Roadha Mihaaru
ޔޫރަޕް އާދަޔާ ޚިލާފު ހަނަފަސްކަމެއްގެ ތެރޭގައި

ޔޫރަޕަށް 500 އަހަރުގެ ތެރޭގައި ކުރިމަތިނުވާ ހަނަފަސްކަމެއް

24 އޯގަސްޓް 2022

މިދިޔަ 500 އަހަރުގެ ތެރޭގައި ޔޫރަޕަށް ކުރިމަތިވެފައިނުވާ ފަދަ ހަނަފަސްކަމެއް މިހާރު ޔޫރަޕަށް ކުރިމަތިވެ، އިންސާނީ އަދި ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް، ޔޫރަޕިއަން ޑްރޯޓް އޮބްޒަވޭޓާރީ (އީޑީއޯ) އިން އިއްޔެ ބުނެފި އެވެ.

މިދިޔަ 500 އަހަރުގެ ތެރޭގައި ޔޫރަޕަށް ކުރިމަތިވެފައިނުވާ ފަދަ ހަނަފަސްކަމެއް މިހާރު ޔޫރަޕަށް ކުރިމަތިވެ، އިންސާނީ އަދި ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް، ޔޫރަޕިއަން ޑްރޯޓް އޮބްޒަވޭޓާރީ (އީޑީއޯ) އިން އިއްޔެ ބުނެފި އެވެ.

ޔޫރަޕިއަން ކޮމިޝަނުން ބަލަހައްޓާ އެ އިދާރާ އިން ބުނި ގޮތުގައި ޔޫރަޕް ބައްރުގެ ތިން ބައިކުޅަ ދެބައި މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ. ބައެއް ގައުމުތަކުގެ ކޯރުތައް ހިނދުމުގެ ސަބަބުން، ކޯރުތަކުން ކުރާ ކަނޑު ދަތުރުތަކަށް ހުރަސްއެޅި، ކަރަންޓު އުފެއްދުމުގެ ސިނާއަތަށް ބުރޫ އަރައި، ދަނޑުވެރިކަން ވެސް މިހާރު އޮތީ ނެތިދިއުމުގެ ބިރާ ކުރިމަތިވެފަ އެވެ.

އެ އިދާރާ އިން ނެރުނު މި މަހުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އާދަޔާ ޚިލާފަށް ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން، ބިމުގެ ފަސްގަނޑުގެ ތެތްކަން ވަރަށް ބޮޑަށް ހިކުމުގެ ސަބަބުން، ޔޫރަޕްގެ 47 ޕަސެންޓް މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގަ އެވެ. އަދި ޔޫރަޕްގެ ގަސްގަހާގެއްސަށާއި ދަނޑުވެރިކަމަށް ވެސް ވަނީ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފަ އެވެ.

މި އަހަރު ފެށުމާއެކު ޔޫރަޕްގެ ގިނަ ސަރަހައްދުތަކަކަށް ވަނީ އާދަޔާ ޚިލާފަށް ހޫނުމިން މަތިވާން ފަށައިފަ އެވެ. އަދި މި އޮގަސްޓް މަހުގެ ތެރޭގައި ހޫނުމިން ވަކިން ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް އީޑީއޯގެ ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި ހުޅަނގު ޔޫރަޕާއި މެޑިޓެރޭނިއަން ކަނޑު ގުޅޭ ސަރަހައްދުގެ ހޫނުމިން، އަންނަ ނޮވެމްބަރު މަހާ ހަމައަށް އިތުރަށް މަތިވަމުން ގޮސް، ހަނަފަސްކަން ވެސް އިތުރުވާނެ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ހޫނުކަމުގެ ސަބަބުން، ބައެއް ގައުމުތަކުގެ ޖަންގަލިތަކުގައި ރޯވެ، އެތައް އޭކަރެއްގެ ގަސްތައް ވަނީ އަނދައި އަޅިއަށްވެފަ އެވެ. އޭގެ އިތުރުން ހޫނުމިން މަތިވުމާ ގުޅިގެން އެތައް ބަޔަކު މަރުވެ ސިއްހީ އެތައް މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

މިއަހަރުގެ ހޫނު މޫސުމުގެ ދަނޑުވެރިކަން ވެސް ވަނީ މިދިޔަ އަހަރުތަކާ އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ ފަސް އަހަރުގެ ހޫނު މޫސުމުގައި ދަނޑުވެރިކަން ހުރި ނިސްބަތާ އަޅައި ބަލާއިރު، މިއަހަރުގެ ޒުވާރީގެ އުފެއްދުންތެރިކަން 16 ޕަސެންޓަށް ވުރެ ދަށްވާނެ އެވެ. އަދި ސޯއިބީންގެ އުފެއްދުންތެރިކަން 15 ޕަސެންޓަށް ވުރެ ދަށަށް އަދި ސަން ފްލާވާގެ އުފެއްދުންތެރިކަން 12 ޕަސެންޓަށް ވުރެ ދަށަށް ދާނެ ކަމަށް އަންދާޒާކުރެވެ އެވެ.

ކޯރުތައް ހިނދުމާއި ކޯރުތަކުން ފެން މަދުވުމުގެ ސަބަބުން، ކޯރުތަކުގެ އޮއިވަރުން ކަރަންޓު އުފައްދާ ނިޒާމުތައް ހިންގުމަށް ވަނީ ހުރަސް އެޅިފަ އެވެ. ހަމައެފަދައިން، ކޯރުތަކުން ފެން ލިބުން މަދުވުމާ ގުޅިގެން، ޖަނަރޭޓަރުތަކުގެ ފިނިކުރާ ނިޒާމުތަކަށް ފެން ފޯރުކޮށްނުދެވޭތީ، ޖަނަރޭޓަރުތަކުން ކަރަންޓު އުފެއްދުމަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ.

މީގެ އިތުރުން ކޯރުތައް ހިނދުމާ ގުޅިގެން، އެއް ގައުމުން އަނެއް ގައުމަށް އެއްގަމު ތެރެއިން ކުރާ ކަނޑު ދަތުރުތަކަށް ވަނީ ހުރަސް އެޅިފަ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގެ ދެމެދުގައި ބޯޓުދެއްޔާއި ޕެޓްރޯލާއި ޑީސަލް އަދި ގޭހުގެ ބާވަތްތައް ހިފައިގެން ދަތުރުކުރަނީ ކޯރުތަކުގެ ތެރެއިން ކަމަށްވާތީ، ކޯރުތައް ހިނދުމާ ގުޅިގެން އެފަދަ ދަތުރުތަކަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ.