Roadha Mihaaru
މެރީޑިއަމްގެ މައްސަލާގައި އެސްޓީއޯގެ ބަޔަކު ހާޒިރުކޮށްފި

މެރީޑިއަމްގެ މައްސަލާގައި އެސްޓީއޯ މުވައްޒަފުންތަކެއް ހާޒިރުކޮށް، ހެކިބަސް ނަގައިފި

05 ޖޫން 2016

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ކްރެޑިޓަށް ނެގި ކަމަށް ބުނާ ތެލަށް 19 މިލިއަން ރުފިޔާ ހޯދަން އެސްޓީއޯއިން ކުރާ ދައުވާގެ ޝަރީއަތަށް އެސްޓީއޯގެ މުވައްޒަފުންތަކެއް ހާޒިރުކޮށް، ހެކިބަސް ނަގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ކްރެޑިޓަށް ނެގި ކަމަށް ބުނާ ތެލަށް 19 މިލިއަން ރުފިޔާ ހޯދަން އެސްޓީއޯއިން ކުރާ ދައުވާގެ ޝަރީއަތަށް އެސްޓީއޯގެ މުވައްޒަފުންތަކެއް ހާޒިރުކޮށް، ހެކިބަސް ނަގައިފި އެވެ.

މެރީޑިއަމްގެ މައްޗަށް އެސްޓީއޯއިން ދައުވާކުރަނީ 2010ގެ ފަހުކޮޅު މެރީޑިއަމުން ފަހުން ފައިސާ ދޭ ގޮތަށް ނެގި ކަމަށް ބުނާ ތެލަށް 19 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނެ އެ ފައިސާ ހޯދުމަށެވެ. އެކަމަކު މެރީޑިއަމުން ބުނަމުންދަނީ އެއީ ދޭންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

އެ މައްސަލާގައި އެސްޓީއޯގައި ފަސް މުވައްޒަފަކާއި އެ ތެޔޮ ދޫކުރި ކަމަށް ބުނާ ދުވަސްވަރު އެސްޓީއޯގައި މަސައްކަތް ކުރި މީހެއްގެ ހެކިބަސް ސިވިލް ކޯޓުން ވަނީ ނަަގައިފަ އެވެ. ހެކިބަސް ނަގާފައި ވަނީ އެސްޓީއޯއިން ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި މަސައްކަތް ކުރާ ހަތަރު މީހެއްގެ އާއި އޭރު ފުނަދޫގައި އެސްޓީއޯގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހާ އާއި އެސްޓީއޯ ހެޑް އޮފީހުުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އެވެ.

ފުނަދޫގައި މަސައްކަތްކުރާ ހަތަރު މީހުން ވެސް ބުނެފައިވަނީ އެ ދުވަސްވަރު އެކި ފަހަރުމަތިން މެރީޑިއަމަށް ތެޔޮ ދޫކޮށްފައިވާ ކަމަށާއި ދޫކުރި އަދަދެއް ބުނަން ނޭނގޭ ކަމަށެވެ. އޭރު ކޮންމެ ދުވަހަކު ހެން މެރީޑިއަމްގެ އެކި އުޅަނދުތައް ތެޔޮ ބަރުކުރަން ފުނަދޫއަށް އަންނަ ކަމަށާއި އޮންނަ އުސޫލުގެ މަތިން ތެޔޮ ދޫކޮށްފައިވާނެ ކަމަށް އެ މީހުން ބުންޏެވެ.

ފުނަދޫގައި އެންމެ އިސްވެރިއަކަށް މަސައްކަތް ކުރި މީހާ ވެސް ބުނެފައި ވަނީ އެކި ފަހަރުމަތިން މެރީޑިއަމަށް ތެޔޮ ދޫކޮށްފައިވާނެ ކަމަށާއި މެރީޑިއަމްގެ އުޅަނދުތައް ކޮންމެ ދުވަހަކު ހެން އޭރު ތެޔޮ ބަރުކުރަން އަންނަ ކަމަށެވެ. އަދި ބައެއް ދުވަސް ދުވަހު ނުރަސްމީ ގަޑީގައި ތެޔޮ ބަރުކުރަން ވެގެން މެރީޑިއަމްގެ ވެރިޔާ ރިޔާޒް ވެސް އޭނާއަށް ގުޅާ ކަމަށް އެ މީހާ ޝަރީއަތުގައި ބުންޏެވެ.

ނަމަވެސް މެރީޑިއަމަށް ފޮނުވި އެއްވެސް ބިލަކާ މެދު ދެކޮޅު ހަދައި، އެއީ އެ ކުންފުނިން ހޯދި ތެލެއް ނޫން ކަމަށް އެއްވެސް އިރަކު ފޮނުވާފައިނުވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ހަ ވަނައަށް ހެކިބަސް ނަގާފައިވަނީ އެސްޓީއޯ ހެޑް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާއަކީ އެ ފައިސާ މެރީޑިއަމުން ނުދެއްކުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ލިޔުންތަކުގެ ކޮޕީ ނެގުމުގައި އުޅުނު މީހާ އެވެ. އޭނާ ބުނެފައިވަނީ މެރީޑިއަމުން ނެގި ޑެލިވަރީ ނޯޓާއި ޕާޗޭސް އޯޑަރުތައް ފެނިފައިވާ ކަމަށެވެ.

އެ މައްސަލާގެ މުހިންމު ބައެއް ލިޔުންތަކެއް އެސްޓީއޯއިން ކުރިން ވަނީ ގެއްލިފަ އެވެ. އެންމެ ފުރަތަމަ އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އެ މައްސަލަ ހިނގަމުން ދަނިކޮށް 2012 ގައި އެސްޓީއޯއިން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ. އަލުން އެ މައްސަލަ ހުށަހެޅީ ކުރިން މައްސަލަ އަނބުރާ ގެންދިޔައީ އިދާރީ އޮޅުމަކުން ކަމަށް ބުނެއެވެ.