Roadha Mihaaru
ބޮޑު މީހުންނަށް ވެސް ކިޔަނީ ކުދިން، ކީއްވެ؟

ބޮޑު މީހުންނަށް ވެސް ކިޔަނީ ކުދިން، ކީއްވެ؟

05 ޖެނުއަރީ 2017

ބަޔަކަށް ވަޒީފާ ހަމަޖައްސައި އެކަން ފާހަގަކުރަން ދާދި ފަހުން ބޭއްވި ރަސްމީ ބޮޑު ޖަލްސާއެއްގައި އެމީހުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނާ އަޑު ތަކުރާރުވަމުން ދިޔަ އެވެ. މިކަން ވީ ވަރަށް އައިބު ކަމަކަށެވެ. ސަބަބަކީ އެ ލަފްޒު ނިސްބަތްވީ ކުޑަކުދިންތަކަކަށެއް ނޫނެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ބަޔަކަށް ވަޒީފާ ހަމަޖައްސައި އެކަން ފާހަގަކުރަން ދާދި ފަހުން ބޭއްވި ރަސްމީ ބޮޑު ޖަލްސާއެއްގައި އެމީހުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނާ އަޑު ތަކުރާރުވަމުން ދިޔަ އެވެ. މިކަން ވީ ވަރަށް އައިބު ކަމަކަށެވެ. ސަބަބަކީ އެ ލަފްޒު ނިސްބަތްވީ ކުޑަކުދިންތަކަކަށެއް ނޫނެވެ.

ރާއްޖޭގައި ގާނޫނީ ގޮތުން ކުޑަކުދިންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. ވަޒީފާ އަދާކުރެވޭނީ 18 އަހަރު ފުރިގެންނެވެ. އެހެންވީމާ ފެނަކަ ކުންފުނިން ވަޒީފާ ދޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އެ 100 މީހުން "ކުދިންނަށް" ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވީމާ "ކުދިން"ނޭ ކިޔަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި، އެހެން ކިޔުމަކީ ތަފާތުކުރުމެއް ނޫން ހެއްޔެވެ؟

މިއީ ރާއްޖޭގައި މީހުން "ކުދިން"ނަށް ވެގެން ދާ ގޮތުގެ އެއް މިސާލެވެ. ދިވެހިންގެ އާއްމު ބަސްމަގުގައި ވެސް އަދި ރަސްމީ ބައެއް ކަންކަމުގަ އާއި މީޑިއާގައި ވެސް ބޮޑެތި މީހުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނާ ހާލަތްތައް ގިނަ އެވެ.

އެންމެ ގިނައިން "ކުދިން"ނަށް ވެގެންދާ އެއް ބަޔަކީ އަންހެނުންނެވެ. އަށާރަ އަހަރުން މަތީގެ މީހަކަސް، އަންހެނަކަށް ވެފައި، އުމުރުން ވަރަށް ދުވަސްވީ މީހެއް ނޫނިއްޔާ، އެއީ "ކުއްޖެއް" ކަމަށް އެބަ ވެ އެވެ. ބައެއް ފަހަރު، ކުރާ މަސައްކަތާ ގުޅިގެން ވެސް އަންހެނުން "ކުދިން"ނަށް ވެ އެވެ. މިސާލަކަށް، "ނަރުސް ކުދިން"ނެވެ. ހަމައެކަނި އަންހެން ފުލުހުންނަށް ނިސްބަތްކޮށް "ޕޮލިސް ކުދިން"ނޭ ކިޔާ މީހުން ވެސް އުޅެ އެވެ.

މިއީ، އަންހެނުންނަށް ފިރިހެނުންނާ އެއް ހަމައަކުން ހައިސިއްޔަތާއި ހައްގުތަކާއި ފުރުސަތުތައް ދޭން ވަކާލާތުކުރާ މީހުން ބަލައިގަންނަ ކަމެއް ނޫނެވެ. އިނގިރޭސި ބަހުން ވެސް، "ގާލް" އާއި "ވުމަން"އަކީ މުޅިން ދޭއްޗެކެވެ. އެ ތަފާތު ގެންނަން ޖެހޭނެ ކަމަށް އެ މީހުން ދެކެ އެވެ. ސަބަބަކީ ބޮޑެތި އަންހެނުންނަށް ނިސްބަތްކޮށް "ގާލްސް" ނުވަތަ "އަންހެންކުދިން"ނޭ ބުނުމަކީ އެ މީހުންނަކީ ބަލިކަށި ނުވަތަ އަމިއްލަ ބާރެއް ނެތް ބައެއްގެ ގޮތުގައި ދުށުން ކަމަށް މާނަކުރެވޭތީ އެވެ. އޭގެ އަނެއްކޮޅަށް ބަލާ އިރު، މިސާލަކަށް އޮފީހެއްގައި، ފިރިހެނުންނަށް ނިސްބަތްކޮށް "ފިިރިހެންކުދިން"ނޭ ބުނާ އަޑު ވަރަށް ނީވޭނެ އެވެ. އޭގެ ބަދަލުގައި އަންހެނުން ވެގެން ދަނީ "އަންހެންކުދިން" ނުވަތަ "ކުދިން"ނަށެވެ.

އޮފީހެއްގައި ވަޒީފާ އަދާކުރާ ފިރިހެނަކު ބުނަނީ ބޮޑަސް، އަންހެނެއް ވެއްޖެއްޔާ "ކުއްޖެކޭ" ކިޔަނީ ގާތްކޮށްލުމުގެ ގޮތުން ނުވަތަ ބަސްމަގު ރީތިކޮށް ބެހެއްޓުމުގެ ގޮތުން ކަމަށެވެ. މާނައަކީ، "އަންހެނެކޭ" ބުނެފިއްޔާ، ރައްދުވާ މީހާ ނުވަތަ ނިސްބަތްވާ މީހާ ހިތްހަމަނުޖެހުން އެކަށީގެންވެ އެވެ؛ ނުވަތަ އެއީ އޭނާ ކުޑައިމީސްކުރެވޭ ކަމެކެވެ.

އަންހެން ކުޅުންތެރިންތަކެއް ވޮލީ ކުޅެނީ: އަންހެނުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނުން ވަރަށް އާއްމު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންހެން ކުޅުންތެރިންތަކެއް ވޮލީ ކުޅެނީ: އަންހެނުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނުން ވަރަށް އާއްމު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަނގަޅު ވާހަކައަކަށް ވެދާނެ އެވެ؛ ފަހަރެއްގައި، ގިނަ އަންހެނުން އަމިއްލަ އަށް ވެސް ބޭނުންވަނީ އޭނާއާ ވާހަކަދައްކާ އިރު ނުވަތަ އޭނާއާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު "ކުއްޖެކޭ" ބުނުވާށެވެ. އެއީ ތެދެއް ހެއްޔެވެ؟ "އަންހެންކުއްޖެކޭ" ނުބުނެ "އަންހެނެކޭ" ބުނުމަކީ ދެރަ، ނުވަތަ ހުތުރު ގޮތެއް ހެއްޔެވެ؟

"ކުދިން"ނަށް ވެގެންދާ އަނެއް ބަޔަކީ ޒުވާނުންނެވެ. އޭގެ ތެރޭގައި ގިނަ ފަހަރު ދެ ޖިންސު ވެސް ހިމެނެ އެވެ. އަންހެން "ކުދިން"ނާއި ފިރިހެން "ކުދިން"ނެވެ. އަށާރަ އަހަރުން މަތީގެ "ކުދިން"ނެވެ.

ދެން އޮތީ މަސްތުވާތަކެތި ބޭނުންކުރާތީ "ކުދިން"ނަށް ވާ ގޮތެވެ. އުމުރުން ކިތަންމެ ދޮއްޓަސް، ޑްރަގް އެޑިކްޓެއް ވެއްޖެއްޔާ އެ ދާއިރާގައި "ކުއްޖެކޭ" ކިޔައި އުޅެ އެވެ. ހީވާ ގޮތުގައި، އެފަދަ މީހުން ކުރަން ޖެހޭ ވޭނީ ތަޖުރިބާތަކާ ހެދި، ރަހުމް ބަހައްޓައި ހާއްސަކަމެއް ދިނުމުގެ ގޮތުން، "ކުދިން"ނަށް ބަދަލުކޮށްލަނީ އެވެ. ކުރިންސުރެ ސަރުކާރުގެ އިސް ބައެއް މީހުން ވެސް އެ ގޮތަށް ކިޔާތީ، މިއީ އާއްމުންގެ ފާޑުކިޔުން ވެސް ވަރަށް ބޮޑަށް އަމާޒުވާ ކަމެކެވެ. ހާއްސަކޮށް، ކުށްކުރާ ޒުވާނުންނަށް ނިސްބަތްކޮށް "ކުދިން"ނޭ ބުނީމާ މީހުންނަށް ބަލައެއް ނުގަނެވެ އެވެ. އެހެންވީމާ މި ގޮތަށް "ކުދިން"ނޭ މި ކިޔަނީ ލޯތްބާއި ހަމްދަރުދީ ލިބެން ޖެހޭ ކަމަށް މުޖުތަމައު ދެކޭ މީހުންނަށް ހެއްޔެވެ؟

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ފެނަކަ އިން ވަޒީފާ ހަމަޖެއްސި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ހަވާލުކޮށްދެއްވަނީ.

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ފެނަކަ އިން ވަޒީފާ ހަމަޖެއްސި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ހަވާލުކޮށްދެއްވަނީ.

މިސާލަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އެކަމަކު އެފަދަ މީހުންނަށް ވެސް ވަޒީފާތަކާއި އެ ނޫން ވެސް ފުރުސަތުތައް ހަމަހަމަ ގޮތެއްގައި ހޯދައިދޭން އުޅޭ އިރު "ކުދިން"ނޭ ކިޔުމަކީ އެ މީހުން ބަލިކަށިކޮށްލުމެއް ނޫން ހެއްޔެވެ؟ އެއީ ގޯހެއް ކަމުގެ އެއް ހެއްކަކީ، ފެނަކައިގެ ޖަލްސާގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަސްމަގު ބެހެއްޓެވި ގޮތެވެ. މިނިސްޓަރުގެ ވާހަކައިގައި އުމުރުގެ ތަފާތު ކަނޑައެޅިގެން ފާހަގަކުރެއްވި ސަބަބެއް އޮންނާނެ އެވެ. އެފަދަ އެންމެނަށް ޖުމްލަކޮށް ނިސްބަތްކުރައްވަން ޒެނީޝާ ވިދާޅުވަމުން ގެންދެވީ "ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން"ނެވެ. ދެ ބައި ވަކިންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް އޭގެ ތެރޭގައި ހިމެނޭކަން ސާފުކޮށްދެއްވީ އެވެ.

ގާނޫނީ ގޮތުން ބަލާ އިރު އަށާރަ އަހަރުން މަތިވީމާ އެ ވީ ބޮޑު މީހަކަށެވެ. އަންހެނަކަށެވެ. ފިރިހެނަކަށެވެ. އެކަމަކު ދިވެހިން "ކުދިން"ނާއި "މީހުން" ކަނޑައަޅަނީ ކޮންމެހެން އުމުރާ ގުޅުވައިގެން ނޫން ކަން އެބަ އެނގެ އެވެ.

ރަދީފުގައި ހުރި ލަފްޒީ މާނަތަކަށް ބަލައިގެން މިކަމާ ބެހޭ ގޮތުން އަދިވެސް ބަހުސް ކުރެވިދާނެ އެވެ. އެއީ:

ކުދިން

(1) އުމުރުން ޅަ މީހުން. (2) ކުއްޖާ، މި ބަހުގެ ގިނަ ގޮތް. (3) ދަރިން

ކުޑަކުދިން

(1) ފަނަރަ އަހަރުން ދަށުގެ ކުދިން. (2) އުމުރުން ހަގު ކުދިން

ޚިޔާލަކީ ކޮބާ ހެއްޔެވެ؟