Roadha Mihaaru
ސަލްމާން ރުޝްދީއަށް ހަމަލާދިން މީހާ އިއުތިރާފެއް ނުވި

ސަލްމާން ރުޝްދީއަށް ހަމަލާ ދިން މީހާ ކުށަށް އިއުތިރާފެއް ނުވި

14 އޯގަސްޓް 2022

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަވާ ގޮތަށް އަދި ކީރިތި ގުރުއާނަކީ އަމިއްލަ ވާހަަކަތަކެއް ކަމަށް ސިފަކޮށް ފޮތެއް ލިޔުނު ސަލްމާން ރުޝްދީއަށް ހަމަލާ ދިން މީހާ ކޯޓަށް ހާޒިރުކުރުމުން ތުހުމަތުތަކަށް އިންކާރުކޮށްފި އެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަވާ ގޮތަށް އަދި ކީރިތި ގުރުއާނަކީ އަމިއްލަ ވާހަަކަތަކެއް ކަމަށް ސިފަކޮށް ފޮތެއް ލިޔުނު ސަލްމާން ރުޝްދީއަށް ހަމަލާ ދިން މީހާ ކޯޓަށް ހާޒިރުކުރުމުން ތުހުމަތުތަކަށް އިންކާރުކޮށްފި އެވެ.

ސާތާނިކް ވާސަސްގެ ނަމުގައި 1988 ވަނަ އަހަރު ޝާއިއުކުރި ފޮތުގެ މައްސަލާގައި މަރުުގެ އިންޒާރުތައް ލިބެން ފެށުމުން ފިލައިގެން އުޅެމުން އައި ސަލްމާން ރުޝްދީގެ ކަރާއި މޫނާއި ބަނޑުގެ 10 ތަނަކަށް ވަޅިން ހަމަލާ ދިނީ އަދަބީ ފެއާއެއްގައި ސްޓޭޖްމަތީ ވާހަކަ ދައްކަން ހުއްޓަ އެވެ.

އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަށް ހަމަލާ ދިން މީހާގެ މައްސަލާގައި ކޯޓުގައި ވާހަކަ ދައްކެވި ޕްރޮސިކިއުޓަރު ވިދާޅުވީ ކަރުގެ ކަނާތްފަރާތަށް ތިން ތަނަކަށް ވަޅިން ހަމަލާ ދީފައިވާ ކަމަށާއި ބަނޑަށް ހަތަރު ފަހަރު ވަޅި ހަރާފައިވާ ކަމަށާއި ކަނާތު ލޯމަތީގައި ޖެހުމުން ވަރަށް ބޮޑަށް ހަލާކު ވެސް ވެފައިވާ ކަމަށެވެ.

އެމެރިކާ ރައްޔިތެއް ކަމަށްވާ ހާދީ މަތާރް، 24، ވަނީ ހަމަލާ ދިން ތަނުން ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ މީހަކު މަރަން އުޅުމުގެ ދައުވާ އާއި ނުރައްކާތެރި ހަތިޔާރަކުން، މީހަކު މަރުވެދާނެ ފަދަ ހަމަލާތަކެއް ދިން ކަމުގެ ދައުވާއަށް އިންކާރުކޮށްފައި ކަމަށް އޭނާގެ ވަކީލް ނަތަނިއެލް ބެރޯން ސީއެންއެން އަށް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ މަތާރް ގެންދަނީ ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށެވެ. އެކަމަކު އޭނާ ތަފްސީލެއް ނުދެއްވަ އެވެ.

މަތާރަށް ކަފާލާތު ނުދޭން ކޯޓުން ނިންމުމުން މިހާރު ހުރީ ޖަލުގަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 32 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެ އެވެ.

އެފްބީއައި އިން މިހާރު ގެންދަނީ ހަމަލާ ދިން ސަބަބު ހޯދުމަށާއި މަތާރާ ގުޅުން އޮންނަނީ ކޮން ބަޔަކާތޯ ބެލުމަށް މަސައްކަތްކުރަމުންނެވެ. މަތާރަކީ ލުބްނާނުން އެމެރިކާއަސް ހިޖުރަކުރި ދެމަފިރިއެއްގެ ދަރިއެކެވެ. އޭނާ އުފަންވީ ވެސް އެމެރިކާގަ އެވެ.

ހަމަލާގައި ލިބުނު ޒަހަމްތަކާ އެކު ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު ސަލްމާން ރުޝްދީ މިހާރު ވަނީ ވެންޓިލޭޓަރުން ނައްޓާލައިފަ އެވެ. މިހާރު އޭނާއަށް ވާހަކަ ދެއްކޭ ކަމަށާއި އެކަމަކު އަނިޔާތަކުގެ ސަބަބުން އެއް ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިއާގެ މުސްލިމް އެކަމަކު ދީންވެރި ނޫން އާއިލާއަކަށް އުފަން ރުޝްދީ، 75، އަކީ މިހާރު އެއްވެސް ދީނެއް ގަބޫލުކުރާ މީހެއް ނޫނެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރުމުގައި އެމެރިކާގައި އުޅޭ ރުޝްދީ ފުރަތަމަ މަޝްހޫރުކަން ހޯދީ 1981 ގައި ލިޔުނު "މިޑްނައިޓްސް ޗިލްރެން". ފޮތުންނެވެ. އެކަމަކު 1988 ގައި ލިޔުނު :ސާތާނިކް ވާސަސް" އާ އެކު އީރާންގެ އިންގިލާބީ ލަޝްކަރުގެ ލީޑަރު އާޔަތުﷲ ރޫހުﷲ ޚާމަނާއީ ވަނީ ރުޝްދީ މަރަންޖެހޭ ކަމަށް ބުނެ ފަތުވާއެއް ނެރެފަ އެވެ. އެކަމަކު ޚާމަނާއީ އަވަހާރަވުމުން އީރާން ސަރުކާރުން ބުނެފައިވަނީ އެ ފަތުވާއަށް ސަރުކާރުން އަމަލު ނުކުރާ ކަމަށެވެ.