Roadha Mihaaru
ވީއައިއޭގެ އެކްސިޑެންޓް: ޒިންމާވާނެ ބަޔަކު ނެތް!

ވީއައިއޭގައި ހިނގި އެކްސިޑެންޓްގައި ޕައިލެޓާއި ގްރައުންޑް ސްޓާފުން ކުށްވެރިކުރީ އެއް ބަޔަކު އަނެއް ބަޔަކު!

23 އޮކްޓޯބަރ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕާކްކޮށްފައި އޮތް ގަތަރު އެއާވޭސްގެ ބޯޓެއްގައި، އެއާ އޭޝިޔާގެ މަތިންދާބޯޓެއް ޖެހުނު މައްސަލާގައި ޕައިލެޓާއި ގްރައުންޑް ސްޓާފުން، އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕާކްކޮށްފައި އޮތް ގަތަރު އެއާވޭސްގެ ބޯޓެއްގައި، އެއާ އޭޝިޔާގެ މަތިންދާބޯޓެއް ޖެހުނު މައްސަލާގައި ޕައިލެޓާއި ގްރައުންޑް ސްޓާފުން، އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފި އެވެ.

ޖުލައި، 7، 2018 ގެ ހެނދުނު ހިނގި މި އެކްސިޑެންޓްގެ ޕްރެލިމިނަރީ ރިޕޯޓް، ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު އިރު، އޭގައި ތަހުގީގީ ޓީމުން ނިންމި ގޮތެއް ހިމަނާފައެއް ނުވެ އެވެ.

އެއާ އޭޝިޔާ ބޯޓުގެ ޕައިލެޓު ބުނާ ގޮތުން އެކްސިޑެންޓު ހިނގަން މެދުވެރިވީ މާޝަލުން ނުވަތަ ރަންވޭގައި ބޯޓަށް ސިގްނަލް ދޭން ތިބޭ މުވައްޒަފުން ހެދި ގޯސްތަކަކުންނެވެ. އެކަމަކު މާޝަލުން ބުނަނީ އެކްސިޑެންޓްވެފައި ވަނީ ބޯޓުގެ ޕައިލެޓު އެމީހުންގެ ސިގްނަލަށް ނުބެލުމުން ކަމަށެވެ.

މި އެކްސިޑެންޓުގެ ސަބަބުން ގަތަރު އެއާވޭސްގެ އެއާބަސް އޭ350-900 މަރުކާގެ ބޯޓުގެ ސްޓެބިލައިޒާ ނުވަތަ ފަހަތު ފިޔަ ވަނީ 18 އިންޗި އަށް ބަނޑިވެފަ އެވެ. އަދި އެއާ އޭޝިޔާ އެއާބަސް އޭ330-300 މަރުކާގެ ބޯޓުގެ ފިޔާގައި ތިން އިންޗީގެ ބަނޑިއެއް ލާފައިވެ އެވެ.

ތަހުގީގަށް ފަހު އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީގެ ޗެއާމަން އަބްދުރައްޒާގް އިދުރީސް ސޮއިކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެއާ އޭޝިޔާ އަދި ގަތަރު އެއާވޭސް ބޯޓުގެ ޕައިލެޓާއި މާޝަލުންނާ އިންޓަވިއުކުރި އެވެ. އަދި ބައެއް ވީޑިއޯ ފުޓޭޖާއި އެއާ އޭޝިޔާ ބޯޓުގެ ކަޅު ފޮށީގެ ރިކޯޑިން ވެސް ބަލާފައިވެ އެވެ.

އެއާ އޭޝިޔާ އަދި ގަތަރު އެއާވޭސް ޕައިލެޓުންގެ ބަސް

އެއާ އޭޝިޔާ ބޯޓުގެ ޕައިލެޓު ބުނެފައިވާ ގޮތުގައި ބޯޓު ޓެކްސީވޭއަށް ވަނުމާ އެކު މާޝަލްގެ އެހީތެރިކަމާ އެކު ޕާކު ކުރުމުގެ މަސައްކަތް ކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލުން އޭނާ އަށް ވަނީ އަންގައިފަ އެވެ. އެވަގުތު ޕާކިން ބޭގައި ހުރި މާޝަލް އަދި ވިންގް ވޯކާ (އިތުރު މާޝަލެއް) ހުރީ ފެންނަ ހިސާބެއްގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އެއާ އޭޝިއާގެ ޕައިލެޓާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައި ވަނީ އެއާޕޯޓުގެ ޕާކިން ޖާގަ ކުޑަ ނަމަވެސް މާޝަލުންގެ އެހީތެރިކަމާ އެކު ޕާކުކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އަދި ވީއައިއޭއަށް ދަތުރުކުރުމުގެ ފަސް އަހަރުގެ ތަޖުރިބާ ހުއްޓަސް މާޝަލުންގެ އެހީ ނެތި ޕާކްނުކުރެވޭނެ ކަމަށް، ޕައިލެޓް ބުނެފައިވެ އެވެ. އޭގެ ސަބަބަކީ ޕާކްކުރަން އޮންނަ ތަނުގެ ޖާގައިގެ ދަތިކަމާއި ބޯޓުތައް ގިނަކަމުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އެއާ އޭޝިޔާގެ ބޯޓުގެ ޕައިލެޓުންނަށް ބޭރު ފެންނާނެ ގޮތުގެ ކުރެހުމެއް:

އެއާ އޭޝިޔާގެ ބޯޓުގެ ޕައިލެޓުންނަށް ބޭރު ފެންނާނެ ގޮތުގެ ކުރެހުމެއް:

ޕައިލެޓް ބުނާ ގޮތުގައި އެކްސިޑެންޓު ހިނގީ ޕާކިން އެޕްރޯނަށް ދާން، މައި މާޝަލްގެ އެންގުމަށް ބޯޓު އަނބުރާލި ވަގުތު އެވެ. އޭރު ބޯޓުގެ ކަނާއަތު ފިޔަ މޮނީޓާ ކުރަން އިނީ ފަސްޓް އޮފިސަރު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޕައިލެޓް ބުނާ ގޮތުގައި އަނބުރާލި ވަގުތު ބޯޓަށް ބޮޑު ލޮޅުމެއް އައުމާ އެކު ހަމަ ވަގުތުން ބޯޓު ހުއްޓާލީ އެވެ. ބޯޓު މަޑުކުރުމުގެ އިޝާރާތް، ވިންގު ވޯކާ ދީފައި ވަނީ އެކްސިޑެންޓަށް ފަހުގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އެއާޕޯޓް ގްރައުންޑް ސްޓާފުންގެ ބަސް

އެވަގުތު ބޯޓަށް އަންގަން ހުރި މާޝަލު ބުނެފައިވާ ގޮތުގައި ޓެކްސީވޭއަށް އޭނާ ހާޒިރުވީ އެއާ އޭޝިޔާގެ ބޯޓު ޖެއްސުމުގެ 10 މިނެޓު ކުރިންނެވެ. އެވަގުތު ބޯޓު ޖެއްސުމުގައި ދިމާވެދާނެ ދަތިތަކެއް ހުރިތޯ ބެލުމަށް ފަހު، ޕާކުކުރަން އެކަށީގެންވާ ޖާގަ އޮތް ކަމަށް ނިންމި ކަމަށް މާޝަލު ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ޓެކްސީވޭއަށް ބޯޓު ވަނުމާ އެކު ވައަތަށް އަނބުރާލުމުގެ ސިގްނަލް ބޯޓަށް ދިނެވެ. ނަމަވެސް އެ އެންގުމާ ހިލާފަށް، ބޯޓު އަނބުރާލާފައި ވަނީ މާ ބޮޑަށް ޓެކްސީވޭއަށް ވަނުމަށް ފަހު ކަމަށް މާޝަލު ބުނެ އެވެ.

ބޯޓު މަޑުކުރަން ވިންގް ވޯކާ ސިގްނަލް ކުރި މަންޒަރު ފެނުމާ އެކު އޭނާ ވެސް ބޯޓު ހުއްޓުމުގެ ސިގްނަލް ވަގުތުން ދިން ކަމަށް، ތަހުގީގުގައި، މާޝަލު ބުނެފައިވެ އެވެ. ނަމަވެސް ބޯޓު ހުއްޓާފައި ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން ކަމަށް އޭނާ ބުނެ އެވެ.

ވެލާނާ އެއާޕޯޓުގައި އޭ330-300 މަރުކާގެ އެއާބަސް ބޯޓެއް ޖެއްސުމަށް ފަހު ޓެކްސީވޭއަށް ވަންނަންވާނެ ގޮތުގެ ކުރެހުމެއް:

ވެލާނާ އެއާޕޯޓުގައި އޭ330-300 މަރުކާގެ އެއާބަސް ބޯޓެއް ޖެއްސުމަށް ފަހު ޓެކްސީވޭއަށް ވަންނަންވާނެ ގޮތުގެ ކުރެހުމެއް:

މާޝަލް ގަބޫލުކުރާ ގޮތުގައި އޭނާ ބުނި ވަގުތު ބޯޓު ވައަތް ފަރާތަށް އަނބުރާލި ނަމަ އެކްސިޑެންޓު ނުވީހެވެ. ވިންގް ވޯކާ ވެސް ބުނެފައި ވަނީ އެކްސިޑެންޓާން މެދުވެރިވީ މާ ބޮޑަށް ޓެކްސީވޭއަށް ވަނުމަށް ފަހު އަނބުރާލުމުން ކަމަށެވެ.

ޓެކްސީވޭއަށް މާ ބޮޑަށް ބޯޓު ވަންނަ ކަމަށް ފާހަގަވުމާ އެކު ހުއްޓުމުގެ ސިގްނަލް ވިންގް ވޯކާ ދިނިން ކަމަށާއި ޕައިލެޓަށް ސިގްނަލް ނުފެނިދާނެ ކަމަށް ބަލާފައި އެކަން މާޝަލަށް ވެސް ސިގުނަލްކުރިން ކަމަށް ވިންގް ވޯކާ ބުނެފައިވެ އެވެ. އެކަމަކު ހުއްޓުމުގެ ސިގްނަލް ދިން ފަހުން ވެސް ބޯޓު ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ކުރިއަށް ދިޔަ ކަމަށް އޭނާ ބުނެ އެވެ.

އެ މައްސަލައިގައި ގަތަރު އެއާވޭސްގެ ޕައިލެޓު ބުނެފައި ވަނީ އެކްސިޑެންޓު ވެފައި ވަނީ ބޯޓު ނައްޓާލަން ތައްޔާރުވަމުންދިޔަ ވަގުތު ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުން ގަތަރު އެއާވޭސްގެ ބޯޓު ޕާކުކޮށްފައި އޮތީ ރަނގަޅަށެވެ.

އެއާ އޭޝިޔާ ބޯޓުގެ ކަޅު ފޮށި

އެއާ އޭޝިޔާ ބޯޓުގެ ކަޅު ފޮށީގެ ރިކޯޑިން އަޑުއެހިއިރު އެކްސިޑެންޓާ ހަމައަށް ވެސް ޕައިލެޓް އަދި ކޯ ޕައިލެޓު ވާހަކަ ދައްކާ އަޑު އިވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ބޯޓު އެކްސިޑެންޓުވި ވަގުތު "އޯ، ހީވަނީ އަހަރުމެން ފިޔާގައި ޖެހިއްޖެހެން" އެގޮތަށް ކޯ ޕައިލެޓު ބުނެ އެވެ. ގްރައުންޑް މާޝަލުން އެމީހުންނަށް ރަނގަޅު ސިގްނަލް ދައްކަމުން ދިޔަތޯ އެ ވަގުތު ޕައިލެޓު އޭނާގެ ކޯޕައިލެޓު ގާތު އަހާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި ޖަވާބުގައި "އެމީހުން އަހަރުމެންނަށް ކްލިއާރެންސް ދިން. އަހަންނަށް އެތަން ފެނުނު،" ބޯޓު މަޑުކުރަން، ގްރައުންޑް ސްޓާފުން ސިގުނަލް ނުދޭ ކަމަށް އިޝާރަތްކޮށް، ކޯ ޕައިލެޓް ބުނި ކަމަށް ރިޕޯޓުން އެނގެ އެވެ.

ސެކިއުރިޓީ ވީޑިއޯ އަދި އެފްޑީއާރް

ބޯޓު އެކްސިޑެންޓް ވި މަންޒަރު އެއާޕޯޓުގެ ސެކިއުރިޓީ ވީޑިއޯތަކުން އެކި ދިމަދިމާލުން ފެނުނު ނަމަވެސް އެއްވެސް ވީޑިއޯއެއްގައި މާޝަލުން އެއްކޮށް ފެންނާކަށް ނެތެވެ. އެހެންކަމުން ބޯޓު ހުއްޓަން އެމީހުން ސިގްނަލް ދިން ތަން ނުވަތަ ނުދޭ މަންޒަރު ނުފެންނަ ކަމަށް ރިޕޯޓުގައިވެ އެވެ.

އެއާ އޭޝިޔާ ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑިން (އެފްޑީއާރް) ލިބުނު ނަމަވެސް އެ ތަކެތި ބަލާނެ ގާބިލް ޓެކްނޮލޮޖީ ރާއްޖޭގައި ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.