Roadha Mihaaru
10 ލަނޑުން ބިސްބުރު ބަލިކޮށް ސަސް ކުއާޓާ އަށް

ބިސްބުރު ކޮޅަށް 10 ލަނޑުޖަހައި ސަސް އެފްއޭ ކަޕް ކުއާޓާ އަށް

12 އޯގަސްޓް 2022

ބިސް ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 10-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބިސް ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 10-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދަތުރުކޮށްފި އެވެ.

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް މި ބާއްވަނީ ފަސް އަހަރަށް ފަހު އެވެ. އެފްއޭ ކަޕްގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ 2017 ވަނަ އަހަރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އޭގެ ފަހުން މިދިޔަ ހަތަރު އަހަރު މުބާރާތް ބާއްވާފަ އެއް ނުވެ އެވެ. މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފައި ނުވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.

އަންނަ އަހަރު ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ކަށަވަރު ކުރަން ރެލިގޭޝަންގައި ކުޅެން ޖެހޭ ސަސް މިއަދުގެ މެޗުން މޮޅުވުމުން ކުއާޓާގައި އަންނަ ހޯމަ ދުވަހު ނުކުންނަން ޖެހޭނީ ކްލަބް އީގަލްސް އާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ސަސްގެ އަހުމަދު އައިހަމް ވަނީ ހެޓްރިކު ހަދައިފަ އެވެ.

މެޗު ފެށިގެން ހަވަނަ މިނެޓްގައި ސަސް އަށް ލިޑް ނަގައިދިނީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. ބިސް ބުރުގެ ހާފުގެ ތެރެއިން މުހައްމަދު ޝަހާއު ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ އަތީގް ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.

އައިހަމްގެ ފުރަތަމަ ލަނޑު އޭނާ ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ބިސްބުރުގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން އައިހަމް ފޮނުވާލީ ފާރެއްހެން ތިބް ކުޅުންތެރިންގެ ބޯ މަތިންނެވެ. ބޯޅަ ގޯލަށް ވަނީ ބިސްބުރުގެ ކީޕަރު އަޒުހާން މުހައްމަދުގެ އަތުގައި ޖެހިފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޝަހާއު ޖެހީ 33 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ތެރެއިން އަތީގް ބޯޅަ މަތިން ފޮނުވާލީ އެ ބޯޅަ އަށް ޝަހާއު އަރާކަން އެނގިގެންނެވެ. އޭނާ ވަނީ ބޮލުން ބޯޅަ ކޮއްޕާލައި ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެެެ.

ސަސްގެ އަނެއް އަށް ލަނޑު އެ ޓީމުން ޖެހީ ދެވަނަ ހާފުގެ ގާގްނޑަކަށް އެންމެ ފަހު 25 މިނެޓްގެ ތެރޭގަ އެވެ. ދެވަނަ ހާފުގައި އެ ޓީމުގެ ފުރަތަމަ ލަނޑު 64 ވަނަ މިނެޓްގައި ޖެހީ އަހުމަދު ހުޝާމް އެވެ. އޭނާ ވެސް މެޗުގައި ދެ ލަނޑު ޖެހި އެވެ. ފަސަވްނަ ލަނޑު ޖެހިުި އަލީ ނަސޫހް ރަޝީދު ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އައިހަމްގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 70 ވަނަ މިނެޓްގަ އެވެ.

އޭގެ ހަ މިނެޓް ފަހުން ހުޝާމް ވެސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. އަދި 82 ވަނަ މިނެޓްގައި ނަސޫހުގެ ދެވަނަ ލަނޑު އޭނާ ޖެހި އެވެ. ސަސްގެ ނުވަ ވަނަ ލަނޑު އަހުމަދު ހަމީދު ޖެހީ 87 ވަނަ މިނެޓްގަ އެވެ. ލިބުނު ޕެނަލްޓީ އަކުން އައިހަމް ހެޓްރިކު ހެދީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ތިން މިނެޓްގެ ތެރެއިން ދެވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ.