Roadha Mihaaru
"ބައިވެރިޔާ" ގެ އިތުރު ދެ ޝޯ އޮލިމްޕަހަށް

"ބައިވެރިޔާ"ގެ އިތުރު ދެ ޝޯ މި ހަފުތާގައި އޮލިމްޕަހަށް

03 ޖެނުއަރީ 2017

މިދިޔަ ޑިސެމްބަރު މަހު އެޅުވި ކޮމެޑީ ފިލްމް "ބައިވެރިޔާ" ގެ 17 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ފަހު، އަނެއްކާ ވެސް އެ ފިލްމުގެ ޝޯތަކެއް އޮލިމްޕަހުގައި މި ހަފުތާގައި ދައްކާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޑިސެމްބަރު މަހު އެޅުވި ކޮމެޑީ ފިލްމް "ބައިވެރިޔާ" ގެ 17 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ފަހު، އަނެއްކާ ވެސް އެ ފިލްމުގެ ޝޯތަކެއް އޮލިމްޕަހުގައި މި ހަފުތާގައި ދައްކާ ގޮތަށް ނިންމައިފި އެވެ.

އެގޮތުން މި މަހުގެ 5 އާއި 6 ގައި ދައްކާ ޝޯތަކުގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.

"ބައިވެރިޔާ" ގައި މުހިއްމު ރޯލެއް ވެސް ކުޅުނު އެކްޓަރު އަހުމަދު ސައީދު ބުނީ ފިލްމުގެ އިތުރު ދެ ޝޯ އޮލިމްޕަހުގައި ދައްކަން ނިންމީ، ފިލްމް ބަލަން ބޭނުންވެގެން ވަރަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ.

"ފިލްމް އެޅުވި ދުވަސްކޮޅު މާލޭގައި އުޅޭ ވަރަށް ގިނަ ބަޔަކު މާލޭގައި ވެސް ނެތް. އެ މީސްމީހުން ޗުއްޓީ އަށް ފަހު އެނބުރި އައިސް ފިލްމް އަޅުވައި ދޭން އެދި ރިކްއެސްޓް ކުރާ ވަރުން ދެ ޝޯ ދައްކަން ނިންމީ،" އޭނާ ބުންޏެވެ. "އެހެންވީމާ މިއީ އޮލިމްޕަހުން ބައިވެރިޔާ ފެންނާނެ އެންމެ ފަހު ފަހަރު. އެހެންވެ މި ފުރުސަތުގެ ބޭނުން ގިނަ ބަޔަކު ހިފާނެ ކަމަށް އުންމީދު ކުރަން ބައިވެރިޔާގެ ޓީމުން."

ޑިސެމްބަރު މަހުގެ 14 ގައި ރިލީޒް ކުރި "ބައިވެރިޔާ" އަކީ ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރި ފިލްމެކެވެ.

"ބައިވެރިޔާ" ގެ ލަވައެއް.

އެންވިޝަން އެންޓަޓައިންމަންޓްގެ މި ފިލްމް ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ޝީލާ ނަޖީބް، އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދު (މަލް)، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ) އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.

"ބައިވެރިޔާ" މިހާރު އަންނަނީ ރަށްރަށުގައި ވެސް ދައްކަމުންނެވެ.