Roadha Mihaaru
ސްކޫލު ހުޅުވެން ވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓްރީ

ސްކޫލު ހުޅުވެން ވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓްރީ

28 ޖުލައި 2022

އަންނަ މަހު ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކަށް ފޮތްތައް ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކަށް ފޮތްތައް ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ބައެއް ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ނުފޮނުވި އެބަހުރި ކަމަށާއި އެ ފޮތްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަންނަ މަހުގެ ހަތެއްގައި ސްކޫލްތައް ފެށެންވާއިރަށް އެ ހުރިހާ ގްރޭޑަކަށް ފޮތްތައް ލިބޭ ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗާޕުކޮށްފައިވާ ފޮތް ބޭނުންކުރާނީ ގްރޭޑު 9 އިން ދަށުގެ ދަރިވަރުންނެވެ. މަތީ ގްރޭޑުތަކުގެ ދަރިވަރުންގެ ފޮތްބައި ޑިޖިޓަލްކުރުމުން މިިދިޔަ އަހަރުން ފެށިގެން އެ ދަރިވަރުން ކިޔަވަމުން އަންނަނީ ޓެބްލެޓް ކަހަލަ ޑިވައިސެއްގެ އެހީގަ އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "މިހާރު" އަށް މީގެ ކުރިން ވިދާޅުވީ 9، 10، 11 އަދި 12ގެ ދަރިވަރުން ކިޔަވާނީ ޕްލެޓްފޯމެއްގައި ކަމަށާއި އޭގައި ހުރިހާ މާއްދާއެއްގެ ކޮންޓެންޓް ހިމެނޭނެ ކަމަށެވެ.

އެ ފޮތްތައް ޑިޖިޓަލްކުރި ނަމަވެސް އެ ދަރިވަރުންގެ އާބާދީގެ 15 ޕަސެންޓް ފޮތް ވަނީ ޗާޕުކޮށްފަ އެވެ. މިނިސްޓްރީން ބުނީ ސްކޫލްތަކުގެ ނިސްބަތުން އެ ފޮތްތައް ފޮނުވާނެ ކަމަށެވެ.

މިނިސްޓްރީން އަންނަނީ ދިރާސާ އާ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.