04 އޯގަސްޓް 2022
ޗައިނާ އިން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަސްކަރީ ފަރިތަކުރުންތައް، ތައިވާން ޖަޒީރާގެ ވަށައިގެންވާ ކަނޑާއި ވައިގެ ސަރަހައްދުގައި ޗައިނާ އިން މިއަދު ފަށައިފި އެވެ.
ޗައިނާ އިން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަސްކަރީ ފަރިތަކުރުންތައް، ތައިވާން ޖަޒީރާގެ ވަށައިގެންވާ ކަނޑާއި ވައިގެ ސަރަހައްދުގައި ޗައިނާ އިން މިއަދު ފަށައިފި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ޒިޔާރަތަށް ފަހު، ޗައިނާ އިން މިއަދު ފެށި އަސްކަރީ ތަމްރީނުތަކުގައި ބޭނުންކުރަމުން ދަނީ އަސްލު ވަޒަންކަމަށް ޗައިނާގެ އަސްކަރިއްޔާ އިން ބުނެ އެވެ. ތައިވާންގެ އައްސޭރިފަށުން ފެށިގެން 12 މޭލާ ދެމެދުގެ ސަރަހައްދުގައި ބާއްވާ މި ތަމްރީނުތަކުގައި ޗައިނާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން ބައިވެރިވާނެ އެވެ.
ނެންސީގެ ދަތުރާ ދެކޮޅު ހެދުމުގެ ގޮތުން ޗައިނާ އިން އަސްކަރީ ތަމްރީނުތަކެއް މިފެށީ، މިނިވަންކަން ހޯދުމަށް ތައިވާނުން ކުރާ ކޮންމެ މަސައްކަތެއް ބާރުގެ ބޭނުންކޮށްގެން ވިޔަސް ހުއްޓުވުމަށް ޗައިނާއިން ވެފައިވާ ވައުދު ތައިވާނަށް ހަނދާން ކޮށްދިނުމަށެވެ. މި އަސްކަރީ ތަމްރީނުތައް ބާއްވާ ބައެއް ސަރަހައްދުތަކަކީ ކަނޑުދަތުރުފަތުރުގައި ވަރަށް ކާރުބާރު ބޮޑު ސަރަހައްދުތަކެކެވެ.
ޗައިނާގެ އަސްކަރީ ތަމްރީންތައް ތައިވާންގެ ވަށައިގެން ކުރިއަށް ގެންދާ ސަރަހައްދުތައް
ތައިވާނުން ބުނީ ޗައިނާގެ އަސްކަރީ ފަރިތަކުރުންތަކުގެ ސަބަބުން ކަނޑު މަގުންނާއި ވައިގެ މަގުން ތައިވާން ވަރަށް ބޮޑަށް ހިސޯރުވެގެންދާނެ ކަމަށެވެ. އެމެރިކާ އިން ބުނީ ޗައިނާގެ މި އަމަލަކީ ޒިންމާދާރުކަން ވަރަށް ކުޑަ އަމަލެއް ކަމަށާއި، އަދި އެ ތަމްރީނުތަކުން ނުކުންނަ ނަތީޖާ ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ޗައިނާ އިން އަސްލު ވަޒަން ބޭނުންކޮށްގެން ތަމްރީންތައް ކުރިއަށް ގެންދިއުމަށް ވުރެ ބޮޑަށް ބިރުވެރިކަން އުފެދެނީ، ތައިވާންގެ ވައިގެ ސަރަހައްދުގެ ތެރެއަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ވަދެ، އަސްކަރީ ހަރަކާތްތައް ހިންގާނެކަމަށް ބެލެވޭތީ އެވެ. ތައިވާންގެ ވައިގެ ސަރަހައްދަށް ވަންނަ ޗައިނާގެ މަތިންދާބޯޓުތަކަށް ހުރަސް އެޅުމަށް، ތައިވާންގެ މަތިންދާބޯޓުތަކުން މަސައްކަތް ކޮށްފި ނަމަ، ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތަކެއް ހިނގުމަކީ ދުރުކަމެއް ނޫނެވެ.
ތައިވާނުން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް އިއްޔެ ވަދެ އުޅުނު ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކަށް އިންޒާރު ކުރުމަށް، ތައިވާންގެ އަސްކަރީ މަތިންދާބޯޓުތައް އިއްޔެ ފޮނުވި ކަމަށެވެ. އަދި ކޮންމެން ޖަޒީރާގެ މަތިން ދަތުރުކުރި ގޮތް ނޭނގޭ މަތިންދާބޯޓެއް ފައްސައިލުމަށް، ތައިވާންގެ މަތިންދާބޯޓުތަކުން ފްލެޔާތަކެއް (އަލިފާން ކަނިތަކެއް) ވައިގެ ތެރެއަށް ފޮނުވި ކަމަށް ވެސް ތައިވާނުން ބުނެ އެވެ.
BREAKING NEWS : #China's military fires PCL 191 ballistic missiles (MLRS) across #Taiwan Strait. pic.twitter.com/t9aAHGFTAH
— World Military News (@Military_News4) August 4, 2022
ޗައިނާ އިން މި ފެށި އަސްކަރީ ތަމްރީންތަކުގެ ސަބަބުން، އެ ސަރަހައްދުގެ ވައިގެ ދަތުރުތަކަށާއި ކަނޑު ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. ތައިވާނުން ބުނި ގޮތުގައި ތައިވާން ކައިރިން ދަތުރުކުރާ އާގުބޯޓުތައް އާންމުކޮށް ދަތުރުކުރާ މަގު ދޫކޮށް އެހެން މިސްރާބަކުން ދަތުރުކުރުމަށް މިހާރު ވާނީ އަންގައިފަ އެވެ. އަދި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދާނެ އެހެން މިސްރާބުތަކެއް ކަނޑައެޅުމަށް ޖަޕާނާއި ފިލިޕީންސްއާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ތައިވާނުން ބުންޏެވެ.
ޖަޕާނުން ބުނި ގޮތުގައި ޗައިނާ އިން ފެށި އަސްކަރީ ތަމްރީންތައް ބާއްވާ ސަރަހައްދުތަކުގެ ތެރެއިން އެންމެ އިރުމަތީގައި ތަމްރީންތައް ބާއްވާ ސަރަހައްދުތައް، ޖަޕާނުގެ ޚާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް)ގެ ތެރެއަށް ވެސް ވަދެ އެވެ. އެހެންކަމުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޖަޕާނުން ބުންޏެވެ.
ޖަޕާނުގެ އެ ވާހަކަތަކަށް ރައްދު ދެމުން ޗައިނާ ސަރުކާރުގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވީ، ޖަޕާންގެ އީއީޒެޑް ކިޔާ އެއްޗެއް ޗައިނާ އިން ގަބޫލު ނުކުރާ ކަމަށެވެ. ނެންސީގެ ދަތުރަށް އިޝާރާތްކޮށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވީ "ޑިމޮކްރެސީގެ ނަމުގައި އެމެރިކާ އިން އަރައިގަންނަނީ ޗައިނާގެ ސިޔާދަތަށް" ކަމަށެވެ. "ބަޑިބޭހާ ކުޅެމުންދާ ބައެއްގެ ނިމުން ރަނގަޅެއް ނުވާނެ. ޗައިނާ ރުޅިއަރުވާ ބަޔަކަށް އަހަރެމެން އަދަބު ދޭނަން."
The #Chinese Army has begun its large-scale military exercise in six waters around #Taiwan. The exercise will take place from August 4 to 7. pic.twitter.com/LnmUrRoIyU
— Ak-47 (@Ak73Ak7) August 4, 2022
ޗައިނާގެ އަސްކަރީ ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ދިޔަ ނަމަވެސް، ތައިވާންގެ އެތެރޭގައި ހުރިހާ ކަމެއް ވެސް މިއަދު ހިނގަމުން ދަނީ ވަރަށް އޮމާން ގޮތެއްގަ އެވެ.
ތައިވާންގެ ވައިގެ ސަރަހައްދުގެ ތެރޭގައި ޗައިނާގެ އަސްކަރީ ފަރިތަކުރުންތައް ފެށުމާއެކު، އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ޖަޕާނުން ފުރައިގެން ތައިވާން ވަނީ ދަތުރު ފަށައިފަ އެވެ. ވައިގެ ތެރެއިން ދަތުރުކުރާ ބެލިސްޓިކް މިސައިލް ދެނެގަތުމަށް ބޭނުންކުރާ މަތިންދާބޯޓު ތައިވާނަށް މި ފޮނުވަނީ، މިއަދުގެ ފަރިތަކުރުންތަކުގައި ޗައިނާ އިން ބެލިސްޓިކް މިސައިލް ބޭނުންކޮށްފާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ތައިވާންގެ އީއީޒެޑްގެ ތެރެއަށް ވެއްޓޭ ގޮތަށް ޗައިނާ އިން ބެލިސްޓިކް މިސައިލެއް އުދުއްސައިލުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އެންމެ ފަހުން ތައިވާނާއި ޗައިނާއާ ދެމެދު 1996 ވަނަ އަހަރު މަސްރަހު ހޫނުވެގެން ދިޔަފަހަރު ވެސް، ޗައިނާ އިން ވަނީ ތައިވާންގެ އީއީޒެޑްގެ ތެރެއަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފަ އެވެ.
ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 72 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.
މީގެ 72 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.
އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.
ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.
ޗައިނާއިން މުވާސަލާތު ނުކުރާތީ އެމެރިކާ ރުޅިގަދަވެއްޖެ
އެމެރިކާ އާއި ޖަޕާންގެ އަސްކަރީ ގުޅުން ވަރުގަދަކޮށްފި
އެމެރިކާގެ މަނަވަރުތައް ތައިވާން ކަނޑުއޮޅި ހުރަސްކޮށްފި
ތައިވާނުން ޗައިނާއަށް: ޖެއްސުން ކުރުން ހުއްޓައިލާ
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި
މަސްރަހު ފިނިކުރަން އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް
ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް
ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން
ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ