Roadha Mihaaru
މަސްދަރު ހާމަކުރަންޖެހޭ މައްސަލާގައި އެއްމޭޒަކަށް

މަސްދަރު ހާމަކުރަންޖެހޭ މައްސަލާގައި އެމްއެމްސީ އާއި އެމްޖޭއޭ އަދި އެޑިޓާސް ގިލްޑް އެއް މޭޒަކަށް

04 ޖުލައި 2022

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އޮތް މައްސަލައާ ގުޅިގެން ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން ހިމެނޭ އެޑިޓާސް ގިލްޑާއި ނޫސްވެރިން ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހާއްސަ މަސައްކަތްތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އޮތް މައްސަލައާ ގުޅިގެން ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން ހިމެނޭ އެޑިޓާސް ގިލްޑާއި ނޫސްވެރިން ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހާއްސަ މަސައްކަތްތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބޭ ހައްގަކަށް ވިޔަސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ހެއްކާ ބެހޭ ބިލުގައިވާ ގޮތުން، ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަށް އެންގިދާނެ އެވެ.

މަޖިލީހުން ބިލް ފާސްކުރީ އެ ގޮތަށް އެ މާއްދާ ބާއްވައިގެން ބިލު ފާސްނުކުރުމަށް ނޫސްވެރިން ތަކުރާރުކޮށް އެދެމުންދަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލުން އިސްނަގައިގެން އެޑިޓާސް ގިލްޑް އަދި އެމްޖޭއޭއާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ހެއްކާ ބެހޭ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުތައް ހަނިވާ ގޮތަށް އޮތް ބިލަކަށް ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އަދި އެ ބިލް ތަސްދީގު ކުރުމަށް ސަރުކާރުން "ހިފާފައިވާއިރު" އެ ކަން ހުއްޓުވުމަށް ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް އެދުމަށާއި ބައިނަލްއަގްވާމީ އެކި ފަރާތްތަކުގެ ސަމާލުކަމަށް އެ ކަން ގެންނަން ވެސް މީޑިއާ ކައުންސިލާއި އެމްޖޭއޭ އަދި އެޑިޓާސް ގިލްޑުން އެއްބަސްވި އެވެ.

އެ ތިން ޖަމިއްޔާ އިން އެއްބަސްވި މުހިންމު އެއް ކަމަކީ ހެއްކާ ބެހޭ ބިލް ހުއްޓުވަން ސްޓްރެޓީޖިކްކޮށް، ގުޅިގެން، ސިލްސިލާކޮށް ކުރެވެން ހުރި ކަންކަން ރޭވުމެވެ.

އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު ވިދާޅުވީ، ހެއްކާ ބެހޭ ބިލުން ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލަން މީޑިއާތަކާއި އެމްޖޭއޭ އަދި އެޑިޓާސް ގިލްޑުން ކުރާ މަސައްކަތްތައް އެ ޖަމިއްޔާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފަންނީ އެހީތެރިކަން ހިމެނެ އެވެ.

އެޑިޓާސް ގިލްޑާއި އެމްޖޭއޭ ގުޅިގެން ނެރުނު ބަޔާނެއްގައި ވެސް ވަނީ އެ ބިލު އޮތްގޮތަށް ތަސްދީގު ނުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ތަހުޒީބުވެފައިވާ ގައުމުތަކުގައި ފެންވަރު ރަނގަޅު ނޫސްވެރިކަން ކުރެވޭނީ މަސްދަރު ހިމާޔަތްކުރެވޭނެ ފަދަ ނިޒާމްތައް ހަރުދަނާކޮށް ބައްޓަންވެފައި އޮވެގެން ކަމަށާއި ރާއްޖޭގައި އެފަދަ ހަރުދަނާ އުސޫލެއް ނެތި އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ، އެއީ ރާއްޖޭގެ ނޫސްވެރިކަމުގައި ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމަށެވެ.

މަޖިލީހުން އެ ބިލް ފާސްކުރީ އެމްއެމްސީންނާއި އެމްޖޭ އިން ހުށަހެޅި އިސްލާހުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތި ކަމަށް ބުނެ އެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.