26 ސެޕްޓެމްބަރ 2022
އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ ބަނޑުގައި ރިއްސައި ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިއުމުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ އަށް ވެސް ބެލުމެއް ނެތި ޖެހި އިންޖެކްޝަނާއެކު ޚަބަރު ހުސްވި އެވެ. އޭގެ ފަހު، ކުއްޖާގެ ހާލު ސީރިއަސް ވި ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދިނީ ހާލަތު އެއްވެސް ގޮތަށް ނުބަލާ ކަން، އޮކްޓޯބަރު 3، 2021 ގައި މަރުވި އެ ކުއްޖާގެ ހާދިސާއާ ގުޅިގެން މިނިސްޓްރީން ހެދި ރިޕޯޓުން ދައްކަ އެވެ. އެ މައްސަލައިގައި އެޗްއާރުސީއެމުން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދެވޭނެކަން ކަނޑައަޅައިފަ އެވެ.
އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ ބަނޑުގައި ރިއްސައި ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިއުމުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ އަށް ވެސް ބެލުމެއް ނެތި ޖެހި އިންޖެކްޝަނާއެކު ޚަބަރު ހުސްވި އެވެ. އޭގެ ފަހު، ކުއްޖާގެ ހާލު ސީރިއަސް ވި ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދިނީ ހާލަތު އެއްވެސް ގޮތަށް ނުބަލާ ކަން، އޮކްޓޯބަރު 3، 2021 ގައި މަރުވި އެ ކުއްޖާގެ ހާދިސާއާ ގުޅިގެން މިނިސްޓްރީން ހެދި ރިޕޯޓުން ދައްކަ އެވެ. އެ މައްސަލައިގައި އެޗްއާރުސީއެމުން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދެވޭނެކަން ކަނޑައަޅައިފަ އެވެ.
އެފަދަ އެހެން މައްސަލައެކެވެ. ކޮވިޑުގައި މިޝްކާ މުހައްމަދު، 10 މަރުވިއިރު އޭނާ އަށް ފަރުވާ ދިނުމުގައި ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއެއްގެ އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ވެސް ވެ އެވެ.
ފަރުވާ ދިނުމުގައި އިހުމާލުވުމުގެ މި ކަހަލަ އެތައް މައްސަލައެކެވެ. ނަމަވެސް، މެޑިކަލް ނެގްލިޖެންސް ނުވަތަ ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުމުން އަމަލުކުރާނެ ގޮތުގެ ގާނޫނެއް ނެތުމަކީ، އެ ކަންކަމުގައި އަނިޔާ ލިބޭ މީހުންނަށް އިންސާފު ލިބުމުގައި ހުރި ގޮންޖެހުންތަކެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.
ސިއްހީ ފަރުވާ ދިނުމުގެ ތެރޭގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އެޅޭނެ ގާނޫނެއް ތުލުސްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ދުވަސްވަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި އެވެ. އެކަމަކު، ހެލްތު މިނިސްޓްރީ އާއި ކަމާގުޅޭ ދާއިރާގެ ތަޖުރިބާކާރުންގެ ކަންބޮޑުވުންތަކާ ހެދި، އައްޑޫ މީދޫ ދާއިރާގެ މިހާރުގެ މެމްބަރުގެ އެ ބިލް އަނބުރާ ނެގީ އެވެ.
The medical negligence bill is very important in light of the current medical situation in Maldives. pic.twitter.com/XcS1lpN3pH
— ?? ??????? ???? ? (@Roxeyna) June 2, 2014
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު ވުޖޫދުވީ އޭގެ ފަހުން، 2015 އިގަ އެވެ. އެ ގާނޫނުން ވަނީ ޑޮކްޓަރުންގެ މައްސަލަ ބެލުމަށް މެޑިކަލް އަދި ނަރުހުންނާ ގުޅޭ ކަންކަމަށް ނާސިން ކައުންސިލް އުފައްދައިފަ އެވެ.
އޭގައި ވާ ގޮތުން، ކައުންސިލަކަށް ހުށަހަޅާ މައްސަލައެއް އެ ކައުންސިލަކުން ބެލުމަށް ފަހު، އެ މައްސަލައިގައި ހިމެނޭ ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ނުވަތަ ފިޔަވަޅު ނޭޅުމަށް ނިންމާ ނިންމުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަތުވެއްޖެކަމަށް ފެނިއްޖެ ނަމަ ނުވަތަ ކައުންސިލުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިއްޖެ ނަމަ، އެ ނިންމުން ނިންމާތާ 60 ދުވަހުގެ ތެރޭގައި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބެ އެވެ.
އެ ގާނޫނުގެ ދަށުން ކައުންސިލަކަށް މައްސަލައެއް ހުށަހެޅޭނީ އެ ކަމެއް ހިނގި ތާރީހުން ފެށިގެން 12 މަސް ދުވަސް ނުވާ މައްސަލަތަކުގަ އެވެ. އެކަމަކު، ކައުންސިލަކަށް ހުށަހަޅާ މައްސަލައަކީ، އެ މައްސަލައިގެ ބާވަތާއި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލާއިރު ކޮންމެހެން ބަލަންޖެހޭ މައްސަލައެއް ކަމަށް އެ ކައުންސިލެއްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެ މައްސަލައެއް ބެލޭނެ އެވެ.
ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކުގައި ފެބްރުއަރީ 3، 2021 ގައި ސަލްމާ ނަސީރު މަރުވި މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދި އާއިލާގެ ފަރާތުން ވަކާލާތުކުރާ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނެއް އޮތް ނަމަވެސް އިހުމާލުގެ ކަންކަމަށް ވަކި ގާނޫނެއް ނެތުމުން ބަދަލު ހޯދަން ދަތިވެ އެވެ.
އެ ކަން ހައްލުކުރަން، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ޖަސްޓިސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ދުވަސްވަރު ވަރަށް ފުރިހަމަ ގަވައިދެއް ޑްރާފްޓުކޮށް، ކެބިނެޓަށް ހުށަހެޅުއްވި ކަމަށް މުހުތާޒު ވިދާޅުވި އެވެ. އެކަމަކު، ވަކި ހިސާބަކުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ސިއްހީ ފަރުވާ ދިނުމާ ގުޅޭ އެކި ޝަކުވާތަކާއި އިހުމާލުގެ ތުހުމަތުތައް ކުރި ނަމަވެސް ކޯޓާ ހިސާބަށް ގެންދެވެނީ އޭގެ ތެރެއިން ވަރަށް މަދު މައްސަލަ އެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ޑޮކްޓަރަކު ދިން ބޭހެއްގެ ސަބަބުން ކަންފަތް ބީރުވި ކުއްޖަކަށް ބަދަލު ހޯދުމުގެ ކަމެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން މީގެ ތިން އަހަރު ކުރިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ.
"ކޮންމެ ކޮންމެ މީހަކަށް ލޯޔަރުންނެއް އެފޯޑެއް ނުކުރެވޭނެ. ކޮންމެ ކޮންމެ މީހަކަށް އެހާ ހަރަދެއް ނުކުރެވޭނޭ.. ބަޔަކު މައްސަލަ ޖެއްސިއަސް ނުޖެއްސިއަސް އެކަމުގެ ޒިންމާ އުފުލަންޖެހޭ އިދާރާތަކުން އެކަން ބަލަންޖެހޭ. އެ ރޫޓުން ބެލިގެނެއް ނޫނީ މިކަން ނުވާނެ،" މުހުތާޒު ވިދާޅުވި އެވެ.
"މާދަމާ މެޑިކަލް ނެގްލިޖެންސް ގާނޫނެއް ގެނަޔަސް ހަމަ ކޯޓަށް ގޮސްގެން ބަލަން ޖެހޭ ނަމަ ހަމަ މި ބުނާ ކަންތައް ފެންމަތިވާނެ. ގިނަ ފަހަރަށް މީހުން ބޭނުން ނުވެދާނެ މީހަކު ނިޔާވީމާ އިތުރު ރިހުމަކަށް ދާން. އޭގެ ބަދަލުގައި އެ ޒާތުގެ މައްސަލަ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ކުރާ ގޮތަކީ އިންސްޓިޓިއުޝަންތަކުން ބަލަންޖެހޭ ގޮތް އޮތުން."
ސިއްހީ ދާއިރާގެ މުވައްޒަފުންތަކެއް ތަމްރީނު ހަދަނީ.-- ފައިލް ފޮޓޯ: މިހާރު
އެކަމަކު މުހުތާޒުގެ ސުވާލަކީ ވެސް އެފަދަ މައްސަލަ ބެލުމަށް އުފައްދާފައިވާ މެޑިކަލް ކައުންސިލުން އެ ޒިންމާ އަދާކުރޭތޯ އެވެ. އޭނާ ވިދާޅުވީ މެޑިކަލް ކައުންސިލެއްގެ ޒިންމާއަކީ މަސައްކަތް ކުރުމަށް ހުއްދަ ދިނުން އެކަނި ނޫން ކަމަށާއި އެ މީހުންގެ ޒިންމާ އަދާނުކުރެވޭ ނަމަ ހައްލެއް ނެތް ކަމަށެވެ.
ގާނޫނެއް އައިސްގެން، ބަދަލު ހޯދޭނެ މަގު ފަހިވާނެ ކަމަށާއި އެކަމަކު ހޯދަން އުޅެނީ އެފަދަ މައްސަލައެއް ދެ ވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތެއް ކަމަށް މުހުތާޒު ވިދާޅުވި އެވެ.
"ބަދަލު ދެންޏާ ހޮސްޕިޓަލުން ބަދަލު ދޭން ޖެހޭނީ. އެ ޑޮކްޓަރު މީހާ ޒިންމާވާނެ ގޮތެއް ނެތް،" މުހުތާޒު ވިދާޅުވި އެވެ.
ފަރުވާގެ އިހުމާލުގެ ވާހަކަ މިހާ ފުޅާ ދާއިރާއެއްގައި ދައްކަން ފެށީ 90ގެ ފަހުކޮޅު އެމެރިކާގެ ސަރުކާރުގެ ބައިވެރިވުމާއެކު ހެދި ދިރާސާއަކަށް ފަހުގަ އެވެ. އެ ދިރާސާއާ ހަވާލާދީ، ރާއްޖޭގެ ސީނިއާ ޑޮކްޓަރަކު ވިދާޅުވީ، އެ ގައުމުގައި މީހުން މަރުވުމުގެ ތެރޭގައި މެޑިކަލް ނެގްލިޖެންސް ވެސް ހިމެނޭ ކަމަށާއި އަހަރަކު 90،000 މީހުން މަރުވަނީ އިހުމާލުން ކަމަށެވެ.
އެ ދިރާސާތަކަށް ފަހު އެމެރިކާގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ.
ނަމަވެސް، އެ ޑޮކްޓަރު ވިދާޅުވިގޮތުގައި ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު މެޑިކަލް ނެގްލިޖެންސް ގާނޫނެއް ވުޖޫދު ވެއްޖެ ނަމަ ނުކުންނާނީ ނޭދެވޭ ނަތީޖާއެކެވެ. އޭގެ ބަދަލުގައި، ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ ގޮތަށް ސިސްޓަމްގައި ހުރި މައްސަލަތައް ރަނގަޅުކުރުން މާ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް، ކެނެޑާގައި މިހާރު ޕޮޓޭސިއަމް ނުހުންނާނެ އެއްވެސް ފާމަސީއަކުން ވަކިން ވިއްކާކަށް. ރާއްޖޭގައި ހުންނާނެ. އިންޑިއާގައި ހުންނާނެ ވަކިން ވިއްކަން. ޕޮޓޭސިއަމަކީ ޑައިލިއުޓް ނުކޮށް ދީފިއްޔާ މީހާ މަރުވެދާނެ ކަމެއް. ކެނެޑާގައި އެބަހުރި އެ ކަހަލަ ހާދިސާގައި މީހުންތަކެއް މަރުވެފައި،" މި ރިޕޯޓަށް ވާހަކަ ދެއްކި ސީނިއާ ޑޮކްޓަރު ވިދާޅުވި އެވެ.
"ޑޮކްޓަރު ބޭސް ސިޓީގައި ނުވަތަ އޯޑާގައި މި ލިޔަނީ ޕޮޓޭސިއަމް މިހާ ވަރަކަށް ދޭށޭ. ނާސްގެ ޒިންމާއެއް އެއީ ޕޮޓޭސިއަމް ޑައިލިއުޓް ކޮށްގެން ދިނުން. އެކަމަކު، ބިޒީ ވެގެން ނުވަތަ އެހެން ކަމެއް ދިމާވެގެން ޑައިލިއުޓު ނުކޮށް އެބަހުރި ދެވިފައި. ދެވުނީމާ މަރުވަނީ. އެހެންވެ، ކެނެޑާގައި އަމަލުކުރާ ގޮތަކީ ޑައިލޫޝަނާ އެއްކޮށް ޕެކްކޮށްފައި ދޭނީ. އޭރުން އެރާ އެރުމުގެ ފުރުސަތު ކުޑަވާނެ."
ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބު ނެރުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމު (ވ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ މެޑިކަލް ނެގްލިޖެންސް ގާނޫނެއް ވުޖޫދުވެ، ފިޔަވަޅު އަޅާ ހިސާބަށް ހިނގައްޖެ ނަމަ ކަންކަން ދިމާވާނީ މުޅިން އިދިކޮޅަށް ކަމަށެވެ. ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ސިސްޓަމްގެ މައްސަލައަކުން ކަމެއް ދިމާވިއަސް ބަދަލު ދެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށާއި އެކަމަކު، ބަލި މީހާގެ ފަރާތުން ބަދަލާ މެދު ހިތްހަމަނުޖެހޭ ނަމަ އިހުމާލުވި މައްސަލަ ތަހުގީގަކަށް ގޮސް، ބަދަލު ދިނުމާ މެދު ގޮތެއް ނިމުން ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އެމެރިކާ އަދި އިނގިރޭސި ވިލާތުގައި ވެސް މެޑިކަލް ނެގްލިޖެންސް ގާނޫނެއް އޮވެ އެވެ.
އެކަމަކު، މި ރިޕޯޓަށް ވާހަކަ ދެއްކެވި ޑޮކްޓަރު ވިދާޅުވީ، ތަރައްގީ ވެފައިވާ ގައުމުތަކަށް ވުރެ ރާއްޖޭގައި މި ފަދަ މައްސަލަތައް ގިނަވާނެ ކަމަށެވެ. އޭގެ އެއް ސަބަބަކީ، ސިސްޓަމް ރަނގަޅު ކުރަން ފުރުސަތު ނުލިބުމެވެ. ބައެއް ގައިޑްލައިންތައް ހެދިފައި ހުއްޓަސް ތަންފީޒީ މަރުހަލާ ފެއިލް ވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެއީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީން ގިނަވުމެވެ.
"ކުރީގައި ބޭރު ޑޮކްޓަރެއް އަތުވެއްޖިއްޔާ ރަށަކަށް ދިއުމުގެ ކުރިން ޖެހޭނެ އައިޖީއެމްއެޗްގައި އެއް މަސް ދުވަހު މަސައްކަތް ކުރަން. އެކަމަކު، މިހާރު ސީދާ ރަށަށް މި ދަނީ. އޭނާ އަށް ލޯކަލީ މި ހުންނަ ގައިޑްލައިންތަކެއް ނޭނގޭ. ހުންނާނެ ބޭސް ދޭންވީ ގައިޑްލައިނާއި ބޭސް ލިޔުމުގެ ގައިޑްލައިން. އެ މައްސަލަތައް ވަރަށް ބޮޑު،" ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ބަލި މީހުންނަށް އެ މީހުންގެ ހައްގުތައް ލިބެންޖެހެ އެވެ. އެ މީހުންނަށް ދޭ ބޭސްތަކުގެ މައުލޫމާތު ވެސް އެނގެން ޖެހޭ އެވެ. އެ މައުލޫމާތު ނުދޭ ނަމަ ސުވާލު ކުރަންޖެހޭނެ ކަމަށާއި ބަލި މީހުން ހޭލުންތެރިކުރުވަމަކީ މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއް ކަމަށް އެ ޑޮކްޓަރު ގަބޫލުކުރައްވަ އެވެ.
"މެޑިކަލް ނޫން ބަޔަކު ހަދާ ގާނޫނަކަށް ވާތީ ވަރަށް ބޮޑަށް ދިރާސާ ކުރަންޖެހޭ. އެހެން ނޫނީ ވަރަށް ބޮޑު ނެގެޓިވް އަސަރެއް، ހާއްސަކޮށް ރާއްޖޭގައި ބިދޭސީންނަށް ވަރަށް ބަރޯސާވެގެން އުޅޭއިރު ނެގެޓިވް ޕެޓާން އައުމަކީ އަދި އަންނަން ފަސްޖެހޭ ތަނަކަށް ވުމަކީ އެކަށީގެންވާ ކަމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.
ނެގްލިޖެންސް މައްސަލަތަކުގައި އެންމެ ގިނައިން ކޯޓަށް ދާ އެއް ގައުމަކީ އެމެރިކާ އެވެ. އެހެންވެ، ހަދަންޖެހޭ ހުރިހާ މެޑިކަލް ޓެސްޓެއް ހަދާފައި ނޫނީ އެ ގައުމުގައި ބޭހެއް ނުދެ އެވެ. އެކަމާ ހެދި ސިއްހީ ކަންކަން ވަރަށް އަގުބޮޑުވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އެ ގެއްލުން ކުޑަކުރުމަށް ހުރިހާ ހިދުމަތެއް ފުރިހަމަކުރަންޖެހޭ ކަމަށާއި ނަމަވެސް ހެލްތު ސެންޓަރުތައް ފަދަ ހިދުމަތްތައް ފުރިހަމަ ނުވާ ތަނެއްގައި އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި އޭރުން އެ ތަންތަން ޕެރެލައިޒްވާނެ ކަމަށް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވީ މެޑިކަލް ނެގްލިޖެންސަށް ވަކި ގާނޫނެއް ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، ބަދަލު ހޯދޭނެ މެކޭނިޒަކެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަސްލީމާ ވިދާޅުވީ ނެގްލިޖެންސްގެ ބޭނުމަކީ މީހަކު ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތް ހެދުން ކަމަށެވެ.
"ނެގްލިޖެންސް ކޯޓު އޮފް ލޯގައި އެސްޓަބްލިޝް ކުރަން، ކޯޒޭޝަން އިންނާނެ. އެ އެސްޓަބްލިޝް ކުރަން ބަލާއިރު ސިސްޓަމްގެ ވަރަށް ގިނަ އެއްޗެހި އަންނާނެ. ނަމަވެސް ސިސްޓަމްގައި ހުރި ކަންކަމަށް ބަލާއިރު ނެގްލިޖެންސް ގާނޫނެއް ތަންފީޒު ކުރުމަކީ ފަސޭހަ ކަމެއް ނޫން،" މެޑިކަލް ލޯ ވެސް ކިޔަވައި ވިދާޅުވި ތަސްލީމާ ވިދާޅުވި އެވެ،
"މިއީ ވަަރަށް ބޮޑު ހަނގުރާމައެއް. ތިން އަހަރު ހަތަރު ކޯޓުގައި ވާނެ. މި ހުރިހާ ކަމަކަށް ބަލާފައި މިއީ ލޮސް-ލޮސް ސިޓުއޭޝަނެއް. ވިން-ވިން ސިޓުއޭޝަނެއް ނޫން. ނޯ ފޯސް މެކޭނިޒަމަކަށް ދާނަމަ ވިން-ވިން. އޭރަށް މެޑިކަލް އެރާއެއްގެ ސަބަބުން އަނިޔާ ލިބުނު މީހަކަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެ."
ތަސްލީމާ ވިދާޅުވި ގޮތުގައި މެޑިކަލް ނެގްލިޖެންސް ގާނޫނު އައުމުން ޓެސްޓުތަކާއި އެކި ސްކޭންތައް ހެދުން އާދަޔާ ހިލާފަށް ގިނަ ވެދާނެ އެވެ. މިހާރު ވެސް އެ ޕްރެކްޓިސް ފެންނައިރު، ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ކަންކަމުގައި ބަދަލު ދެވޭނެ ރަނގަޅު ނިޒާމެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގޭ ކަމަކީ ސިއްހީ ހިދުމަތް ދިނުމުގައި ރާއްޖޭގައި އިހުމާލުވުމުގެ މައްސަލަތައް ބޮޑުކަމެވެ. އިހުމާލެއްގެ ވާހަކަ ދެއްކުމަށް ފަހު، އެ ކަމެއް ދެން ވަޅުޖެހެނީ އެވެ. އެކަށީގެންވާ ފިޔަވަޅު އަޅާ ތަނެއް އާންމުންނަކަށް ނުފެނެ އެވެ. މެޑިކަލް ނެގްލިޖެންސްގެ ގާނޫނެއްގެ ވާހަކަ ސިކުނޑި އަށް އަންނަނީ ވެސް އެހެންވެ އެވެ. އެ ފަދަ ގާނޫނެއް ނެތް ނަމަ ސިސްޓަމްގައި މިހާރު ހުތި ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ރަނގަޅު ކުރެވޭނެ މެކޭނިޒަމެއް ހޯދަންވީ އެވެ. އެކަމަކު، އެއީ މާޒީ އަށް ބަލާއިރު ހަމަ ބިލާހެކެވެ. އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅައި އިހުމާލުވުން ހުއްޓުވުމަށް ހާއްސަ ގާނޫނެއްގެ ވާހަކަ ދައްކަން ޖެހެނީ އެހެންވެ އެވެ.
ޑޮކްޓަރުންގެ އަގުވެއްޓޭ ގޮތަށް ވާހަކަފަތުރާތީ ކަންބޮޑުވޭ
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ ކޮންފަރެންސް ބާއްވައިފި
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ: ފިނޭންސް
ކިޔަވައި ނިންމާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮބާ؟
100 އެއްހާ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް