Roadha Mihaaru

މަގޫދޫގެ އިހުތިޖާޖު: ގެންދަން އުޅުނީ މުލީ އެއާޕޯޓު ނިންމަން ބޭނުންވާ ވެލްޑިން މެޝިނެއް

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތަށް އެ ރަަށަށް ގެންގޮސްފައިވާ ވެލްޑިން މެޝިނެއް ގެންދަން އުޅުނީ މ. މުލީ އެއާޕޯޓުގެ މަސައްކަތަށް މި ވަގުތު އެ މެޝިން ބޭނުންވެގެން ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ގެންދަން އުޅުނީ މުލީއެއާޕޯޓު ނިންމަން ބޭނުންވާ މެޝިނެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

09 އެޕްރީލް 2025

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތަށް އެ ރަަށަށް ގެންގޮސްފައިވާ ވެލްޑިން މެޝިނެއް ގެންދަން އުޅުނީ މ. މުލީ އެއާޕޯޓުގެ މަސައްކަތަށް މި ވަގުތު އެ މެޝިން ބޭނުންވެގެން ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

މަގޫދޫ އެއާޕޯޓުގެ ބޮޑު ބައި މިހާރު ނިމިފައި ވާއިރު، ހަދަން ގެންގޮސްފައިވާ ބައެއް ސާމާނުތައް އެ ރަށުން އިއްޔެ ގެންދަން އުޅުމުން، ރައްޔިތުން ނުކުމެ ވަނީ އެކަން ހުއްޓުވައިފަ އެވެ.

އެ މައްސަލާގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ މަގޫދޫން ގެންދަން އުޅުނީ މިވަގުތަށް އެ ރަށުގެ އެއާޕޯޓުގެ މަސައްކަތަށް ބޭނުން ނުވާ ވެލްޑިން މެޝިނެއް ކަމަށެވެ. އެއޯ މުލީގެ އެއާޕޯޓު މި މަހުގެ 25 އަށް ނިންމަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ކްލަޔަންޓު ބޭނުންވާ ގޮތަށް މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެންދަން އުޅުނީ ވެލްޑިން މެޝިނެއް. އެއީ މި ވަގުތު މަގޫދޫ އެއާޕޯޓު ނިންމަން ބޭނުންވާ އެއްޗެއް ނޫން،" ސައުދީ ވިދާޅުވި އެވެ.

އެ މައްސަލާގައި މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު "މިހާރު" އަށް ވިދާޅުވީ އެމްޓީސީސީގެ އުޅަނދެއްގައި އިއްޔެ ފުރަތަމަ ގެންދަން މަސަައްކަތް ކުރީ ވެލްޑިން ޕްލާންޓެއް ކަމަށެވެ.

"އެހެންވެ، ރައްޔިތުންތަކެއް ގޮސް އުޅަނދުގެ ކައްޕި ކައިރީ އެހީމަ ބުނީ ހަމައެކަނި އެޔޭ [ވެލްޑިން ޕްލާންޓް] ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

މިހާރު މަސައްކަތް ހުއްޓާލާފައި އޮތް އެ އެއާޕޯޓުގެ މަސައްކަތަށް ގެނެސްފައިވާ އިތުރު ސާމާނުތަކެއް ވެސް ގެންދިއުމަށް އިއްޔެ މަސައްކަތް ކުރި ކަމަށް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 100 އެއްހާ ދަގަނޑު ހޮޅި އާއި މުށި ކަހަލަ އިތުރު ތަކެތި ވެސް ގެންދަން މަސައްކަތްކުރި އެވެ. އެކަމަކު ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރީ އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ދެތިން މަސް ފަހުން، އެ ޕްރޮޖެކްޓާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް، މަސައްކަތަށް ގެނައި ތަކެތި ގެންދިއުމަށެވެ.

ވަހީދު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އެތައް ބައިވަރު މުވައްޒަފުން އެތަނުގައި ކުރިން ތިބި ނަމަވެސް މިހާރު ތިބީ ފަސް ވަރަކަށް މީހުން ކަމަށެވެ. އެކި ސާމާނުތައް ރަށުން ގެންގޮސް ގެންގޮސް، މިހާރު އެތަނުގައި މަސައްކަތް ކުރެވޭނެ އެއްޗެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އޮތީ މަސައްކަތް ކުރެވޭ ދެތިން ހަތަރު އުޅަނދު،"

"ރައްޔިތުން މި ބުނަނީ ސާމާނު ގެންދާށޭ ކަންކަން ސާފުކޮށްދީފައި. މަސައްކަތް ހުއްޓާލީތޯ ނޫނީ މަސައްކަތް ކުރިއަށްދާ ނަމަ، ޕްލޭނަކީ ކޮބައިތޯ،"

ރައްޔިތުންގެ އިހުތިހާޖާޖާ ހެދި ރަށުން ސާމާނުތައް ނުބޭލުނު ނަމަވެސް އަދިވެސް އެމްޓީސީސީގެ އުޅަނދު ފަޅުގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕޮލިހުން ވެސް އެރަަށަށް ދިޔަ ކަމަށް ވިދާޅުވި އެވެ.

"ރޭގައި ޕޮލިހުން އަޅުގަނޑަށް ގުޅާފައި ބުނީ މިކަން ކޮށްދެވޭނެ މަގެއް ހޯދައިދޭށޭ. އެކަމަކު އަޅުގަނޑު ދެންނެވިން މިވަގުތު އެކަން ކޮށްފި ނަމަ، މަސްލަހަތު ގެއްލޭނެއޭ،" އޭނާ ވިދާޅުވި އެވެ.

މީގެ ތިން ވަރަކަށް މަސް ކުރިން އެ ރަށު އެއާޕޯޓުގެ މަސައްކަތް އެއްކޮށް ހުއްޓާލާފައި އޮތްއިރު ގާތްގަނޑަކަށް 75 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. އޭގެ ތެރޭގައި ރަންވޭގެ މަސައްކަތާއި ޓަވަރާއި ފަޔާ ސްޓޭޝަންގެ މަސައްކަތުން ވެސް ބޮޑު ބައެއް އޮތީ ނިމިފަ އެވެ.

މީގެ ދުވަސްތަކެއް ކުރިން ވެސް މަގޫދޫ ރައްޔިތުން ނުކުމެ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

އެ މައްސަލާގައި ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެއާޕޯޓު ޕްރޮޖެކްޓް ހުއްޓާލަން އެމްޓީސީސީ އަށް އަންގާފައިނުވާ ކަމަށެވެ.

އެ ރަށާ ވަރަށް ކައިރީގައި އޮންނަ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އަދި އެ މަސައްކަތް ކުރަމުން އެބަދެ އެވެ.

އެމްޓީސީސީން ހަދަމުން އަންނަ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

މަގޫދޫ އެއާޕޯޓް ހަދަނީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ. އެ އެއާޕޯޓުގައި ޖެޓުތައް ޕާކު ކުރެވޭނެ ސަރަހައްދަކާއި ފިއުލް ފާމަކާއި ވީއައިޕީ ލައުންޖެއް އަދި ސިޓީ ހޮޓަލެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ