Roadha Mihaaru
ސެމްސަންގުން އާ ދެ ފޯނު؛ އެއް ފޯނު 1800 ޑޮލަރަށް

ސެމްސަންގުން އާ ދެ ފޯނު ދައްކާލައިފި، އަގު 1،000 އާއި 1،800 ޑޮލަރާ ދެމެދުގައި

10 އޯގަސްޓް 2022

ފަތްޖެހޭ އާ ދެ ފޯނެއް ސެމްސަންގުން މިއަދު ދައްކާލައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ފަތްޖެހޭ އާ ދެ ފޯނެއް ސެމްސަންގުން މިއަދު ދައްކާލައިފި އެވެ.

ގެލެކްސީ ޒެޑް ފްލިޕް 4 އާއި ގެލެކްސީ ޒެޑް ފޯލްޑް 4 ތައާރަފްކުރުމަށް ބޭއްވި އިވެންޓްގައި ބުނީ މިއީ ސެމްސަންގުން މިހާތަނަށް ހެދި ފަތްޖެހޭ އެންމެ ވަރުގަދަ ދެ ފޯނު ކަމަށެވެ. އެއީ އޭގައި ބޭނުންކޮށްފައިވާ ވަރުގަދަ އެލްމިނިއަމް ފްރޭމާއި ދެ ފަރާތުގައި ލާފައިވާ ކޯނިން ގްލާސްގެ ބާރާ އެކުގަ އެވެ.

މީގެ ތެރެއިން ގެލެކްސީ ޒެޑް ފްލިޕް 4 ގެ އަގަކީ 999.99 ޑޮލަރު (15،420ރ.) އެވެ. ޒެޑް ފޯލްޑް 4 ގެ އަގަކީ 1،799.99 ޑޮލަރު (27،756ރ ) އެވެ.

ޒެޑް ފްލިޕް 4 އަކީ ފަތްޖަހާލުމުން ހަތަރެސްކަނަށް އޮންނަ، ޖީބަށް ލައިގެން އުޅެން ފަސޭހަކޮށް ހަދާފައިވާ ފޯނެކެވެ. މި ފޯނު ހުޅުވާލުމުން ސްކްރީންގައި 6.7 އިންޗީގެ ސްކްރީނެއް އިންނާނެ އެވެ. ޒެޑް ފޯލްޑް 4 އަކީ ތުނިކޮށް އޮންނަ، އަދި ހުޅުވާލުމުން ޓެބްލެޓް ސައިޒަށް 7.6 އިންޗީގެ ސްކްރީނެއް އިންނަ ފޯނެކެވެ.

އޯގަސްޓަކީ ސެމްސަންގުން އާންމުކޮށް އެ ކުންފުނީގެ އެންމެ މޮޅު ފޯނުތައް ނެރޭ މަހެވެ. އެއީ ސެޕްޓެމްބަރަކީ ވާދަވެރި އެޕަލް އިން އާންމުކޮށް ފޯނު ނެރޭ މަސް ކަމަށް ވާތީ އޭގެ ކުރިން މާކެޓްގައި ނަން ހިންގާލުމަށެވެ.

ސްމާޓް ފޯން މާކެޓްގައި، ފަތްޖެހޭ ފޯނަކީ އަދި މާބޮޑު ބައެއް ހިއްސާކުރާ އުފެއްދުމަކަށް ނުވިޔަސް ސެމްސަންގުން ގަބޫލުކުރާ ގޮތުގައި އެ ކުންފުނިން މި ފޯނުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާ އެކު ފޯނަށް ޑިމާންޑް ވެސް ބޮޑުވާނެ އެވެ.

ގެލެކްސީ ޒެޑް ފްލިޕް 4

ފަތްޖެހޭ ސެމްސަންގު ފޯނުތަކުގެ ތެރެއިން މިވަގުތު އެންމެ މަގުބޫލީ ޒެޑް ފްލިޕް 3 އެވެ. މި ފޯނަށް ބަދަލު ގެނެސް މިފަަހަރު ފްލިޕް 4 ގެ ނަމުގައި ނެރުނީ ހަމަ ކުރިން ވެސް އޮތް ސްކްރީން ސައިޒުގަ އެވެ. އެކަމަކު މީގެ ބެޓެރީގެ ބާރު ވަނީ ގަދަކޮށްފަ އެވެ. އަދި އާ ފޯނުގައި ފަތްޖެހޭ ހުޅު ވަނީ ވަރަށް ތުނިކޮށްފަ އެވެ. އެހެންވެ އެ ހުޅު އެހާ ބޮޑަށް ފާޅެއް ނުވެ އެވެ.

ކެމެރާ އިތުރަށް ރަނގަޅުކޮށް ޕޯޓްރެއިޓް މޯޑްގައި ސެލްފީ ނެގޭ ގޮތް މިފަހަރު ހަދާފައި ވާއިރު މިއީ ފޯނު ވަކި ވަރަށް ފަތްޖަހާލުމަށް ފަހު ތަނެއްގައި ބަހައްޓައިގެން "ފްލެކްސް ކެމް" އެކްޓިވޭޓްކޮށްގެން ވީޑިއޯކުރެވޭ ފޯނެވެ. މި ފީޗާ ފޭސްބުކާއި ވަޓްސްއެޕާއި އިންސްޓަގްރާމްގައި ބޭނުންކުރެވޭ ގޮތް ހަދަން މެޓާ ކުންފުންޏާ އެކު ސެމްސަންގުން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

ފްލިޕް 4 ފަތްޖާހާލާފައި ބާއްވައިގެން ވެސް ފޯނުކުރުމާއި ވީޑިއޯ ޗެޓްކުރުން ފަދަ ކަންކަން ކުރެވޭނެ އެވެ.

ގެލެކްސީ ޒެޑް ފޯލްޑް 4

މިއީ ސެމްސަންގުގެ ބޮޑެތި ސްކްރީން ހުންނަ ޑިވައިސްތަކަށް ހާއްސަކޮށް އެ ކުންފުނިން ހެދި އެންޑްރޮއިޑްގެ ހާއްސަ ވާޝަނެއް ކަމަށްވާ 12L އާ އެކު ވިއްކާ ފުރަތަމަ ޑިވައިސް އެވެ.

މި ފޯނުގައި ކެމެރާ މިހާރު ވަނީ 50 މެގަޕިކްލެސްއަށް ވައިޑް ލެންސަކާއި 30x ޒޫމް ލެންސަކަށް މަތިކޮށްފަ އެވެ.

ޒެޑް ފޯލްޑް 4 އަކީ ސުޕަ ފާސްޓް ޗާޖިން ފޯނެކެވެ. މި ފޯނު ވެސް ފްލިޕް 4 އެކޭ އެއްގޮތަށް 30 މިނެޓުން 50 ޕަސެންޓަށް ޗާޖުކޮށްލެވޭނެ އެވެ.

މި ދެ ފޯނުގައި ވެސް ސެމްސަންގް ސްޓައިލަސް ބޭނުންކުރެވޭނެ އެވެ. މިއީ ސެމްސަންގް ނޯޓް ފޯނުތަކުގެ މަގުބޫލުކަން އެތައް އަހަރެއް ވަންދެން ހިފަހައްޓައިދިން އެއްޗެކެވެ. އެކަމަކު ނޯޓް ފޯންތަކުގައި ސްޓައިލަސް ފޮރުވާފައި ބާއްވަން ޖާގައެއް އޮންނަ ގޮތަށް މި ފޯނުތަކުގައި ޖާގައެއް ނޯވެ އެވެ. ގެންގުޅެން ޖެހޭނީ ވަކިންނެވެ.

ފޯނުތަކުގެ އިތުރުން މިއަދު އާ ސްމާޓް ވޮޗްތަކެއް ދައްކާލި އެވެ. އެއީ 279.99 ޑޮލަރަށް ވިއްކާ ގެލެކްސީ ވޮޗް 5 އާއި 449.99 ޑޮލަރަށް ވިއްކާ ވޮޗް 5 ޕްރޯ އަދި 329.99 ޑޮލަރަށް ވިއްކާ ވޮޗް 5 ގޮލްފް އެޑިޝަން އެވެ.

ގެލެކްސީ ވޮޗް 5

ގެލެކްސީ ވޮޗް 5

ސެމްސަންގުން ބުނީ މި ގަޑިތަކުން ކުރީގެ ގަޑިތަކަށް ވުރެ މާ ޔަގީންކަން ބޮޑުކޮށް ސިއްހީ މައުލޫމާތު ނަގައިދޭނެ ކަމަށެވެ. ބެޓެރީ އާއި ޗާޖިން ވެސް މި ގަޑިތަކުގައި ވަނީ ކުރިއަށްވުރެ ރަނގަޅުކޮށްފަ އެވެ.

ގެލެކްސީ ބަޑްސް 2 ޕްރޯ

ގެލެކްސީ ބަޑްސް 2 ޕްރޯ

ދެން ނެރުނީ ސެމްސަންގް އިއަބަޑްގެ އާ ޖެނެރޭޝަނެއް ކަމަށްވާ ގެލެކްސީ ބަޑްސް 2 ޕްރޯ އެވެ. ވަޔަލެސް މި އިއަބަޑްގައި ހިމަނާފައިވާ އިންޓެލިޖެންޓް އެކްޓިވް ނޮއިސް ކެންސަލޭޝަން އަކީ ކައިރީގައި މީހަކު ވާހަކަ ދައްކާ ނަމަ އަމިއްލައަށް އަޑު މަޑުކޮށްލަދީ އެ މީހަކު ދައްކާ ވާހަކައެއް އަހައިލެވޭ ގޮތް ހަދައިދޭ ޓެކްނޮލޮޖީއެކެވެ، މި މަހު 26 ގައި ލޯންޗްކުރާ މީގެ އަގަކީ 229.99 ޑޮލަރެވެ.