Roadha Mihaaru
މޮޅަކާއެކު ނިއު އެނބުރި އައުމުން ފޯރި ގަދަވެއްޖެ

މޮޅަކާއެކު ނިއު އެނބުރި އައުމުން ސަޕޯޓަރުން ފޯރި ގަދަކޮށްލައިފި

17 ޖުލައި 2022

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ތިން އަހަރަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މޮޅަކާ އެކު އެނބުރި އައުމުން އެ ކަލްބްގެ ސަޕޯޓަރުންގެ ހަރަކާތްތައް ފޯރި ގަދަ ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ތިން އަހަރަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މޮޅަކާ އެކު އެނބުރި އައުމުން އެ ކަލްބްގެ ސަޕޯޓަރުންގެ ހަރަކާތްތައް ފޯރި ގަދަ ވެއްޖެ އެވެ.

ސަސްޕެންޝަނުން ސަލާމަތްވެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އެޓީމުގެ ފުރަތަމަ މެޗުގައި ވާދަކުރީ ކްލަބް ޓީނޭޖާ ދެކޮޅަށެވެ. މާފަންނު އެއް ނަމްބަރު ޓާފުގައި ކުޅުނު މެޗު ނިއު އިން ކާމިޔާބު ކުރީ 2-1 ންނެވެ.

ނިރޭ ނިއު ކުޅުނު މެޗު ބަލަން އެ ކްލަބްގެ ގިނަ ސަޕޯޓަރުން މާފަންނު ޓާފް ދަނޑަށް ދިޔަ އެވެ. އަދި ނިއު ރޭޑިއަންޓްގެ ފޭސްބްކް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކި މެޗު 3000 އަށް ވުރެ ގިނަ މީހުން ބެލި އެވެ. އަދި މިއަދު ވެސް އެ ޓީމުގެ ސަޕޯޓަރުން ވަނީ، ދިވެހި ޕްރިމިއަ ލީގުގައި ރޭ ކުޅުނު މެޗު ވަގުތުން ބެލި މީހުންނާއި ނިއުގެ މެޗު ވަގުތުން ބެލި މީހުންނާ އަޅައި ކިޔައި ސޯޝަލް މީޑިއަގައި ޕޯސްޓްތައް ހިއްސާ ކޮށްފަ އެވެ.

"ފެން އޮތް ތާކަށް މަސް ދާނީ. ހަމަ އެގޮތަށް ފުޓްބޯޅައިގެ ފޯރި އޮތްތާކަށް ސަޕޯޓަރުން ދާނީ. ފޯރި އޮތީ މިކޮޅުގައި،" ނިއުގެ ސަޕޯޓަރަކު ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.

އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނި ގޮތުގައި މޮޅާއެކު ކުރިއަށް ހުރި މެޗުތަކުގައި ނިއުގެ ސަޕޯޓަރުންގެ ފޯރި ރޭ ގެ މެޗަށް ވުރެ ގަދަ ވާނެ އެވެ.

"އަޅުގަނޑަކީ އެހެން ކްލަބްތަކަށް ވެސް ކުޅުނު މީހެއް. އެކަމަކު އެހެން އެއް ވެސް ކްލަބަކުން ނުލިބޭ އިހްތިރާމެއް ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންގެ ފަރާތުން އަޅުގަނޑު އެ ކްލަބަށް ކުޅުނު އިރު ވެސް ލިބުނު. ކޯޗެއްގެ ގޮތުގައި ވެސް އަޅުގަނޑަށް އެންމެ ސަޕޯޓް ދޭ ބަޔަކީ ނިއު ރޭޑިއަންޓް،" އޭއެފްސީ ކަޕް 2015 ގައި އޭނާގެ ކޯޗު ކަމުގެ ދަށުން ނިއު އަށް ފަސް ޕޮއިންޓް ހޯދައިދިން ޒުވާން ކޯޗު ބުންޏެވެ.

"މި ލިބުނު މޮޅާއެކު އަޅުގަނޑަށް ގަބޫލު ކުރެވޭ ނިއުގެ އިތުރު ސަޕޯޓަރުން އެކްޓިވް ވާނެކަން. އަދި ރޭ ފެނުނު ފޯރި އަށް ވުރެ ސަޕޯޓަރުންގެ ހަރަކާތްތައް ވެސް އިތުރަށް ވަރުގަދަ ވެގެންދާނެ."

ރޭގެ މެޗުގެ 14 ވަނަ މިނިޓުގައި ނިއު އަށް ލީޑު ނަގައިދިނީ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ އެވެ. އޭނާ މި ލަނޑު ޖެހީ ގާނާގެ ކުޅުންތެރިޔާ ޓޯރިކް ޖެބްރިން ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.ނިއު އިން އެއް ލަނޑުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލިޔަސް، ދެވަނަ ހާފުގެ ހަވަނަ މިނިޓުގައި ޓީނޭޖުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ލަނޑު ޖަހައިދިނީ އެޓީމުގެ ބިދޭސީ ފޯވާޑް އަހުމަދު އަލީ އަފީފީ އެވެ. ނިއު މޮޅުވި ލަނޑު 76 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން އޮވޫސޫ އެވެ. މިއީ އަހުމަދު ސުހެއިލް (ބަންބުޗު) ދިން ޕާހަކުން ޖެހި ލަނޑެކެވެ.

މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫއާ ދެކޮޅަށް ހޯދި މޮޅަށް ފަހު، ރަސްމީ މެޗަކުން ނިއު މޮޅުވި ފުރަތަމަ މެޗެވެ. ނިއު އިން އެސީޒަނުގެ މާލޭ ލީގު ކާމިޔާބު ކުރި ނަމަވެސް، ފަހުން މާލީގޮތުން ދަތިތަކާ ކުރިމަތިވެ، ނަތީޖާތަކަށް ކުރި އަސަރާ އެކު ޕްރިމިއާ ލީގު ނިންމާލީ ހަތަރު ވަނައިގަ އެވެ.

ނިލަންދޫ އަތުން ހޯދި މޮޅަށް ފަހު، ގްރީން ސްޓްރީޓްސް އާއި އީގަލްސް އަތުން ބަލިވި ނަމަވެސް ފަހު މެޗުގައި ވަނީ މާޒިޔާއާ އެއްވަރު ކޮށްފަ އެވެ. ނޮވެމްބަރު 30 ވަނަ ދުވަހުގެ ހަވީރު ކުޅުނު އެ މެޗުން މާޒިޔާ ފަސޭހައިން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ނިއު އިން މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުން ނަތީޖާ 4-4 އިން އެއްވަރު ކުރުމާ އެކު، ލީގު ތަށި ޓީސީ ސްޕޯޓްސް އަށް ޔަގީން ވިއެވެ.

ހަމަ އެއާ އެކު މިއީ، 2015 ވަނަ އަހަރަށް ފަހު، ރަސްމީ މެޗެއްގައި ޓާފް ދަނޑުގައި ނިއު ކުޅުނު ފުރަތަމަ މެޗެވެ. ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަނުގައި، ލީގު ފުރަތަމަ ބުރުގެ ފަހު ހަފްތާގެ ކުޅުން ޓާފް ދަނޑުގައި ކުޅުނު އިރު، ނިއު ވަނީ އެއަހަރު އޮކްޓޫބަރު 20 ވަނަ ދުވަހުގެ ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށްފަ އެވެ.

ނިއު އާއެކު ސަސްޕެންޝަނުން ސަލާމަތްވި ވިކްޓަރީ ސްޕޯޓްސް ކުލަބު ވެސް ދެވަނަ ޑިވިޝަނުގައި ހިމެނެނީ އެއް ގުރޫޕެއްގަ އެވެ. ވިކްޓަރީ ވެސް ވަނީ ސަސްޕެންޝަނަށް ފަހު އެޓީމު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް ކާމިޔާބު ކޮށްފަ އެވެ.

ނިއު އާއި ވިކްޓަރީ އަދި ޓީނޭޖާއި ބީޖީ ސްޕޯޓްސްގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނެނީ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކުލަބާއި ލޮރެންޒޯ ސްޕޯޓްސް ކުލަބް އަދި މަހިބަދޫ ސްޕޯޓްސް ކުލަބެވެ. ކްލަބް 010 ވެސް މި ގުރޫޕުގައި ވާދަކުރާ ގޮތަށް އޮތް ނަމަވެސް، ކްލަބް ލައިސެންސިންގެ ކަންކަން ފުރިހަމަ ނުކުރެވޭތީވެ، އެޓީމަށް މުބާރާތުގައި ވާދަކުރެވޭ ގޮތެއް ނުވި އެވެ.

އިއްޔެ ހަވީރު ޓާފް ދަނޑުގައި އެލްޓީ ސްޕޯޓްސް ވަނީ 5-0 އިން ލޮރެންޒޯ ސްޕޯޓްސް ބަލި ކޮށްފަ އެވެ. އެލްޓީ ސްޕޯޓްސް އިން ޖެހި ފަސް ލަނޑު ވެސް ފެނުނީ މެޗުގެ ފަހު ހާފުގަ އެވެ. އާދަމް ލަރީފް (ރޮނާ) އާއި އިސްމާއިލް ވިފާގު (އިއްސޭ) މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ދެން ލަނޑު ޖެހީ ހަފީޒް މުހައްމަދެވެ.

މިއަދު ހަވީރު ކުޅެން އޮތް ގުރޫޕް އޭގެ ޓެންޓް ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރަން އޮތް މެޗާއި، މިރޭ ކްލަބް ޕީކޭ އާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗު ވެސް ކުޅެން ތާވަލް ކުރެވިފައި ވަނީ ޓާފް ދަނޑުގަ އެވެ. ނަމަވެސް މާލެއަށް މޫސުން ގޯސްވެ، ކުރަމުން ގެންދާ ގަދަ ވިއްސާރައިގެ ސަބަބުން ދަނޑުގައި މެޗު ކުރިއަށް ގެންދަން ހާލަތު ތަން ނުދޭތީވެ، ވަނީ ފަސް ކުރެވިފަ އެވެ.

ޓެންޓް ސްޕޯޓްސް އާއި ސިފައިން ބައްދަލުކުރާ މެޗު މާދަމާގެ (ހޯމަ ދުވަހުގެ) ހަވީރު ޓާފް ދަނޑުގައި ކުޅޭ ގޮތަށް ހަމަޖެހިފައި ވާއިރު، ޕީކޭ އާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާ މެޗު ވަނީ އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ކުޅޭގޮތަށް ހަމަޖެހިފަ އެވެ.

ދެވަނަ ޑިވިޝަނުގައި މާދަމާ ޖުމްލަ ތިން މެޗު ކުޅެން ވަނީ ހަމަޖެހިފަ އެވެ. ޓާފް ދަނޑުގައި ޓެންޓާއި ސިފައިން ބައްދަލުކުރާ މެޗުގެ އިތުރުން، ގަލޮޅު ދަނޑުގައި ވެސް ދެ މެޗު ކުޅޭނެ އެވެ. ގަލޮޅު ދަނޑުގައި ހަވީރު ބިސްބުރު ސްޕޯޓްސް ކްލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ބައްދަލުކުރާ އިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާއި އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.