ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފި އެވެ.
17 މާޗް 2025
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފި އެވެ.
ބައިނަލްއަގްވާމީ އިދާރާތަކަށް އެ މައްސަލަ ހުށަހެޅުއްވީ ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމާއެކު ދާދިފަހުން މަގާމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ. އޭނާ އެދިވަޑައިގެންފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި މައްސަލައިގެ ތެރެއަށް ވަދެ، ފަނޑިޔާރުންނާ މެދު އަޅާފައިވާ ޣައިރު ދުސްތޫރީ ފިޔަވަޅު ބާތިލްކުރަން ސަރުކާރަށް ގޮވާލުމަށެވެ.
އެ އިދާރާތަކަށް ސުއޫދު ހުށަހެޅުއްވި މައްސަލާގައި ފަނޑިޔާރުން ސަސްޕެންޑްކުރި ގޮތާއި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ގާނޫނަށް ގެންނަ އުޅުނު ބަދަލާ ގުޅޭ ތަފްސީލްތައް ހިމަނާފައިވެ އެވެ. އަދި ސަރުކާރުން އެ ފިޔަވަޅުތައް އަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ މެދު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލުމަށް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، އެ މައްސަލަގެ ޝަރީއަތް ފެށުނު ފަހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރުން ލާޒިމްވާ ގޮތަށް ބިލެއް ހުށަހަޅައި، އެ ބިލް އަވަސް އަރުވާލައިގެން ފާސްކުރިކަން ސުއޫދު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަންވެފައި ވަނިކޮށް ބިލް ފާސްކޮށް، އަދި ތިން ފަނޑިޔާރުން ސަސްޕެންޑްކުރި ކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލަ ބަލަން ފަށައި، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގިތާ ކުޑައިރުކޮޅެއް ތެރޭގައި ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ އިތުރުން އެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަން އެ ކޮމިޝަނުން ހާމަކުރި ކަމަށް ވެސް އެ މައްސަލާގައި ސުއޫދު ފާހަގަ ކުރައްވާފައިވެ އެވެ.
ސުއޫދު ހުށަހެޅުއްވި މައްސަލާގައި ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު އެޖެންޓެއް ފޮނުވައިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވާފައިވެ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޝަރުއީ ދާއިރާއަށް ގިނަ ނުފޫޒުތަކެއް ފޯރުވަމުންދާ ކަމަށާއި އަދި ޖޭއެސްސީއަށް އެމަނިކުފާނުގެ ވަފާތެރިން އައްޔަންކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ސުއޫދު ހުށަހެޅުއްވި މައްސަލާގައިވެ އެވެ.
ސުއޫދާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރިކަން ވޯލްޑް ބޭންކް އަދި އައިއެމްއެފްއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި މިއަދު މަޖިލީހުގައި ވެސް ބައެއް މެންބަރުން ވަނީ ފަނޑިޔާރުންނާ މެދު އެޅި ފިޔަވަޅުތަކާ ގުޅިގެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއަށްދޭ ރޭޓިން ދަށްކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެފަ އެވެ.
ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ މައްސަލަ ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އެ ދެ ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގައިފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމުގެ ބިލް ރައީސް މުއިއްޒު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި އެ ބިލް ތަސްދީގު ނުކުރައްވައި، އެ ބިލް އަނބުރާ ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައިވާތީ އެވެ.
ބަންޑާރަ ނައިބު ލަފާ ދެއްވާފައިވަނީ އެ ބިލް އޮތްގޮތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވަރަށް އަވަސް އަރުވާލައިގެން ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. އޭރު މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ އާއި ގާނޫނީ ގިނަ ވަކީލުން ވަނީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާކަން ފާހަގަކޮށް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ބިލް ފާސްކުރީ އެކަންކަމާ މެދު މަޝްވަރާ ކުރުމެއް ނެތި އެވެ.
އެ ބިލް މަޖިލީހުން އޭރު ފާސްކޮށްފައިވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ނިންމުމާ އެކު އެވެ. އެ ބިލް ފާސްކުރީ އެ މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވަން ތާވަލް ކޮށްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދާ އެ މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމާ އެކު މި ވަގުތު އޮތީ ހުއްޓިފަ އެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވައިފި
ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ސުއޫދު، އަޒްމިރަލްދާ، މަހާޒު ސަސްޕެންޑުކޮށްފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމްގެ ނަން ފޮނުއްވައިފި
ފަނޑިޔާރުން ގޭންގުތަކާ ގުޅިފައިވާ ކަމުގެ ހެކި ދީފި
އިންތިޚާބާގުޅޭ މައްސަލަ ހުށަހެޅުމުން ސަލީމަށް ފާޑުކިޔުން
ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން