Roadha Mihaaru
ދެވަނަ ކުއާޓާގައި ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ

ދެވަނަ ކުއާޓާގައި ބީއެމްއެލް އަށް 592 މިލިއަން ރުފިޔާ

25 ޖުލައި 2022

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލް އަށް 592 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލް އަށް 592 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލް އިން އާންމުކުރި މާލީ ހިސާބުތަކުގައި ވާގޮތުން، އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގެ އަދަދަށް ވުރެ 19 ޕަސެންޓްގެ އިތުރުވުމެކެވެ.

މި ކުއާޓާގައި ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ބީއެމްއެލްގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނު ލާޒިމްކުރާ ވަރަށް ވުރެ އިތުރަށް ހިފެހެއްޓިފަ އެވެ.

"ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާ އެކު، ބޭންކުގެ ކުރިމަގާ މެދު އުންމީދު ބޮޑު. ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި،" ބީއެމްއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީންގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވެ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ފާހަގަކޮށްލެވެ އެވެ. އެ ހިދުމަތާ އެކު ވަޔަލެސްކޮށް ފަސޭހައިން ފައިސާ ދެއްކުމާއި، އެއް ވޮލެޓުން އަނެއް ވޮލެޓަށް ފައިސާ ފޮނުވުމުގެ ހިދުމަތް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބުނެވެ.

ބީއެމްއެލް، މާސްޓާކާޑް އަދި އެމްޓީސީސީ ގުޅިގެން ސަރުކާރުގެ "ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތުގައި އޯޕެން ލޫޕް ޓްރާންސިޓް ކާޑުގެ ހިދުމަތް ތައާރަފް ކުރަން ނިންމާފައި ވަނީ ވެސް ދެވަނަ ކުއާޓާގަ އެވެ. އެއީ އެ ބޭންކުގެ ޑިޖިޓަލް ސްޓްރެޓެޖީ ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރަން ހަމަޖެހިފައިވާ ކަމެކެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮންމެ މަހަކު ކުރިއަށް ގެންދަން ރޭވި ހަރަކާތްތައް ވެސް ދެވަނަ ކުއާޓާގައި ވަނީ ހިންގައިފަ އެވެ. އޭގެތެރޭގައި، ކ. ގުރައިދޫ ހާއްސަ އެހީއަަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކުރުމާއި، އޮންލައިން ފަންޑްރެއިޒްކުރާ ޕްލެޓްފޯމް "ކައިންޑްލީ" އަދި ކޮންމެ އަހަރަކު 50،000 ގަސް އިންދާ "ބީއެމްއެލް ފެހި ޕްރޮޖެކްޓް" އިފްތިތާހުކުރުން ހިމެނެ އެވެ.

މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗެއްގެ ހިދުމަތް އަންނަނީ ދެމުންނެވެ. އޭގެ އިތުރުން، 81 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 139 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން އަދި އެންމެ ފަހުގެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.