Roadha Mihaaru
ނިއު އާއި މަހިބަދޫގެ މެޗު މިރެއަށް ފަސްކޮށްފި

ދެވަނަ ޑިވިޝަން: ނިއު އާއި މަހިބަދޫގެ މެޗު މިރެއަށް ފަސްކޮށްފި

11 އޯގަސްޓް 2022

މާލެއަށް މިއަދު ކުރަމުން ގެންދާ ބޯ ވިއްސާރައިގެ ސަބަބުން ގަލޮޅު ދަނޑުގައި ފެންހެދިފައި ވާތީވެ، ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް މިއަދު ހަވީރު ކުޅެން އޮތް މިރެއަށް ފަސްކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާލެއަށް މިއަދު ކުރަމުން ގެންދާ ބޯ ވިއްސާރައިގެ ސަބަބުން ގަލޮޅު ދަނޑުގައި ފެންހެދިފައި ވާތީވެ، ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް މިއަދު ހަވީރު ކުޅެން އޮތް މިރެއަށް ފަސްކޮށްފި އެވެ.

ދެ ވަނަ ޑިވިޝަނުގެ ގުރޫޕް ބީ ގެ މި މެޗް އެންމެ ފުރަތަމަ ތާވަލް ކުރެވުނީ މި މަހުގެ އެއްވަނަ ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅޭށެވެ. އެ ދުވަހުގެ މެޗު ފަސްކުރަން ޖެހުނީ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގެ ސަބަބުން މަހިބަދޫ ޓީމަށް މެޗު ކުޅެން މާލެއަށް ދަތުރު ނުކުރެވިގެންނެވެ.

މިއަދު މެންދުރުން ފެށިގެން މާލެއަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔަ ނަމަވެސް ބޯކޮށްލީ 3:30 ހާއިރު އެވެ. މެޗު ފަށަށް ތާވަލް ކޮށްފައި އޮތީ ހަވީރު 4 ޖަހާއިރަށެވެ.

ދެވަނަ ފަހަރަށް މެޗު ފަސްކުރިކަން އެފްއޭއެމުން މީޑިއާ އަށް އެންގީ ހަވީރު 5:30 ކަން ހާއިރެވެ. އަދި އެފްއޭއެމުން އަންގާ ގޮތުގައި މޫސުން ތަން ދޭ ނަމަ ނިއުރޭޑިއަންޓާއި މަހިބަދޫގެ މެޗު މިރޭ 10 ޖަހާއިރު ކުޅޭނެ އެވެ.

ނިއު އާއި މަހިބަދޫގެ މި މެޗަކީ މިއަހަރުގެ ދެ ވަނަ ޑިވިޝަނުގެ ގުރޫޕް ސްޓޭޖުގައި ކުޅޭނެ އެންމެ ފަހު މެޗެވެ. އަދި މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ވެސް ޔަގީން ވާނީ މި މެޗަށް ފަހު އެވެ.

ގުރޫޕް ބީ އިން ސެމީގެ ޖާގަ ޔަގީން ކޮށްފައި ވަނީ ކްލަބް ޓީނޭޖެވެ. ނަމަވެސް ނިއު އާއި އެލްޓީ ސްޕޯޓްސް ކުލަބަށް ވެސް ސެމީއަށް ދަތުރު ކުރުމުގެ ފުރުސަތު އަދި އެބަ އޮތެވެ.

އެލްޓީ ސްޕޯޓްސް އަށް ސެމީގެ ޖާގަ ލިބޭނީ މަހިބަދޫ އިން ނިއު ބަލިކޮށްގެންނެވެ. މި މެޗު އެއްވަރު ވެއްޖެ ނަމަ ނިއު އަށް ގުރޫޕުގެ ދެވަނަ ލިބޭ އިރު، މެޗު ކާމިޔާބު ކޮށްގެން ގުރޫޕުގެ އެއް ވަނަ ހޯދުމުގެ ފުރުސަތު ވެސް ނިއު އަށް އެބަ އޮތެވެ.