Roadha Mihaaru
ކޮމަންވެލްތު ގޭމްސް: ދިވެހި ޓީމު ބާމިންހަމަށް

ކޮމަންވެލްތު ގޭމްސް: ދިވެހި ޓީމު ބާމިންހަމަށް

22 ޖުލައި 2022

ކޮމަންވެލްތު ޖަމިއްޔާއާ ރާއްޖެ އަލުން ގުޅުނު ފަހުން، ބާއްވާ ފުރަތަމަ ކޮމަންވެލްތު ގޭމްސް އަށް ދިވެހި ޓީމު އިނގިރޭސި ވިލާތުގެ ބާމިންހަމަށް ހިނގައްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮމަންވެލްތު ޖަމިއްޔާއާ ރާއްޖެ އަލުން ގުޅުނު ފަހުން، ބާއްވާ ފުރަތަމަ ކޮމަންވެލްތު ގޭމްސް އަށް ދިވެހި ޓީމު އިނގިރޭސި ވިލާތުގެ ބާމިންހަމަށް ހިނގައްޖެ އެވެ.

ކޮމަންވެލްތުގެ 72 ގައުމުން ވާދަކުރާ ގޭމްސް ކުރިއަށްދާނީ ބާމިންހަމްގައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހު އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމަންވެލްތުގެ މެންބަރުކަން އަލުން ރާއްޖެއިން ހޯދީ 2019 ގަ އެވެ. ހަމަ އެ އަހަރު ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ މެންބަރުކަން ވެސް ރާއްޖެ އަށް އަލުން ދިނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތު ގޭމްސް އިން ރާއްޖެ ވަކިވުމުން، އޭގެ ފަހުން 2018 ގައި އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ގޭމްސްގައި ބައިވެރިވުމުގެ ހައިސިއްޔަތު ރާއްޖެ އަށް ގެއްލުނެވެ.

ރާއްޖޭގެ އޮލިމިޕިކް ކޮމިޓީ (އެމްއޯސީ) ން ބުނި ގޮތުގައި މިއަހަރުގެ ކޮމަންވެލްތު ގޭމްސް އަކީ މިހާތަނަށް އެ ގޭމްސްގެ ތާރީހުގައި ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެއްޓެއް ތަމްސީލު ކުރާ ފަހަރެވެ. ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ބީޗް ވޮލީބޯޅަ އެވެ.

ކޮމަންވެލްތު ގޭޟްސްގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ޓީމު:  އެ ޓީމު ގޭޟްސްގައި ވާދަކުރަނީ ރޭންކިންގައި ރާއްޖެ އަޮތް މގަމުގެ ސަބަބުން --- ފޮޓޯ: އެމްއޯސީ

ކޮމަންވެލްތު ގޭޟްސްގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ޓީމު: އެ ޓީމު ގޭޟްސްގައި ވާދަކުރަނީ ރޭންކިންގައި ރާއްޖެ އަޮތް މގަމުގެ ސަބަބުން --- ފޮޓޯ: އެމްއޯސީ

ގައުމީ އަންހެން ޓީޓީ ޓީމާއި އަދި ރާއްޖޭގެ ފިރިހެން ޓީޓީ ޗެމްޕިއަން މުންސިފް އަހްމަދު ގޭމްސްގައި ވާދަކުރަނީ ކޮލިފައިންގެ މަރުހަލާއެއްގެ ތެރެއިންނެވެ. މުންސިފް އާއި ޓީޓީ އަންހެން ޓީމަށް ގޭމްސްއިން ފުރުސަތު ލިބުނީ ރޭންކިންގައި އޮތް މަގާމުގެ ސަބަބުންނެވެ. އޭޝިއާ ކޮލިފައިންގެ ފައިނަލުގައި ރާއްޖޭގެ ބީޗް ވޮލީ ޓީމު ވާދަކުރުމުން ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީ އާއި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން އެއްބަސްވުމަށް ފަހު ރާއްޖެ އަށް ފުރުސަތު ދިނީ "ބައިޕާޓައިޓް އިންވިޓޭޝަން" ގެ ދަށުންނެވެ. އަންހެން ޑިވިޝަންގައި ކެންޔާ އަށް ވެސް ފުރުސަތު ދީފައި ވަނީ އެ އުސޫލުގެ ދަށުންނެވެ.

ގޭމްސްގައި ބީޗް ވޮލީބޯޅައިގައި ފިރިހެން ޑިވިޝަންގައި އޭޝިއާއިން ވާދަ ކުރާނީ ރާއްޖެ އާއި ލަންކާ އެވެ. ލަންކާ މުބާރާތަށް ޖާގަ ހޯދީ އޭޝިއާގެ ކޮލިފައިންގެ ފައިނަލުގައި ރާއްޖެ ބަލި ކުރުމަށް ފަހު އެވެ. މާޗް މަހު ލަންކާގެ ނޮގޮމްބޯގެ ބީޗް ޕާކުގައި ކުޅުނު ކޮލިފައިން މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ބަލިވީ ލަންކާގެ އަޝެން ރަޝްމިކާ އާއި ޝަޝިމާލް މަލިންތަ ޔާޕާގެ ޕެއާ އަތުންނެވެ.

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންގެ މަގާމު އަދާކުރައްވާނީ އެފްއޭއެމްގެ ޖެނަރަލް ސެކްރެޓްރީ ހުސައިން ޖަވާޒު އެވެ. މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީން ކުޅިވަރު ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ޖަވާގެ މަސްއޫލިއްޔަތަކަށް ވާނީ ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް އެންމެ އިސްވެރިއެއްގެ ގޮތުގައި ބެލެހެއްޓެވުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.

ކޮމަންވެލްތު ގޭމްސް އަށް ފަހު ރާއްޖެ ނައިސް ދިވެހި ބައެއް ޓީމުތައް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރަން ބާމިންހަމް މަގުން ތުރުކީ އަށް ދާނެ އެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އޮންނާނީ ތުރުކީގެ ކޮންޔާގައި އަންނަ މަހު 9-18 އަށެވެ.