Roadha Mihaaru
ކައުންސެލިން ބޭނުންވާ 80،000 މީހުން އެބަތިބި

ނަފްސާނީ އެހީ ބޭނުންވާ 80،000 މީހުން އެބަތިބި، ގޮތްތަކެއް އެބަ ހޯދައިދެން: މިނިސްޓަރު

07 ޖުލައި 2022

ނަފްސާނީ ބަލިން ސަލާމަތްވުމަށް ކައުންސެލިން ބޭނުންވާ 80،000 ވަރަކަށް މީހުން އެބަތިބި ކަމަށާއި އެ މީހުންނަށް އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފްސާނީ ބަލިން ސަލާމަތްވުމަށް ކައުންސެލިން ބޭނުންވާ 80،000 ވަރަކަށް މީހުން އެބަތިބި ކަމަށާއި އެ މީހުންނަށް އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާގައި ހެދި "ހެރަހަމަގު ބަގީޗާ" ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން ހެދި ދިރާސާތަކުން ނަފްސާނީ އެހީ ބޭނުންވާ ގިނަ ބަޔަކު ތިބިކަން އެނގިގެން ދިޔަ ކަމަށެވެ. އެކަމުން އަރައިގަތުމަށް އެ މީހުންނަށް ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތޮއްޖެހިފައިވާ މާލޭގައި ހިތްހަމަޖައްސާލުމަށް ޕާކެއް ހެދުމުގެ މަސައްކަތްކުރި ކަމަށެވެ. އެ ފަދަ ޕާކްތަކަކީ ނަފްސާނީ މައްސަލަތަކުން އަރައިގަތުމަށް ބޮޑު އެހީއެއް ކަން ނަސީމް ފާހަގަކުރެއްވި އެވެ.

"މިއީ ފެށުމެއް، ވަރަށް ބޮޑު ފެށުމެއް. މި ފެށުމަކީ އަޅުގަނޑުމެންނަށް މިހާރު އިހުސާސް ވަނީ އަޅުގަނޑުމެން މި އުޅޭ ދިރިއުޅަމީ ވަރަށް ހަލަބޮލި، ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ ދިރިއުޅުން ހަމަޖައްސައިގެން އުޅޭ ބައެއްކަން. މިހާރު އަޅުގަނޑުމެންނަށް މި ވިސްނެނީ. އެހެންވީމަ ކޮންމެހެން ވެސް އެބަ ޖެހޭ މި ކަހަލަ ތަންތަން ކޮންމެ ރަށެއްގައި ވެސް ހުންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ، އަޅުގަނޑުގެ އުފަލަކަށް ވާނީ މި ކަހަލަ ތަންތަން އެހެން ރަށްރަށުން ވެސް ފެނުން."

ނަސީމް ވިދާޅުވީ ރަށްރަށުގައި މީހުން ހެލިފެލިވެ އުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ. ކުރިން ރަށްރަށުގައި މީހުން ހެލިފެލިވެ އުޅުނު ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން މަސައްކަތްތައް މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ވެހިކަލްގައި އުޅުމުގެ ބަދަލުގައި ހިނގާފައި ތަންތަނަށް ދިއުމަކީ ހިތްފަސޭހަ ކަމެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށާއި އިންޖީނުލީ އުޅަނދުފަހަރު ގިނަވެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ނޭވާލުމަށް ވެސް އުނދަގޫވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ގޮތުން ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށާއި ތަފާތު އެކި ވައްތަރުގެ ކެންސަރު ގިނަވެގެން ދާއިރު އެކަންކަމާ މެދު ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައިބަރުގްލާސް މަސައްކަތް ކުރުމުގައި ވެސް ކޮންމެ ތަނެއްގައި އެ މަސައްކަތް ކުރަންވީ. އެހެން ހައްދަވައިގެން ނުވާނެ. އަޅުގަނޑުމެންގެ އުއްމީދަކީ މި ރަށުގައި މިކަމަށް ވެސް އިސް ނަގައިގެން އެ ކަހަލަ މަސައްކަތްކުރާ ތަންތަން ވަކިން ރައްޔިތުން އުޅޭ ހިސާބާ ދުރުގައި ކުރުވާ،" ނަސީމް ވިދާޅުވި އެވެ.

އިންޑިއާގެ 260 މިލިއަން ރުފިޔާގެ އެހީގައި ކުރިއަށްގެންދާ 45 މަޝްރޫއުގެ ތެރޭގައި ހިމެނޭ ފަރެސްމާތޮޑާ ބަގީޗާގައި ކުޑަކުދިން ކުޅޭނެ ތަނަކާއި ބެޑްމިންޓަން ކުޅުމަށް ހާއްސަ ދަނޑެއްގެ އިތުރުން އައުޓްޑޯ ޖިމަކާއި ހިތްހަމަޖައްސައިލުމަށް އެކި މައިޒާންތައް ހަދާފައިވެ އެވެ. މި ތަނަށް އިތުރު ފުރިހަމަކަމެއް ލިބެނީ މި ސަރަހައްދުގެ ބޮޑު ފެންގަނޑުންނެވެ.