Roadha Mihaaru
ގާސިމަށް ތާއީދެއް ނެތް، ޔާމީން ވާދަކުރައްވާނެ:ޕީޕީއެމް

ގާސިމަށް ތާއީދެއް ނެތް، ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރާނެ: ޕީޕީއެމް

07 ޖުލައި 2022

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ތާއީދު ނުކުރާނެ ކަމަށާއި އެ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުކުންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ތާއީދު ނުކުރާނެ ކަމަށާއި އެ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުކުންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމީން ޖަލަށް ލައިފި ނަމަ ޕީޕީއެމް އިން ގާސިމް އަށް ތާއީދު ކުރާނެ ކަމަށް ބުނެ އެ ޕާޓީން ހަބަރު ފަތުރަމުންދާ ކަމަށެވެ.

އެ ވާހަަކަތައް ދައްކަނީ ގާސިމް ފަހަތުގައި ހުންނަވައިގެން ޕީޕީއެމްގެ ސަޕޯޓަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށާއި އޭގެ ސަބަބުން އެއްވެސް ނަތީޖާއެއް ހާސިލެއް ނުކުރެވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޔާމީންގެ ނަންކޮޅު އޮންނާނެ. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އަބްދުﷲ ޔާމީން. އެ ނަން ބޭއްވިޔަ ނުދިނުމަށްޓަކައި ސަރުކާރާއި ކޯލިޝަނުން ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުވާނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ 2023 ގެ އިންތިހާބުގެ ކުރިން ޔާމީން ޖަލަށް ލާނެ ހާލަތެއް އަންނާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވިޔަސް ދެން އަމަލު ކުރަން ޖެހޭ ގޮތް އަސާސީ ގަވައިދުގައި ބަޔާން ކޮށްފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ތާއީދާ އެކު ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާނީ އެ ދެ ޕާޓީގެ މެމްބަރުން ކަމަށާއި އެ މެމްބަރުން ތިއްބެވީ ޔާމީނާ އެކު ކަމަށް އަދުރޭ ވިދާޅުވި އެވެ. ޔާމީން ނެތް ހާލަތެއްގައި ވެސް ގާސިމް އާއި ސަރުކާރު ކޯލިޝަންގެ އެއްވެސް ފަރާތަކާ އެކު ޑީލެއް ނުހައްދަވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ގާސިމް، މައުމޫން، އިމްރާން، ނާޒިމް، ޝިޔާމް އަދި ސޯލިހު ފަހަތަށް [ޕީޕީއެމް] އަރައިގެން އިންތިހާބު ކާމިޔާބު ކުރާނެ އެއްވެސް ހާލަތެއް ނާންނާނެ،" އަދުރޭ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ވަނީ 2023 ވަނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއުލާން ކޮށްފަަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް ތާއީދު ކުރައްވާނެތޯ ނުވަތަ ނޫންތޯ ނިންމަން އެ ޕާޓީގެ ކޮންގްރަސް އެއް ބާއްވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.