Roadha Mihaaru
މޮރީނިއޯގެ ހުށަހެޅުން ގަބޫލުކޮށް ޑިބާލާ ރޯމާ އަށް

މޮރީނިއޯގެ ހުށަހެޅުން ގަބޫލުކޮށް ޑިބާލާ ރޯމާ އަށް

18 ޖުލައި 2022

ރޯމް (ޖުލައި 18) - އިޓަލީގެ އޭއެސް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯގެ އެދުމަކަށް، އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ހިލޭ ޓްރާންސްފާގައި ތިން އަހަރުދުވަހުގެ އެއްބަސްވުމަކަށް ރޯމާއާ ގުޅެން އެއްބަސް ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރޯމް (ޖުލައި 18) - އިޓަލީގެ އޭއެސް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯގެ އެދުމަކަށް، އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ހިލޭ ޓްރާންސްފާގައި ތިން އަހަރުދުވަހުގެ އެއްބަސްވުމަކަށް ރޯމާއާ ގުޅެން އެއްބަސް ވެއްޖެ އެވެ.

ޑިބާލާ ކުޅެމުން އައި ޔުވެންޓަސް އާއެކު އޭނާގެ ކޮންޓްރެކްޓް މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައި ވާއިރު، ރޯމާއަށް ބަދަލުވީ އިޓަލީގެ އިންޓަ މިލާނާއި ނަޕޯލީ އިން ވެސް އޭނާ ހޯދަން މަސައްކަތް ކުރަނިކޮށެވެ. އިޓަލީގެ މީޑީއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޑިބާލާ ރޯމާއަށް ބަދަލުވާން އެއްބަސްވީ ތިން އަހަރުގެ މުއްދަތަކަށް، ބޯނަހާ އެކު އަހަރަކު ހަ މިލިއަން ޑޮލަރުގެ މުސާރައަކަށެވެ.

ޔުވެންޓަސް ގައި އޭނާ ކުޅުނީ އަހަރަކު 16 މިލިއަން ޑޮލަރަށެވެ. އޭނާ ކޮންޓްރެކްޓް އާކުރަން ބޭނުންވީ މި މުސާރައަށް ވުރެ ބޮޑު އަދަދަކަށެވެ. ނަމަވެސް ޔުވެންޓަސް އިން ހުށަހެޅީ އަހަރަކު 14 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެކެވެ. އެކަމަކު ޑިބާލާއާ އެކު އެއްބަސްވުމަކަށް ނާދެވިގެން ޔުވެންޓަސް ވަނީ އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމައިފަ އެވެ.

އިންޓަ އާއި ނަޕޯލީން ޑިބާލާ ގެންދަން މަސައްކަތް ކުރަނިކޮށް އޭނާ ރޯމާ އަށް ދާން އެއްބަސްވީ، މޮރީނިއޯ އޭނާއަށް ގުޅައި، ކުލަބުގެ ޕްރޮޖެކްޓް ތަފްސީލު ކޮށްދިނުމުންނެވެ.

ޑިބާލާ ވަނީ ޔުނެވްޓަސް އާއެކު ހޭދަކުރި ހަތް އަހަރު އޭނާ ކުޅެދިން 293 މެޗުން 115 ލަނޑު ޖަހައިފަ އެވެ. އަދި އޭނާ ވަނީ ޔުވެންޓަސްގައި ފަސް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރު ކޮޕާ އިޓާލިއާ ހޯދައިފަ އެވެ.

ޑިބާލާ ވަނީ ރޯމާއާ އެކު މެޑިކަލް ފުރިހަމަކޮށް، ޓްރާންސްފާ ފުރިހަމަ ކުރުމަށް، ޕޯޗުގަލް އަށް ގޮސްފަ އެވެ. އާ ސީޒަނަށް ތައްޔާރުވާން ރޯމާ އިން ޕްރީ ސީޒަން ހަދަމުން އަންނަނީ ޕޯޗުގަލްގަ އެވެ.

މޮރީނިއޯ ވަނީ ރޯމާ އާއެކު މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްގެން، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފަ އެވެ. އޭނާ ވަނީ ސްކޮޑް ވަރުގަދަ ކުރަން، މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ކުޅުނު މިޑްފީލްޑަރު ނިމަންޔާ މަޓިޗް ވެސް ހިލޭ ޓްރާންސްފާގައި ގެނެސްފަ އެވެ.

މީގެ އިތުރުން އެޓީމަށް ވަނީ ހަތް މިލިއަން ޑޮލަރަށް ފްރާންސްގެ ލިލް އަށް ކުޅޭ ތުރުކީ ޑިފެންޑަރު ޒެކީ ޗެލިޗްގެ ސޮއި ވެސް ހޯދައިފަ އެވެ.