04 ޖެނުއަރީ 2017
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމަށް މެރީޑިއަމް ކުންފުންޏާ އެކު ހެދި އެއްބަސްވުމަކީ އެމްޕީއެލްގެ ބޯޑުން ފާސްކުރި އެއްބަސްވުމެއް ނޫން ކަމަށާއި މެރީޑިއަމަކީ ތެޔޮ ވިއްކަން އެންމެ ދަށް އަގު ހުށަހެޅި ކުންފުނި ވެސް ނޫން ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމަށް މެރީޑިއަމް ކުންފުންޏާ އެކު ހެދި އެއްބަސްވުމަކީ އެމްޕީއެލްގެ ބޯޑުން ފާސްކުރި އެއްބަސްވުމެއް ނޫން ކަމަށާއި މެރީޑިއަމަކީ ތެޔޮ ވިއްކަން އެންމެ ދަށް އަގު ހުށަހެޅި ކުންފުނި ވެސް ނޫން ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެމްޕީއެލް އިން އެގޮތަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމް ކުންފުންޏާ އެކު އެމްޕީއެލް އިން ހެދި އެއްބަސްވުމަކީ ބޯޑުން ފާސްކުރި އެއްބަސްވުމެއް ކަމަށާއި އެ ކަމަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން އެންމެ ދަށް އަގެއް ހުށަހެޅީ މެރީޑިއަމުން ކަމަށް އެ ކުންފުނިން މިއަދު ބުނުމާ ގުޅިގެންނެވެ.
މެރީޑިއަމްގެ އެ ވާހަކަތައް ދޮގުކޮށް، އެމްޕީއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ހުރިހާ ކުންފުންޏަކަށް ތެލުގެ އެއްވެސް ބާވަތެއް ގަތުމުގެ އެއްބަސްވުމެއް ހަދާ ނަމަ އެ އެއްބަސްވުން އެ ކުންފުންޏެއްގެ ބޯޑުން ފާސް ކުރަން ޖެހޭއިރު، މެރީޑިއަމްގެ އެއްބަސްވުމަކީ އެމްޕީއެލްގެ ބޯޑުން ފާސްކުރި އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެކަން އެއްވެސް އިރަކު ބޯޑަށް އެޖެންޑާކޮށް އަދި ހުށަހަޅާފައި ވެސް ނެތް ކަމަށް ބަޔާނުގައިވެ އެވެ.
އެމްޕީއެލް އިން ހާއްސަ ގޮތެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ މިހާރުގެ ސީއީއޯ މުހައްމަދު ޖުނައިދު ޑިސެމްބަރު 5، 2013 އިން އޮކްޓޯބަރު 10، 2015 އަށް އެމްޕީއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި ދުވަސްވަރު ބޭއްވި ބޯޑުގެ އެއްވެސް ބައްދަލުވުމަކަށް މެރީޑިއަމްގެ އެއްބަސްވުން ހުށަހަޅައި އަދި އެޖެންޑާ ވެސް ނުކުރެ އެވެ.
"މިއަދާ ހަމައަށް ވެސް މިކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކަށް އެޖެންޑާ ކުރެވި އަދި ހުށަހެޅިފައެއް ނުވެ އެވެ،" ބަޔާނުގައިވެ އެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނިން މެރީޑިއަމާ އެކު އެއްބަސްވުން ހަދާފައި ވަނީ، ސަރުކާރުގެ ކުންފުނިތަކުގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވައިދުގެ 2.9 ވަނަ މާއްދާގެ 660 ވަނަ ޕޮއިންޓްގައި ބަޔާންކޮށްފައިވާ ގޮތާ ވެސް ހިލާފަށް ކަމަށެވެ. އޭގައި ވާ ގޮތުން ނަމަ ޑީސަލާއި އަޑީތެޔޮ ގަތުމަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވުމެއް ހަދާނަމަ، އެކަން ކުރަން ޖެހެނީ ކުންފުނީގެ ބޯޑަށް ހުށަހަޅައި ފާސްކޮށްގެން ކަމަށް އެމްޕީއެލް އިން ފާހަގަކުރެ އެވެ.
"މި ގަވައިދަށް އަމަލުކުރުމަށް 27 ފެބްރުއަރީ 2012 ގައި ބޭއްވި މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ 74 ވަނަ ޖަލްސާ އިން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް މެރީޑިއަމް ސާވިސަސް އާއި އެކު އެއްބަސްވުން ހަދާފައި ވަނީ މި ގަވައިދާ ވެސް ހިލާފަށެވެ،" އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ: އޭނާގެ މެރީޑިއަމް ކުންފުންޏާއި އެމްޕީއެލްއާ ދެމެދު ވަނީ އެއްބަސްވުމުގެ މައްސަލާގައި ބޮޑު ކޯޅުމެއް އުފެދިފައި.---ފައިލް ފޮޓޯ: މިހާރު
ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ދަށް އަގެއް ހުށަހެޅީ މެރީޑިއަމުން ކަމަށް އެ ކުންފުނިން ބުނާ ބުނުން ދޮގުކޮށް، އެމްޕީއެލްގެ ބަޔާނުގައި ބުނީ، އެކަމަށް ކުރިމަތިލި ފަސް ކުންފުނީގެ ތެރެއިން އެންމެ ދަށް އަގެއް ހުށަހެޅީ މެރީޑިއަމުން ނޫން ކަމަށެވެ. އެކަމަކު އެންމެ ދަށް އަގެއް ހުށަހެޅީ ކޮން ކުންފުންޏަކުން ކަމެއް ބަޔާނުގައި ބުނެފައެއް ނެތެވެ.
އެމްޕީއެލް އަށް ތެޔޮ ހޯދުމަށް މާޗް، 2015 ގައި ކުރިމަތިލި ފަރާތްތައް ވެސް އެ ކުންފުނީގެ ބަޔާނުގައި ވަނީ ހާމަކޮށްފަ އެވެ. އެއީ:
1- އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
2- ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
3- މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް
4- ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
5- ޑީސަލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
"އިސްވެ ދެންނެވިފައިވާ ހުރިހާ މައުލޫމާތުތަކަކީ ވެސް މި ކުންފުނީގެ ލިޔެކިޔުންތަކުން ފެންނަން ހުރި ސައްހަ މައުލޫމާތު ކަމުގައި ވެސް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
މެރީޑިއަމާ އެކު އެމްޕީއެލް އިން އެއްބަސްވުން ހެދީ އެމްޕީއެލްގެ ބޯޑުން ފާސްކޮށްގެން ކަން ކޯޓުގެ ހުކުމުން ވެސް އެނގޭނެ ކަމަށާއި އެމްޕީއެލް އިން ކަންކަން އޮޅުވާލަނީ ކަމަށް މެރީޑިއަމުން ބުނެފައިވާތީ އެއަށް ވެސް އެމްޕީއެލްގެ ބަޔާނުގައި ވަނީ ރައްދު ދީފަ އެވެ.
އެގޮތުން އެމްޕީއެލް އިން ބުނީ މެރީޑިއަމާ އެކު އެއްބަސްވުން ހެދީ "ބޯޑުން ކަން އެނގޭނެ ނުވަތަ ދޭހަވާނެ ފަދަ އެއްވެސް އިބާރާތެއް" ސިވިލް ކޯޓުގެ ގަޒިއްޔާގައި ނެތް ކަމަށެވެ.
ސަރުކާރުގެ ތެރެއިން އެހެން ބަޔަކާ ގުޅިގެން އެމްޕީއެލް އަށް ތެޔޮ ގަތުމަށް އެމްޕީއެލް އިން މަސައްކަތް ކުރާ ކަމަށް މެރީޑިއަމުން ބުނެފައިވާތީ އެކަން ކުށްވެރިކޮށް، އެމްޕީއެލް އިން ބުނީ އެއީ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް މެރީޑިއަމުން ދެއްކި ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓާލަން ބަޔާނުގައި ގޮވާލާފައިވެ އެވެ.
މެރީޑިއަމާ އެކު ހެދި އެއްބަސްވުން ދަމަހައްޓަން އަންގައި، ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމްޕީއެލް އިން ވަނީ ނިންމައިފަ އެވެ.
އެމްޕީއެލް އިން ދެކޭގޮތުގައި އެ ކުންފުނިން މެރީޑިއަމާ އެކު ހަދާފައި ވަނީ ބާތިލް އެއްބަސްވުމެކެވެ.
އެމްޕީއެލްއަށް ތެޔޮ ހޯދޭނީ މެރީޑިއަމުން އެކަނި
މެރީޑިއަމްގެ އެއްބަސްވުން އުވާލަން އެމްޕީއެލްއިން ކޯޓަށް
މެރީޑިއަމްގެ އެއްބަސްވުން ދަމަހައްޓަން ހުކުމްކޮށްފި
އެމްޕީއެލްގެ މައްޗަށް ނެރުނު އަމުރަށް ބަދަލެއް ނުގެނައި
އެމްޕީއެލްގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް
19 މިލިއަންގެ ބޮޑު ދައުވާ މެރީޑިއަމަށް ސާބިތެއް ނުވި
މެރީޑިއަމްގެ މައްސަލާގައި އެސްޓީއޯގެ ބަޔަކު ހާޒިރުކޮށްފި
އެމްޕީއެލް އާއި މެރީޑިއަމްގެ މައްސަލަ އޭސީސީން ބަލަނީ
މެރީޑިއަމާ އެކު އޮތީ ބާތިލް އެއްބަސްވުމެއް: އެމްޕީއެލް
މައްސަލަ އުޅެނީ އެމްޕީއެލް ތެރޭގައި: ރިޔާޒު