Roadha Mihaaru
މެރީޑިއަމްގެ އެއްބަސްވުން ދަމަހައްޓަން ހުކުމްކޮށްފި

މެރީޑިއަމް އާއި އެމްޕީއެލްގެ އެއްބަސްވުން ދަމަހައްޓަން ކޯޓުން ހުކުމްކޮށްފި

19 ޑިސެމްބަރ 2016

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރަން މެރީޑިއަމްއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން އަންގައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރަން މެރީޑިއަމްއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން އަންގައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ގޮތަށް ހުކުމް ކުރީ އެމްޕީއެލްގެ ވެހިކަލްތަކަށް ތެޔޮ ސަޕްލައި ކުރުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމާ ހަވާލުކޮށްފައި ވަނިކޮށް، އެހެން ފަރާތަކާ އެކަން ހަވާލުކޮށްގެން އެމްޕީއެލް އިން ތެޔޮ ހޯދަމުން ދާތީ އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ކުރިން ވަނީ، މެރީޑިއަމް ނޫން އެހެން ފަރާތަކުން ތެޔޮ ނުހޯދަން އަންގައި އެމްޕީއެލްގެ މައްޗަށް ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.

އެ އަމަރު އެމްޕީއެލް އިން ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައި ވަނިކޮށް، ސިވިލް ކޯޓުގައި މިއަދު މެންދުރު ފަހު ބޭއްވި ޝަރީއަތުގައި މެރީޑިއަމްއާ އެއްކޮޅަށް ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު، އެ ހުކުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މެރީޑިއަމުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އެމްޕީއެލްގެ ވެހިކަލްތަކަށް ތެޔޮ ސަޕްލައި ކުރުން މެރީޑިއަމާ ހަވާލުކުރީ މިިދިޔަ އޭޕްރީލް މަހު އެވެ. އެ އެއްބަސްވުން އެ ގޮތަށް އޮއްވާ، އެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމަކީ އެއްބަސްވުމުގެ މަގްސަދާ ހިލާފް ކަމެއް ކަމަށް އެ މައްސަލައިގައިވެ އެވެ.

އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި މެރީޑިއަމް އަތުން ތެޔޮ ގަތުން ހުއްޓާލީ އެމްއީއެލް އަށް މިލިއަން ރުފިޔާ އިން ގެއްލުންވާތީ އާއި މެރީޑިއަމުން ތެޔޮ ސަޕްލައި ކުރުމުގައި އޮޅުވާލައި އަދި ތެޔޮ ސަޕްލައި ކުރާ މިންވަރު ޔަގީން ނުކުރެވޭތީ އެވެ. އެކަމަކު، އެ ތުހުމަތުތައް މެރީޑިއަމުން ދޮގުކުރެ އެވެ.

ތެލުގެ ވިޔަފާރީގައި މެރީޑިއަމާއި އެމްޕީއެލްއާ ދެމެދު މައްސަލަ ޖެހިފައިވާ އިރު، މީގެ ކުރިން އެސްޓީއޯ އިން ކްރެޑިޓަށް ގަތް ތެލަށް މެރީޑިއަމުން 19.3 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ވެސް ނިމުނީ މެރީޑިއަމް ކޮޅަށެވެ. އެކަމަކު އެސްޓީއޯ އިން މިހާރު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.