24 ޖުލައި 2022
ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ސަރުކާރުން ހައްލު ހޯދައިނުދީ ސްޓެލްކޯގެ ފްލެޓު އެޅުމަށް ރައްޔިތުން ތާއިދުނުކުރާނެ ކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ސަރުކާރުން ހައްލު ހޯދައިނުދީ ސްޓެލްކޯގެ ފްލެޓު އެޅުމަށް ރައްޔިތުން ތާއިދުނުކުރާނެ ކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ ފުރަތަމަ ފްލެޓްތައް އަންނަ މަހު ހަވާލުކުރުމަށް ފަހު، ވިލިމާލޭގައި ވެސް ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ފަށަން ނިންމާފައިވާކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ އިއުލާންކުރައްވައިފަ އެވެ.
ވިލިމާލޭގައި ސްޓެލްކޯގެ ފްލެޓް އަޅާތީ ކަންބޮޑުވުންފާޅުކުރައްވައި އުޝާމް "މިހާރު" އަށް ވިދާޅުވީ ވިލިމާލެއަކީ ބިން ކުޑަ އަދި ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް ބޮޑު ރަށެއް ކަމަށެވެ. ފުރަތަމަ ހައްލެއް ހޯދައިދޭން ޖެހެނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށެވެ.
އެގޮތަށް އެކަން ނުކޮށް، ސްޓްލެކޯގެ ފްލެޓްތަކެއް ވިލިމާލޭގައި އަޅަން އެތަނުގައި ދިރިއުޅޭ މީހުންގެ ތާއީދެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި ވިލިމާލޭގެ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ވެސް އެންމެ ގިނައިން ލިބެނީ ބޯހިޔާވަހިކަމާ ގުޅޭ ޝަކުވާތަކެވެ. އެއިން އެއްވެސް ޝަކުވާއަކަށް ހައްލު ހޯދައިނުދީ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފްލެޓު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ ފަސް ވަނަ އަވަށުގެ ގޮތުގައި ވިލިމާލޭގައި މީހުން އާބާދުކުރަން ފެށީ 1990ގެ މެދު ތެރޭގަ އެވެ.
އުޝާމް ވިދާޅުވީ ވިލިމާލެއިން އެންމެ ފަހުން ގޯތި ދިންތާ 20 އަހަރު ވާއިރު، މީހުން ދިރިއުޅެމުން ދަނީ ވެސް ކުދި ކުދި ގޯތިތަކުގައި ކަމަށެވެ.
"ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނުހިންގާތާ އެތައް އަހަރެއް ވެއްޖެ. ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އިންސާފުވެރި ކަމެއް ނޫން. ހުޅުމާލޭގައި ކުންފުނިތަކުން އެޅި ފްލެޓުތައް، ހާއްސަކޮށް ސްޓެލްކޯގެ ފްލެޓުތަކަށް އެކަނި ބެލިއަސް އިނގޭ އިންސާފުވެރިކޮށް ނޫންކަން މި ކަން ދިޔައީ،" ދިރިއުޅޭ އާބާދީ 5،000 އަށް އަރާފައިވާ އަވަށާ ގުޅޭގޮތުން އުޝާމް ވިދާޅުވި އެވެ.
"މާލޭގައި ދެ ތިން ގެ ހުރި މީހުންނަށް ވެސް އެބަހުރި [ސްޓެލްކޯގެ] ފްލެޓް ލިބިފައި."
ވިލިމާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށްޓަކައި ފްލެޓު އަޅާނެ ޖާގަ ކޮންމެ ވެސް ވަރަކަށް އެބަހުއްޓެވެ. ނަމަވެސް އެ ތަންތަނުގައި ސަރުކާރުގެ ކުންފުނިތަކުން ފްލެޓު އަޅައިގެން ވިލިމާލެގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެ ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން މާލެ އާއި ވިލިމާލެ ގުޅައިލުމަށް އަޅާ ބްރިޖާ އެެކު ދަތުރުފަތުރުކުރުމަށް މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަމަށާއި ވިލިމާލެއަކީ ދިރިއުޅުމަށް ހިތްގައިމު މާހައުލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތްކޮށްފައި ވަނީ 360 އެޕާޓްމަންޓް ހިމެނޭ ދެ ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. އެ ފްލެޓްތަކަށް ކުންފުނިން ކަނޑައަޅާފައި ވަނީ މިހާރު މާލޭގައި އެ އަގުގެ ތަނެއް ލިބޭ މިންވަރާ އަޅާ ބަލާއިރު ހެޔޮ އަގެކެވެ.
އެއް ކޮޓަރީގެ ފްލެޓަކަށް މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އާ އެކު މަހު ކުއްޔަކީ 5،622ރ. އެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ތަނެއްގެ މަހު ކުއްޔަކީ 10،356-10،652ރ. އާ ދެމެދުގެ އަގެކެވެ. އެތަނަށް މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1،300ރ. އެވެ.
ސްޓެލްކޯ ފްލެޓުން ބޮޑުބައެއް ލިބޭނީ ވިލިމާލެ މީހުންނަށް
ސްޓެލްކޯއިން ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް
މިމަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް
ސްޓެލްކޯއިން ބޯހިޔާވަހިކަމަށް އެހީވެދޭ އާ ސްކީމެއް!
ސްޓެލްކޯގެ 360 ފްލެޓް މުވައްޒަފުންނާ ހަވާލުކޮށްފި
ފްލެޓްތައް ދޫކުރީ އުސޫލާ އެއްގޮތަށް: ޝަރީފް
ސްޓެލްކޯގެ ފްލެޓްތައް އަންނަ މަހުގެ 6ގައި ހަވާލުކުރަނީ
ސްޓެލްކޯގެ ފްލެޓްތަކަށް ކަރަންޓް ދޭން ފާސްކޮށްފި
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދީފި