Roadha Mihaaru
ތައިވާނުން ޗައިނާއަށް: ޖެއްސުން ކުރުން ހުއްޓައިލާ

ތައިވާނުން ޗައިނާއަށް: ޖެއްސުން ކުރުމުގެ އަމަލުތައް ހުއްޓައިލާ

05 އޮކްޓޯބަރ 2021

ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ފޮނުވައިގެން ހިންގާ ޖެއްސުންކުރުމުގެ އަމަލުތައް ވަގުތުން ހުއްޓައިލުމަށް، ތައިވާނުން ޗައިނާ އަށް ގޮވާލައިފި އެވެ.

ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ފޮނުވައިގެން ހިންގާ ޖެއްސުންކުރުމުގެ އަމަލުތައް ވަގުތުން ހުއްޓައިލުމަށް، ތައިވާނުން ޗައިނާ އަށް ގޮވާލައިފި އެވެ.

ތައިވާނުން މި މޭރުމުން ޗައިނާ އަށް މި ގޮވައިލީ، މިހާތަނަށް ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ނުވަންނަހާ ގިނަ އަދަދަކަށް، އިއްޔެ ވަދެފައި ވަނިކޮށެވެ. ތައިވާނުން އިއްޔެ އެކަނި ވެސް، ޗައިނާގެ ހަނގުރާމަމަތީ 56 މަތިންދާބޯޓު ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަނެވެ.

ޗައިނާގެ މި އަމަލުތަކަށް ރައްދު ދެމުން ތައިވާނުން ބުނީ ޗައިނާއަކީ "ހުރިހާ ޖަރީމާތަކެއްގެ މުގޫ" ކަމަށެވެ. ނަމަވެސް ޗައިނާ އިން ބުނީ އެމެރިކާ، ތައިވާނާ ބައިވެރިވެގެން މައްސަލަ ހޫނުކުރަނީ ކަމަށެވެ. ޗައިނާ ދެކޭ ގޮތުގައި ތައިވާނަކީ އެ ގައުމުގެ ބައެކެވެ. އަދި ތައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ، ބާރުގެ ބޭނުންކޮށްގެން ވެސް، ތައިވާން އަލުން ޗައިނާގެ ސިޔާދަތުގެ ދަށަށް ގެންނާނެ ކަމަށް ޗައިނާ އިން ވަނީ އިންޒާރުކޮށްފަ އެވެ. ނަމަވެސް ތައިވާނުން ދެކޭ ގޮތުގައި ތައިވާނަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ.

ތައިވާނުން ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް، ޗައިނާގެ 150 އަށް ވުރެ ގިނަ މަތިންދާބޯޓު، ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެއްޖެ އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ޗައިނާ އިން އުފައްދާފައިވާ ފައިޓަރު ބޯޓުތަކާއި ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމަށް ތައްޔާރުކޮށްފައިވާ މަތިންދާބޯޓުތައް ވެސް ހިމެނެ އެވެ.

ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ޗައިނާގެ ބޯޓުތައް ވަންނަމުން ދިޔަ ނަމަވެސް، ތައިވާންގެ އައްސޭރިފަށުން ފެށިގެން 12 މޭލުގެ ސަރަހައްދަށް އޮންނަ، އެ ގައުމުގެ ސިޔާދަތީ އިމުގެ ތެރެއަށް ޗައިނާގެ ބޯޓުތަކެއް ނުވަދެ އެވެ.

ޗައިނާގެ އަސްކަރިއްޔާ އިން ހިންގާ މި އަމަލުތަކާ ގުޅޭ ގޮތުން ތައިވާންގެ މެއިންލޭންޑް އެފެއާޒް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާގެ މި އަމަލުތަކުގެ ސަބަބުން ތައިވާން ކަނޑުއޮޅީގެ ސުލްހަޔާއި ހަމަޖެހުމަށް ބުރޫއަރާ ކަމަށެވެ.

"ސުލްހަޔާ އިދިކޮޅު އަދި އެއްވެސް ޒިންމާދާރުކަމެއް ނެތް، ޖެއްސުންކުރުމުގެ މިފަދަ އަމަލުތައް ވަގުތުން ހުއްޓައިލުމަށް ބެއިޖިންގެ ސަރުކާރަށް ގޮވައިލަން. ތައިވާން ކަނޑުއޮޅީގެ ދެ ފަރާތުގައި މައްސަލަ ހޫނުކުރުމުގެ ޖަރީމާ ހިންގާ ބަޔަކީ ޗައިނާ. އޭގެ އިތުރުން ޗައިނާއިން ދަނީ، މި ސަރަހައްދުގެ ރައްކާތެރިކަމާއި ނިޒާމުތަކަށް ނުރައްކާ ކުރަމުން."

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުގެ އުނދަގޫ ތައިވާނަށް ބޮޑުވެފައިވާ އިރު، ޖެއްސުން ކުރުމުގެ އަމަލުތައް ހުއްޓައިލުމަށް، މިދިޔަ އާދީއްތަ ދުވަހު އެމެރިކާ އިން ވަނީ ޗައިނާ އަށް ގޮވާލައިފަ އެވެ.

އެމެރިކާގެ އެ ގޮވައިލުމަށް ރައްދު ދެމުން ޗައިނާ އިން ބުނި ގޮތުގައި، ތައިވާންގެ މިނިވަންކަމަށް ހިއްވަރު ދީގެން މައްސަލަ ގޯސް ކުރަނީ އެމެރިކާ އެވެ.

"ތައިވާންގެ މިނިވަންކަމަށް ކުރާ މަސައްކަތަކީ، ބެދިފައިވާ މަގަކުން ކުރިއަށް ދިއުން. ތައިވާން މިނިވަންވުމަށް ކުރާ ކޮންމެ ކަމެއް ވަގުތުން ހުއްޓުވުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ޗައިނާ އިން އަޅާނެ. ޗައިނާގެ ގައުމީ ސިޔާދަތާއި ޗައިނާގެ ސަރަހައްދުގެ މިނިވަންކަން ދިފާއުކުރުމަށް ޗައިނާ އިން ނިންމާފައިވާ ނިންމުމަށް ގުޑުމެއް އަރުވައެއް ނުލެވޭނެ،" ޗައިނާގެ ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

"ޗައިނާ އިން ތައިވާން ވަކިކުރުމަށް އުޅޭ ލަޝްކަރަށް ތާއީދުކުރުމާއި އެ ލަޝްކަރުގެ ބާރު ގަދަކުރުމަށް އެމެރިކާ އިން ކުރާ މަސައްކަތްތައް ވަގުތުން ހުއްޓައިލާ."

ޗައިނާގައި އޭރު އޮތް ސަރުކާރާއި ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ލަޝްކަރުތަކާ ދެމެދު 1927-1949 ގައި ހިނގި ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ކޮމިޔުނިސްޓް ޕާޓީން ކުރި ހޯދުމާ ގުޅިގެން، ވެރިކަން ކުރަމުން އައި ޗިއަންގް ކައި-ޝެކް އާއި އޭނާއަށް ވަފާތެރި ހަނގުރާމަވެރިންނާއި ތާއީދުކުރާ މީހުން، ތައިވާނަށް ހިޖްރަކުރި އެވެ.

އެއަށް ފަހު ޗައިނާގެ މައި ބިމުގައި ވެރިކަން ކުރަމުން އަންނަނީ ކޮމިޔުނިސްޓް ޕާޓީގެ ފަރާތުންނެވެ. ވަކި ޖަޒީރާއެއްގެ ގޮތުގައި އޮންނަ ތައިވާނުގައި ވެރިކަން ކުރަމުން އަންނަނީ ކޮމިޔުނިސްޓް އުސޫލުތަކާ އިދިކޮޅު މީހުންނެވެ.

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ތައިވާންގެ ވައިގެ ސަރަހައްދަށް ވަނުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. އެފަދަ އެންމެ ބޮޑު ހަރަކާތެއް އެންމެ ފަހުން ޗައިނާ އިން ހިންގާފައިވަނީ، މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހ އެވެ. އެ ދެ ދުވަހު ޗައިނާގެ ވައިގެ ސިފައިންގެ 77 ޖެޓް ބޯޓު ތައިވާންގެ ސަރަހައްދަށް ވަދެ، ތައިވާންގެ ވައިގެ ދިފާއީ ލަޝްކަރަށް ޖެއްސުންކޮށްފައިވެ އެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ ރުޅިވެރިކަން ޗައިނާ އަށް އަމާޒުވާ އިރު، ތައިވާނަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީތެރިވަނީ އެމެރިކާ އިންނެވެ. ތައިވާނުން ބުނާ ގޮތުގައި އެ ގައުމަކީ މިނިވަން ގައުމެކެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާއި ޑިމޮކްރެސީގެ ދިފާއުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ތައިވާން ސަރުކާރުން ބުނެ އެވެ.