Roadha Mihaaru
ހެލިކޮޕްޓަރު އެކްސިޑެންޓް: ބަނޑަށް 22 އެތިކޮޅު!

ހެލިކޮޕްޓަރު އެކްސިޑެންޓް: 400 ފޫޓު ދުރުން އައި އެތި 22 އެތިކޮޅަށްވެ، ސީރިއަސް ހާލަތުގައި

03 ޖެނުއަރީ 2017

އާދައިގެ މަތިން އެ ދުވަހު ވެސް އަސްރު ނަމާދުން ފައިބައިގެން އޭނާ ބޭރުގައި މަޑުކޮށްލީ އެއްކޮށް މަސައްކަތް ކުރާ ބަޔަކާ ވާހަކަ ދައްކާލާށެވެ. އެއާޕޯޓުގެ މުވައްޒަފުންނަށް ހާއްސަކޮށް ހަދާފައިވާ އެ މިސްކިތް ކައިރީގައި ހުއްޓާ، ބަނޑަށް އެއްޗެއް ވަތްހެން ހީވި އެވެ. ލައިގެން ހުރި ގަމީހުގެ މަތިން ބަނޑު މަތީގައި އަތް އަޅާލުމުން އެ ސަރަހައްދުން އެއްވެސް އިހުސާސެއް ނުކުރެވުނެވެ. އެކަމަކު، އަތް ނަގައި ބަލައިލުމުން އަތުގައި ލޭ ހުރި ތަން ފެނިގެން، ކޮންމެވެސް ކަމެއް ވީ ކަމަށް ބަލާފައި ގަމީސް ހިއްލާލާފައި ބަލާލި އިރު، ބަނޑަށް ހުރީ ބޮޑު "އެއްޗެއް" ހެރިފަ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އާދައިގެ މަތިން އެ ދުވަހު ވެސް އަސްރު ނަމާދުން ފައިބައިގެން އޭނާ ބޭރުގައި މަޑުކޮށްލީ އެއްކޮށް މަސައްކަތް ކުރާ ބަޔަކާ ވާހަކަ ދައްކާލާށެވެ. އެއާޕޯޓުގެ މުވައްޒަފުންނަށް ހާއްސަކޮށް ހަދާފައިވާ އެ މިސްކިތް ކައިރީގައި ހުއްޓާ، ބަނޑަށް އެއްޗެއް ވަތްހެން ހީވި އެވެ. ލައިގެން ހުރި ގަމީހުގެ މަތިން ބަނޑު މަތީގައި އަތް އަޅާލުމުން އެ ސަރަހައްދުން އެއްވެސް އިހުސާސެއް ނުކުރެވުނެވެ. އެކަމަކު، އަތް ނަގައި ބަލައިލުމުން އަތުގައި ލޭ ހުރި ތަން ފެނިގެން، ކޮންމެވެސް ކަމެއް ވީ ކަމަށް ބަލާފައި ގަމީސް ހިއްލާލާފައި ބަލާލި އިރު، ބަނޑަށް ހުރީ ބޮޑު "އެއްޗެއް" ހެރިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 4:00 ހާއިރު، މޫސާ ވަޖުދީ ހުރީ ޑިއުޓީގައިި، އެއާޕޯޓުގަ އެވެ. ބެގޭޖް ހޭންޑްލިން ބައިގައި މަސައްކަތް ކުރާ، ބ. ހިތާދު އަށް އުފަން ވަޖުދީ އަށް އެއާޕޯޓުގައި ހެލިކޮޕްޓަރެއް ޖެއްސި ވަގުތު، އެ މަންޒަރު ފެނުނެވެ. އޭނާ ހުރީ، އެކުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނާ ގޮތުގައި، ހެލިކޮޕްޓަރާ ގާތްގަނޑަކަށް 400 ފޫޓު ދުރުގަ އެވެ.

ހެލިކޮޕްޓަރު އަނބުރައިނުލަން އެންގި!

ގއ. ވިލިނގިލިން ބަލި މީހަކު ގޮވައިގެން އައި ސިފައިންގެ ހެލިކޮޕްޓަރު ޖެއްސީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާއްމުކޮށް ހެލިކޮޕްޓަރު ޖައްސާ އޭޕްރަންގަ އެވެ. އެކަމަކު، އެ ދުވަހު ހެލިކޮޕްޓަރު އޮތީ އޭޕްރަން އަށް ހިދުމަތް ދޭން ބޭނުން ކުރާ އުޅަނދުފަހަރު ދުއްވާ މަގާ ވަރަށް ކައިރީގަ އެވެ. ބުރަފަތިން ބައެއް އޮތީ އެ މަގަށް ވާ ގޮތަށެވެ. އޭރު ވެސް ބުރަފަތި އެއްކޮށް ހުއްޓުމަކަށް ނާދެ އެވެ.

ހެލިކޮޕްޓަރުން ސިޑިއެއްގައި ޖެހުނު ސަރަހައްދުގައި މީހުން ހަރަކާތްތެރި ވަނީ:-- ފޮޓޯ: ކިއުންތެރިއެއް

ހެލިކޮޕްޓަރުން ސިޑިއެއްގައި ޖެހުނު ސަރަހައްދުގައި މީހުން ހަރަކާތްތެރި ވަނީ:-- ފޮޓޯ: ކިއުންތެރިއެއް

އެ މަގުގެ އަނެއް ކޮޅުގައި، މަތިންދާބޯޓަށް ތެޔޮ އަޅަން ބޭނުންކުރާ އުޅަނދުތައް ބާއްވާފައި އޮންނަ ސަރަހައްދުގައި، ބޯޓަށް އަރާ ސިޑިއެއް (އެއާސްޓެއާ) ޕާކުކޮށްފައި ހުއްޓެވެ. މަގާ މާ ކައިރީގައި އޮތްކަން ހެލިކޮޕްޓަރު ދުއްވަން އިން އިންޑިއާގެ ޕައިލެޓަށް ފާހަގަކުރެވުމުން، ހެލިކޮޕްޓަރު އަނބުރާލަން ހިފައިލި އެވެ. ހެލިކޮޕްޓަރު ޖެއްސުމުގެ މާ ކުރިން ވެސް ޕާކުކޮށްފައި ހުރި އެ ސިޑީގެ އެންމެ މަތީގައި ހުންނަ ގެގަނޑުގައި ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހުނީ އެ ވަގުތު އެވެ.

"އެއާ މާޝަލް އަތުގެ އިޝާރާތުން ދެއްކި ކުރި އަށް ނުދާން. [ހެލިކޮޕްޓަރު ދުއްވަން އިން] ޕައިލެޓަށް ނުފެނުނީއެއް ކަމެއް ނޭނގެ، އެކަމަކު އަނބުރާލަން ހިފާލީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

22 އެތިކޮޅު، ލިވަ ހަލާކުވެފައި!

ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހުމާ އެކު، ދަގަނޑާއި ޕްލާސްޓިކުން ހަދާފައިވާ ސިޑީގެ ބައިތައް ކުޑިކުޑި ވެގެން އެކި ދިމަދިމާލަށް ބުރައިގެން ދިޔަ އެވެ. އޭގެ ތެރޭން ބޮޑު އެކަތިގަނޑު ވަޖުދީގެ ބަނޑަށް ހެރުނު އިރު، އޭނާގެ ކައިރީގައި ހުރި މީހެއްގެ ފަޔަށް ވެސް ކުޑަ އެތިކޮޅެއް ވަނެވެ. އެކަމަކު، އޭނާ އަށް ސީރިއަސް ޒަހަމެއް ނުލިބޭތީ، ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

"ލިވަ ވަރަށް ބޮޑަށް ހަލާކުވެފައި. އެކަމަކު، ޑޮކްޓަރުން ބުނޭ ލިވަ ގްރޯ ވާނެ ކަމަށް." -- ވަޖުދީގެ އާއިލާގެ މީހަކު

ވަޖުދީ އަށް ދިމާވީ މާ ހިތާމަވެރި ގޮތެކެވެ. ވަގުތުން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް، ބެލިބެލުމުން އެނގުނީ އޭނާގެ ބަނޑަށް ވަތް ދަގަނޑުގަނޑު ކުދިކުދިވެ، 22 އެތިކޮޅަށް ބައިބައިވެފައިވާ ކަމެވެ. އާދިއްތަ ދުވަހުގެ ރޭ، ހައެއްކަ ގަޑި އިރު ވަންދެން ކުރި އޮޕަރޭޝަނަކަށް ފަހު 21 އެތިކޮޅު ވަނީ ނަގައިފަ އެވެ. އެކަތިކޮޅު ފެންނަ ވަރެއް ނުވި އެވެ. އެހެންވެ، ޑޮކްޓަރުން ނިންމީ، ވަޖުދީގެ އާއިލާގެ މެމްބަރަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، އޭނާގެ ހާލު ސްޓޭބަލް ވުމުން އަލުން އޮޕަރޭޝަންކޮށް އެ އެތިކޮޅު ނެގުމަށެވެ.

"ލިވަ ވަރަށް ބޮޑަށް ހަލާކުވެފައި. އެކަމަކު، ޑޮކްޓަރުން ބުނޭ ލިވަ ގްރޯ ވާނެ ކަމަށް،" ނަން ނުޖަހާ ގޮތަށް، އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހެލިކޮޕްޓަރު އެކްސިޑެންޓްގައި އަނިޔާވި ވަޖުދީ ހޮސްޕިޓަލަށް ގެންދަނީ --ފޮޓޯ/މިހާރު

ހެލިކޮޕްޓަރު އެކްސިޑެންޓްގައި އަނިޔާވި ވަޖުދީ ހޮސްޕިޓަލަށް ގެންދަނީ --ފޮޓޯ/މިހާރު

އެކްސިޑެންޓުގައި ހެލިކޮޕްޓަރުގެ ބުރަފަތީގެ ތިން ފިޔައިގެ ކޮޅު ވަނީ ފުނޑުފުނޑުވެފަ އެވެ. ސިޑި އާއި ސިޑި އެކި ތަންތަނަށް ގެންދިއުމަށް ބޭނުންކުރާ އުޅަނދުގެ ބައިތައް ވެސް ވަނީ ހަލާކުވެފަ އެވެ. އެކަމަކު، ވަޖުދީގެ ބަނޑަށް ހެރުނީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެ އެވެ. އާއިލާ އިން ގަބޫލުކުރާ ގޮތުގައި އެއީ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ބައެކެވެ.

ގާތްގަނޑަކަށް 24 ގަޑި އިރަށް ފަހު، ވަޖުދީ މިހާރު ވަނީ ހޭ އަރައިފަ އެވެ. އޭނާގެ ހާލު ކޮންމެވެސް ވަރަކަށް ސްޓޭބަލް ވެފައި ވިޔަސް، އަދިވެސް ވާހަކައެއް ނުދެއްކެ އެވެ. އެކަމަކު، އަތުގެ އިޝާރާތުން ކޮންމެވެސް ވާހަކައެއް ދައްކަން މަސައްކަތް ކުރެ އެވެ. އޭނާގެ ހާލު ސީރިއަސް ކަމުން ބޭރަށް ގެންދެވޭ ވަރު ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.

ވަޖުދީ އަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވެސް ވިދާޅުވީ ވަޖުދީގެ ހާލު އަދިވެސް ސީރިއަސް ކަމަށާ އެކަމަކު ކޮންމެވެސް ވަރަކަށް މިހާރު ސްޓޭބަލް ކުރެވިފައިވާ ކަމަށެވެ. އޭނާ އަށް ދޭން ޖެހޭ ފަރުވާ، ޑޮކްޓަރުންގެ ބެލުމުގެ ދަށުން އެ ހޮސްޕިޓަލުގެ އައިސީޔޫން ދެމުން އަންނަ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

އެމްއެންޑީއެފްއާ މެދު ހިތްހަމަނުޖެހުންތަކެއް!

ވަޖުދީ މަސައްކަތް ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭނާގެ ބޭސްފަރުވާގެ ހުރިހާ ހަރަދަކާ ވަނީ ހަވާލުވެފަ އެވެ. އެ ކުންފުނީގެ އޮފިޝަލުން އަންނަނީ އޭނާގެ ހާލު ވެސް ގަވާއިދުން ބަލަމުންނެވެ.

އެމްއޭސީއެލް އިން ކަންތައްތައް ކުރާ ގޮތާ މެދު އާއިލާ އިން ހިތްހަމަޖެހުނަސް، ހެލިކޮޕްޓަރު އޮޕަރޭޓް ކުރާ އެމްއެންޑީއެފް އިން އަމަލު ކުރަނީ، އާއިލާ އިން ބުނި ގޮތުގައި، ވަރަށް ދެރަ ގޮތަކަށެވެ. އާއިލާގެ އެންމެ ބޮޑު މައްސަލަ އަކީ، ސިފައިންގެ ހެލިކޮޕްޓަރެއް ހިމެނޭ އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހެއްގެ ހާލު ބަލައިލަން އަަސްކަރިއްޔާގެ އެއްވެސް އިސް ވެރިއަކު ނުދިއުމެވެ.

"ސިފައިން ގެއިންނޭ ކިޔާފައި މިއަދު ހޮސްޕިޓަލަށް ދިޔަ މީހަކު. އެކަމަކު، އެއްވެސް މަތީ މީހަކު ނާންނާތީ އަޅުގަނޑުމެން ބުނީ އެހެން ނުދެވޭނެ ކަމަށް،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެކްސިޑެންޓާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން ވަކި އެއްޗެކޭ ނުބުނެ އެވެ. އެކަމަކު، ޒަހަމްވި މީހާގެ ކަންކަން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

މި ހާދިސާ ސިވިލް އޭވިއޭޝަނާއި އެމްއެންޑީއެފްގެ އިތުރުން ފުލުހުން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ. ވަޖުދީގެ ބަނޑުން ނެގި އެތިކޮޅުތައް ފުލުހުން ބޭނުންވެގެން ދީފައިވާ އިރު، ފުލުހުންގެ ތަހުގީގު ޓީމެއް ހޮސްޕިޓަލަށް ގޮސް، ބޭނުންވާ ބައެއް މައުލޫމާތުތައް ވަނީ ހޯދައިފަ އެވެ. އެކަމަކު، ތަހުގީގު ނިމުމުން ނޫނީ އެމްއޭސީއެލް އިން ވެސް މި މައްސަލައިގައި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ.