Roadha Mihaaru
"4426"ގެ ސެޓަށް ވަދެލަމާ

"4426"ގެ ސެޓަށް ވަދެލަމާ

13 އޮކްޓޯބަރ 2016

ކްރިސްޓަލް އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމް 4426 (ފޯފޫޓޫސިކްސް) އަންނަ އަންގާރަ ދުވަހު ޕްރިމިއާ ކުރާނެ އެވެ. މިއީ މަަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްރިސްޓަލް އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމް 4426 (ފޯފޫޓޫސިކްސް) އަންނަ އަންގާރަ ދުވަހު ޕްރިމިއާ ކުރާނެ އެވެ. މިއީ މަަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމެވެ.

ފިލްމް އަޅުވަން ހަފުތާއެއްހާ ދުވަހަށް ކައިރިވެފައި ވަނިކޮށް މިހާރު ވަނީ "4426" ޝޫޓް ކުރި އިމާރުގެ 360 ޑިގްރީ ވިއުއެއް ބެލުންތެރިންނަށް ދައްކާލައިފަ އެވެ. މި އިމާރާތަކީ ފަޅަށް ހުރި ހަތަރު ބުރީގެ އިމާރާތެކެވެ.

"4426" ގެ ބޮޑު ބައި މި އިމާރާތުގައި ޝޫޓްކޮށްފައިވާ އިރު، ފިލްމުން ފެނިގެން ދާނެ އެންމެ ހާއްސަ އެއް ކަމަކީ ވެސް މި އިމާރާތެވެ. މި ވިއުއިން ފިލްމުގައި ހުންނާނެ ނާމާންކަމާއި ބިރުވެރިކަން ކޮންމެވެސް ވަރަކަށް ވަޒަންކޮށް ލެވޭނެ އެވެ.

ފިލްމުގެ ވާހަކަ ކުރު ގޮތަކަށް "4426" ގެ ޓީމުން ކިޔައި ދިން އިރު، ފިލްމުގެ ވާހަކަ މައިގަނޑު ގޮތަކަށް އެނބުރެނީ އެ އިމާރާތުގެ ތެރެއަށް ވަންނަ ގޮތަށް، އެތަނުން ނުނިކުމެވިގެން ދިމާވާ ކަންތައްތަކެކެވެ.

ފިލްމާ ބެހޭ ގޮތުން، މީގައި އުޅޭ ކާސްޓުން ބުނެފައިވާ ގޮތުގައި ފަޅު އިމާރާތުގައި ޝޫޓް ކުރުމަކީ އެ މީހުން ކުރި ވަރަށް ތަފާތު ތަޖުރިބާއެކެވެ.

އިމާރާތުގައި ޝޫޓްކޮށްފައި ވަނީ ފިލްމަށް އެތަން ވަރަށް ބޮޑަށް ތައްޔާރު ވެސްކޮށްގެންނެވެ. އެހެންވެ "4426" ގެ ޓީމުން މި ދައްކާލި އިމާރާތުގެ ވިއުއަކީއަކީ ބެލުންތެރިން ސިނަމާ އަށް ގޮސް ފިލްމު ބަލާލުމުގެ ކުރިން ކޮށްލަން ރަނގަޅު ތަޖުރިބާއަކަށް ވާނެ އެވެ.

"4426" ގެ ސެޓްގެ 360 ވިއު

މި މަހުގެ 18 ގައި "4426" ޕްރިމިއާ ކުރާ އިރު މިހާރު އަންނަނީ ފިލްމުގެ 11 އާއި 12 ވަނަ ޝޯގެ ޓިކެޓް ވިއްކަމުންނެވެ.

ނަހުލާ ބުނީ މި ފަހަރު ފިލްމު ދައްކަން އޮލިމްޕަސް ލިބުނީ 15 ދުވަހަށް ކަމަށެވެ.

"އެހެންވެ ޓިކެޓް މިހާރު ނަގައިގެން ނޫނީ ފިލްމި ބަލާލަން ލިބޭ ފުރުސަތު ހަނިވެދާނެ،" އޭނާ ބުންޏެވެ.

އޮލިމްޕަހުގައި 18 ވަނަ ދުވަހުގެ ރޭ ހާއްސަ ޕްރިމިއާ ނައިޓަކާ އެކު "4426" އަޅުވާއިރު، ހަމަ އެ ރޭ ޝްވެކް ސިނަމާގައި ވެސް ފިލްމް ދައްކާނެ އެވެ.

ނަހުލާ ބުނީ އަތޮޅުތެރޭގައި ފިލްމް އަޅުވާނީ އަންނަ މަހު ކަމަށެވެ.

"ފުރަތަމަ ފަނަރަ ޝޯ މި ވަގުތަށް ދައްކާފައި، މާލޭގައި ވެސް ފަހުން ޝޯތަކެއް ދައްކާނަން. އަދި ނޮވެމްބަރު މަހުގެ ތެރޭގައި އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކެއްގައި ފިލްމް އަޅުވާނަން،" އޭނާ ބުންޏެވެ.

"4426" އަކީ ނަހުލާގެ އަމިއްލަ ސްކްރީންޕްލޭއަކަށް އޭނާ ލިޔެ، އަހުމަދު ޝިނާނާ ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޝީލާ ނަޖީބުގެ އިތުރުން އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލް (ޖުމަލް) ފާހަގަކޮށްލެވެ އެވެ.