Roadha Mihaaru
"ނޯޓީ 40" ގެ ދެވަނަ ބައި "40+" އަންނަ އަހަރު

"ނޯޓީ 40" ގެ ދެވަނަ ބައި "40+" އަންނަ އަހަރު ގެނެސް ދެނީ

31 އޮކްޓޯބަރ 2017

މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ނޯޓީ 40" ގެ ދެވަނަ ބައެއް "40+" ގެ ނަމުގައި އަންނަ އަހަރު ގެނެސް ދޭން ނިންމައި ފިލްމް ރަސްމީކޮށް ރޭ ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ނޯޓީ 40" ގެ ދެވަނަ ބައެއް "40+" ގެ ނަމުގައި އަންނަ އަހަރު ގެނެސް ދޭން ނިންމައި ފިލްމް ރަސްމީކޮށް ރޭ ލޯންޗްކޮށްފި އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓް ކުރާ އާ ފިލްމް "ދެވަންސޫރަ" އިގެ ފަސްޓްލުކް ލޯންޗް ކުރަން ބޭއްވި ހަފުލާގައި "40+" ލޯންޗްކޮށްދިނީ ފިލްމީ ދާއިރާގެ ވަރަށް ތަޖުރިބާކާރު ފަންނާނެއް ކަމަށްވާ އާރިފާ އިބްރާހީމެވެ.

މި ފިލްމަކީ އަނެއްކާ ވެސް ހަމަ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް، މުހިއްމު ރޯލަކުން ވެސް ފެނިގެން ދާނެ ފިލްމެކެވެ. މީގެ އިތުރުން "ނޯޓީ 40" ގެ ކާސްޓުންގެ ތެރެއިން އަލީ ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ވެސް "40+" އިން ފެނިގެން ދާނެ އެވެ. ދެވަނަ ބަޔާ އެކު ކާސްޓާ ގުޅޭ ތަރިންގެ ތެރޭގައި މުހައްމަދު ފައިސަލް، ޝީލާ ނަޖީބް އަދި "ދެވަންސޫރަ" އިން ތައާރަފުވާ ބަތަލާ މަރިޔަމް ޝިފާ ހިމެނެ އެވެ.

ހެއްވާ މަޖާ ހާދިސާތަކާ އެކު ބެލުންތެރިން އަނެއްކާ ވެސް ހެއްވާލަން "40+" ސިނަމާ އަށް އަންނާނީ މުޅިން އާ ސްޓޯރީލައިނަކާ އެކުގަ އެވެ.

ފިލްމް އަންނަ އަހަރު ގެނެސް ދޭން ނިންމި ނަމަވެސް ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރި "ނޯޓީ 40" ވެގެން ގޮސްފައި ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމަކަށެވެ. މި ފިލްމުން ތަޖުރިބާކާރު އެކްޓަރުންނާ އެކު، މިހާރުގެ ޒުވާން ބައެއް ތަރިން ވެސް ފެނިގެން ދިޔަ އިރު، އާ އެކްޓަރުންތަކެއް ވެސް ފިލްމީ ދާއިރާ އަށް ތައާރަފުވި އެވެ.

"ނޯޓީ 40" ގެ ދެވަނަ ބައެއް ގެނެސް ނިންމާފައި މި ވަނީ އެ ފިލްމަށް މަންޒަރުތައް އިތުރުކޮށް 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދޭން ވެސް ނިންމާފައި ވަނިކޮށެވެ.