Roadha Mihaaru
17 ދަރިން ވިހެއުމަށް ފަހު ދަރިން ހޯދުން ހުއްޓާލައިފި

އިންޑިއާ މީހަކު 17 ދަރިން ވިހެއުމަށް ފަހު ދަރިން ހޯދުން ހުއްޓާލައިފި

06 ޖެނުއަރީ 2017

ގިނައިން ވިހާތީ އިންޑިއާގެ ގުޖްރާތު ސްޓޭޓްގައި މަޝްހޫރުވެފައިވާ ދެމަފިރިއަކު 17 ވަނަ ދަރިފުޅު ލިބުމަށްފަހު ދެން އިތުރަށް ދަރިން ނުހޯދަން ނިންމައިފި އެވެ. މި ދެމަފިރިންނަށް 16 އަންހެން ދަރިންނާއި ފިރިހެން ދަރިއަކު ލިބިފައިވެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ގިނައިން ވިހާތީ އިންޑިއާގެ ގުޖްރާތު ސްޓޭޓްގައި މަޝްހޫރުވެފައިވާ ދެމަފިރިއަކު 17 ވަނަ ދަރިފުޅު ލިބުމަށްފަހު ދެން އިތުރަށް ދަރިން ނުހޯދަން ނިންމައިފި އެވެ. މި ދެމަފިރިންނަށް 16 އަންހެން ދަރިންނާއި ފިރިހެން ދަރިއަކު ލިބިފައިވެ އެވެ.

ރާމްސިން، 44 އާއި އަންހެނުން ކާނޫ ސަންގޮޓް، 40، "ޓިއުބެކްޓަމީ" ހަދައި ދަރިން ނުލިބޭ ގޮތް ހަދަން އެއްބަސްވީ އަވަށުގެ އެތައް ބަޔަކު އެ މީހުންނަށް އެގޮތަށް ނަސޭހަތް ދިނުމުންނެވެ.

ގުޖްރާތުގެ ގަބީލާ ސަރަހައްދެއް ކަމަށްވާ ދަހޯދްގެ މި ދެމަފިރިންގެ ވާހަކަ އެންމެ ފުރަތަމަ ނޫސްތަކަށް އެރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެއީ 17 ވަނަ އަށް ފިރިހެން ކުއްޖެއް ލިބޭނެ ކަމަށް އުންމީދުކޮށްގެން ތިއްބާ އަންހެން ކުއްޖަކު ލިބުމުންނެވެ. ކާނޫ އެ ފަހަރު ބަލިވެ އިނީ އެ ދެމަފިރިންނަށް ލިބިފައިވާ 13 އަންހެންދަރިން ބަލާނެ ފިރިހެން ކުއްޖަކަށް އުންމީދުކުރަމުންނެވެ. ނަމަވެސް އެ ފަހަރު ވެސް ލިބުނީ އަންހެން ކުއްޖެކެވެ.

ކާނޫ ބުނީ ދެ ފިރިހެން ދަރިން ތިބުން އޭނާގެ ފިރިމީހާއަށް ވަރަށް މުހިންމު ކަމަށެވެ. ސަބަބަކީ އަންހެން ދަރިންގެ ގިނަ ކަންތައްތަކުގެ ޒިންމާ ފިރިހެން ކުދިންގެ ބޮލުގައި އެޅޭތީ އެވެ. މިހާރު އެމީހުންގެ ހުރީ އެންމެ ފިރިހެންކުއްޖަކަށް ވާތީ 13 އަންހެންކުދިންގެ ޒިންމާ އެންމެ ކުއްޖަކަށް ނުފުލޭނެކަމަށް ކާނޫ އާއި އޭނާގެ ފިރިމީހާ ދެކެ އެވެ.

ރާމްސިން ޓައިމްސް އޮފް އިންޑިއާއާ ވާހަކަ ދައްކަމުން ބުނީ އޭނާގެ އަންހެނުން ނުވިހާގޮތް ހަދަން އެއްބަސްވީ އަވަށުގެ މީހުން ދިން ނަސޭހަތުގެ ސަބަބުން ކަމަށެވެ. އަދި ފިރިހެން ދަރިއެއްގެ އުންމީދުގައި އާއިލާ މާ ބޮޑުކޮށްގެން ހުރިހާ ކުދިންނަށް އެކަށީގެންވާ ގޮތުގައި އަޅާ ނުލެވޭނެކަން އޭނާ ގަބޫލުކުރެ އެވެ.

ރާމްސިން އާއި ކާނޫގެ 16 ވަނަ ދަރިފުޅު ވިހެއީ ސެޕްޓެމްބަރު 2015 ގައެވެ. އެފަހަރު ވެސް ލިބުނީ އަންހެންކުއްޖެކެވެ. އެހެންވެ އަނެއްކާވެސް ފިރިހެން ދަރިއަކު ހޯދުމުގެ އުންމީދުގައި 17 ވަނަ ކުއްޖަކު ވެސް ހޯދީ އެވެ. މި ދަރިފުޅަށް އެމީހުން ނަމެއް ވެސް ނުކިޔަ އެވެ.

މި ދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ވިޖޭ އުފަންވީ 2013 ގަ އެވެ.

"ފުރަތަމަ އަހަރެން ފިރިހެން ދަރިއަކު ބޭނުންވީ މުސްކުޅިވާ ދުވަހަށް. ނަމަވެސް މާ ގިނަ އަންހެން ދަރިން ލިބުމުން އެ ދަރިންގެ ކަންތައްތައް ކޮށްދޭނެ ފިރިހެން ދަރިއަކު އަނެއްކާވެސް ބޭނުންވީ. ނަމަވެސް އެގޮތަކަށް އެކަމެއް ނުވި،" ރާމްސިން ބުންޏެވެ.

ރާމްސިން އާއި އޭނާގެ ބޮޑު އާއިލާ ދިރިއުޅެނީ ކިސަޑުން ހަދާފައިވާ ކުޑަކުޑަ ގެއެއްގަ އެވެ. އެމީހުން ކާންބޯންކުރާ މަސައްކަތަކީ ޒުވާރި އާއި ގޮދަން ހެއްދުމެވެ. ދެމަފިރިން ވެސް ދަނޑުގައި މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތް ކޮށްގެން އާއިލާގެ ޚަރަދުތައް ފޫބައްދަ އެވެ. ރާމްސިންގެ 16 އަންހެން ދަރިންގެ ތެރެއިން ދެ ކުދިން ވަނީ މަރުވެފަ އެވެ. އިތުރު ދެ ކުއްޖަކު ކައިވެނިކޮށްގެން މިހާރު ވަނީ ފިރިންގެ ގެޔަށް ބަދަލުވެފަ އެވެ. އެހެން ދެ ކުއްޖަކު ތަންކޮޅެއް ދުރުގައި އޮންނަ އަވަށަކަށް ދަނޑުވެރިކަން ކުރަން ވަނީ ފޮނުވާލައިފަ އެވެ.