Roadha Mihaaru
ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި 493 މިލިއަން

ބީއެމްއެލް އަށް ފުރަތަމަ ކުއާޓާގައި 493 މިލިއަން ރުފިޔާގެ ފައިދާ

29 އެޕްރީލް 2024

ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ބޭންކުން އާއްމުކުރި ފުރަތަމަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ސާފު ފައިދާގެ އަދަދު ވަނީ ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 504 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ސާފު ފައިދާ ދަށްވެފައި ވަނީ ބެންކުގެ ހިންގުމުގެ ހަރަދު ބޮޑުވެފައިވާތީ އެވެ.

ބީއެމްއެލްގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ސާފު ފައިދާ ދަށްވިޔަސް، މި އަހަރުގެ ފުރަތަމަ ކުއާޓާގައި މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު އެ ބެންކުގެ ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 5.7 ޕަސެންޓު އިތުރު އަދަދެކެވެ.

މި ކުއާޓާގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާތަކަކުން ކުރިއެރުން ލިބިފައިވާކަމަށާއި ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާއްމުންނާއި ވިޔަފާރިތަކަށް މި ކުއާޓާގައި 967 މިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނީ ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށެވެ. މި ކުއާޓާ ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ބީއެމްއެލްގެ ފުރަތަމަ ކުއާޓާގެ ރިޕޯޓާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އިގުތިސާދީ ހާލަތު ދަށަށް ދިޔަ ނަމަވެސް ބެންކުގެ ވިޔަފާރީގައި ހަލުވި ދުވެލި ދެމެހެއްޓިފައިވާ ކަމަށެވެ. އަދި ބެންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާސަނަލް ލޯނާއި ފައިނޭންސިން އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިން ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިކަން ފާހަގަކުރެއްވި އެވެ. އަދި މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ބެންކަށް ލިބިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ބީއެމްއެލްއިން ބުނީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައް މި ކުއާޓާގައި ވެސް ހިންގާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2، ކ. ގުޅި އަދި ވ. ކެޔޮދޫގައި ވަނީ ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށާފައިވާކަން ބެންކުން ފާހަގަކުރެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓު ދަށްކޮށް 2.5 ޕަސެންޓަށް ކުޑަކޮށްފަ އެވެ.