Roadha Mihaaru
ނަހުލާގެ "4426" އަނެއްކާ ވެސް އޮލިމްޕަހަށް

އަންނަ މަހު "4426" ގެ ޝޯއެއް އޮލިމްޕަހުގައި އަޅުވަނީ

24 ޖޫން 2017

މިދިޔަ އަހަރު ރިލީޒްކޮށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާ އަށް ގެންނަން އަނެއްކާ ވެސް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ރިލީޒްކޮށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާ އަށް ގެންނަން އަނެއްކާ ވެސް ނިންމައިފި އެވެ.

ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސް ދިން ފިލްމުގެ ޓިކެޓް ވެސް މިހާރު އަންނަނީ ބުކްކޮށް ދެމުންނެވެ. އެގޮތުން ފިލްމުގެ ވެބްސައިޓުން އޮންލައިންކޮށް ޓިކެޓް ބުކް ކުރުމުގެ އިތުރަށް "4426" ގެ ދެ ހޮޓްލައިން ނަމްބަރުން ވެސް ޓިކެޓް ބުކް ކުރެވޭނެ އެވެ.

ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓް ކުރި ފިލްމް އަލުން ސްކްރީނަށް ގެންނަނީ ވަރަށް ގިނަ ބަޔަކު ފިލްމް ބަލަން އެދިގެން ކަމަށް ނަހުލާ ބުންޏެވެ.

"އަނެއްކާ ވެސް ފިލްމް އަޅުވައި ދޭން ވަރަށް ގިނަ ބަޔަކު ރިކްއެސްޓް ކުރާތީ އަލުން އަޅުވަން ނިންމީ،" ނަހުލާ ބުންޏެވެ. "އެހެންވެ އަނެއްކާ ވެސް އެއް ޝޯ އަޅުވަން ނިންމީ."

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރި "4426" ގެ ހައުސްފުލް 27 ޝޯ އޮލިމްޕަހުގައި ވަނީ ދައްކައިފަ އެވެ.

އޭގެ ފަހުން މި އަހަރުގެ ފެބްރުއަރީ މަހު ވެސް އޮލިމްޕަހުގައި ވެސް ފިލްމްގެ ދެ ޝޯ ދައްކައިފަ އެވެ.

ނަހުލާގެ ސްކްރީންޕްލޭއަކަށް ބޮޑު ކާސްޓަކާ އެކު ގެނެސް ދިން "4426" ވަނީ ވަރަށް ގިނަ ރަށްރަށާއި ރިސޯޓްތަކާއި އަވަށްޓެރި ސްރީ ލަންކާގައި ވެސް ދައްކައިފަ އެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މުހައްމަދު ފައިސަލް އަދި އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.

ނަހުލާ ބުނީ އަންނަ މަހުގެ 7 ވަނަ ދުވަހުރޭ "4426" އޮލިމްޕަހުގައި އަޅުވާ އިރު، ކްރިސްޓަލްގެ ކުރިއަށް އޮތް ފިލްމް "ބޮސް" ރަސްމީކޮށް ލޯންޗް ކުރުން ވެސް އޮންނާނެ ކަމަށެވެ.

އެ ފިލްމަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް، ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މިހާރު ޝޫޓިން ފަށާފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އައްޒަ، ޖިމީ، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮން އައްޔަ) ހިމެނެ އެވެ.

"ބޮސް" ސިނަމާ އަށް އަންނާނީ އޮކްޓޯބަރު މަހުގެ 24 ގަ އެވެ.