Roadha Mihaaru
ޔޯގާ ދުވަހުގެ ސެކިއުރިޓީ މައްސަލަ 241 ކޮމިޓީ އަށް!

ޔޯގާ ދުވަހު ސެކިއުރިޓީ ބްރީޗްވި މައްސަލަ 241 ކޮމިޓީއަށް

28 ޖޫން 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ފުލުހުންނަށް ނުބެލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ފުލުހުންނަށް ނުބެލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ކުރިޔަށް ގެންދިޔަ އެއްވުން ހޫނުވެ، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ދަނޑަށް ވަދެ ގެއްލުންދީ ބިރު ދެއްކި މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަށް ހުށަހެޅީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އެ ހަރަކާތުގައި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުން ބައިވެރިވާ ކަން ފުލުހުންނަށް ނޭނގޭ ކަމަށް ބުނެފައިވާ އިރު އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ބްރީޗްވުމުން ކަމަށް އެ އިދާރާ އިން އެއްބަސްވެފައިވާ ކަމަށެވެ.

އެވަރުގެ ހަރަކާތެއްގެ ސެކިއުރިޓީ ނުބެލެހެއްޓުމުގެ ސަބަބުން ރާއްޖޭގެ ސުލްހަމަސަލަސްކަމާއި ރައްކާތެރިކަމާ ބެހޭ ގޮތުން ބޭރު ދުނިޔެއިން ސުވާލު އުފައްދަމުންދާ ކަމަށާއި ސަލާމަތީ ހިދުމަތްތަކުގެ ގާބިލް ކަމާމެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ކޮމިޓީއެއްގައި. -- ފޮޓޯ | މަޖިލިސް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ކޮމިޓީއެއްގައި. -- ފޮޓޯ | މަޖިލިސް

"...ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފުލުހުންގެ ތެރޭގައި ފިޔަވަޅު އަޅާފައިވާ ނަމަ، އަޅާފައި ހުރި ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް ބައްލަވައިދެއްވުން އެދެން،" އެ މައްސަލާގައި ބުނެފައި ވެ އެވެ.

ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ ހަރަކާތް އިންތިޒާމުކުރި ފަރާތުން ވެސް ބައިވެރިވަނީ ކޮން ފެންވަރެއްގެ ކޮން ބައެއްކަން އަންގާފައި ނުވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ސެކިއުރިޓީ ބްރީފިން ދިނުމަށް ބޭއްވި ބައްދަލުވުމުގައި ހުރިހާ މައުލޫމާތެއް ދީފައިވާ ކަމަށެވެ.

ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސަމާލު ކަމަށް އައި އެ ހަމަނުޖެހުމާ ގުޅޭ ބޮޑު ތަހުގީގެއް ވެސް ފުލުހުން ވަނީ ފަށައިފަ އެވެ. އެ މައްސަލާގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

މި ހަރަކާތް ހިންގަން އުޅޭ ކަން އެނގިގެން ހުއްޓުވަން ބޭއްވި އެއްވުމަށް ދިދަ ނެރުނީ ޕީޕީއެމްގެ އޮފީހުންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ހަމަނުޖެހުމުގެ ފަހަތުގައި ސިޔާސީ ބަޔަކު ވެސް އެބަތިއްބެވެ. މިކަމުގައި ޕީޕީއެމަށް ތުހުމަތުތަކެއް ކުރާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ފުލުހުންގެ ތަހުގީގުން ސާބިތުވެއްޖެ ނަމަ ޕީޕީއެމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ އެ ޕާޓީގެ ދިދަތަކެއް ބޭނުންކުރިއަސް ހަމަނުޖެހުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.