Roadha Mihaaru
ހައްޔަރުކުރިއިރު ކައިރީގައި ދަރިފުޅު؛ އާންމުން ރަތަށް!

ނިޝާން ހައްޔަރުކުރި ވަގުތު ކައިރީގައި ދަރިފުޅު؛ އާންމުން ރަތަށް!

23 ޖޫން 2022

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާން ރޭ ހައްޔަރުކުރި ވަގުތު އޭނާއާ އެކު އޭނާގެ ދަރިފުޅު މަގުމަތީގައި ހުންނަތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ވަަރަށް ބޮޑަށް ހިތްހަމަނުޖެހި، އާންމުންގެ ރުޅިގަނޑު އެ އިދާރާ އަށް އަމާޒުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާން ރޭ ހައްޔަރުކުރި ވަގުތު އޭނާއާ އެކު އޭނާގެ ދަރިފުޅު މަގުމަތީގައި ހުންނަތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ވަަރަށް ބޮޑަށް ހިތްހަމަނުޖެހި، އާންމުންގެ ރުޅިގަނޑު އެ އިދާރާ އަށް އަމާޒުވެއްޖެ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ދެބަފައިން މަގުމަތީގައި ހުއްޓުވައިފައި ތިބޭއިރު އެ މީހުންގެ ވަށައިގެން އެސްއޯ ފުލުހުން ތިބެ އެވެ. ކުއްޖާ ބިރުން އުޅޭތީ، އޭނާ ބައްދާލަތަން ވެސް ފެނެ އެވެ.

ފޭސްބުކްގައި ވީޑިއޯ އާންމުކުރި މީހާ ބުނީ، ފުލް ގިޔަރުގައި ތިބި އެސްއޯ ފުލުހުން އެ ދެބަފައިން ވަށާލުމުން އެ ކުއްޖާ ބިރުން ރޯން ފެށި ކަމަށެވެ. ނިޝާން ހައްޔަރުކުރަން ފުލުހުން އޭނާ މަގުމަތިން ހިފެހެއްޓީ، ދަރިފުޅު ގޮވައިގެން ރޭ އިޝާ ނަމާދަށް ފުރުގާން މިސްކިތަށް ދަނިކޮށް ކަމަށް ބުންޏެވެ. އާންމުކުރި ވީޑިއޯގައި ނަމާދުކުރާ އަޑު ވެސް އިވެ އެވެ.

ނިޝާން ހައްޔަރުކުރީ، ޔޯގާގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ދައުލަތުގެ އިސްވެރިންނާއި ޑިޕްލޮމެޓުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ، އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ނިޝާން ހައްޔަރުކުރަން ފުލުހުންނަށް ކޯޓު އަމުރު ވެސް ލިބިފައި ވަނިކޮށް، ދަރިފުޅާ އެކު އޭނާ މަގުމަތީގައި ހުއްޓާ ހައްޔަރުކުރަން ދިއުމުގެ އެއްވެސް މަނާއެއް ނެތް ކަމަށް ބުނެ އާންމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

"އެހެން މީހުން ހާޒިރުކުރާ ގޮތަށް ހަމަ އަންގާލީމަ ހާޒިރުވާނެ ހަމަ ޔަގީނުން ވެސް. ހާޒިރު ނުވެއްޖެއްޔާ މިހެން އައިސް ހައްޔަރުކުރަން ރަނގަޅު،" މީހަކު ކުރި ޓުވީޓެއްގައި ބުންޏެވެ.

"ފޯރިއެއް އެބަހުއްޓެއްނުން މި ކަހަލަ ކަމެއްގައި ހައްޔަރުކުރަންވީމަ، ކުޑަކުދިންގެ ހައްގުތަކެއް، އެވެނި އެއްޗެއް ނޯވޭ."

"އަށް އަހަރުގެ ކުއްޖެއް ގާތުގައި ހުއްޓަ، ފުލުހުން ފުލް ގިޔަރުގައި ވައްޓާލާއި، އެ ކުއްޖާ ބިރުން ފިތްކަނޑައިގެން ދާވަރު ނުކޮށްލާ ވެސް ހައްޔަރުކުރެވޭނެ، މިއަށް ވުރެ ރަނގަޅު ގޮތްތައް ހަމަ ހުންނާނެ ކަންނޭނގެ."

އެ މައްސަލައިގައި ޖެންޑާ މިނިސްޓްރީ ހިމެނޭ ގޮތަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޑުއުފުލައި، މަސައްކަތްކުރާ ޖަމިއްޔާތަކުން، މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާތީ ވެސް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކޮބާ ކުޑަކުދިންގެ ހައްގު ހޯދަން މަސައްކަތްކުރާ މީހުން؟ އިލްމުވެރިންގެ ދަރިން ވިއްޔާ ނަފްސާނީ ވެސް ނުވަނީ؟" މީހަކު ކުރި ޓުވީޓެއްގައި ބުންޏެވެ.

ފުލުހުންގެ ޖަވާބެއް އަދި ނުލިބޭ!

ނިޝާން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ކޮން އުސޫލެއްގެ ދަށުންތޯ ސާފުކުރުމަށް އެ އިދާރާ އަށް ގުޅި ނަމަވެސް އަދި ޖަވާބެއް ނުލިބެ އެވެ.

އެ މައްސަލަ އަށް ފާޑުކީ ބައެއް މީހުން ވަނީ، ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން ބަޔަކު އެތަނަށް ވަދެ، ބިރުދައްކައި، އިންޒާރުދިންއިރު، އެތަނުގައި ވެސް ކުޑަކުދިން ތިބި ކަމަށް ބުނެ، އޭރު ބަޔަކަށް އެ މަންޒަރު ނުފެނުނީ ކީއްވެތޯ ވެސް ސުވާލު އުފައްދައިފަ އެވެ.

ޔޯގާގެ ހަރަކާތުގައި ހަމަނުޖެހުން ހިންގައިގެން މިދިޔަ އަންގާރަ ދުވަހު ހަ މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ވަނަވަރު ވެސް ފުލުހުން އިއްޔެ އާންމުކުރި އެވެ. އެ ހަ މީހުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އިއްޔެ މުއްދަތު ވެސް އިތުރުކުރި އެވެ. އޭގެ ތެރެއިން، ހަތަރު މީހަކު ދެ މަހަށް (60 ދުވަހަށް) އަދި ދެ މީހަކު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަންގާފައިވެ އެވެ.

އެ މައްސަލައިގައި ފުލުހުން ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ހާއްސަ ތަހުގީގު ކުރަމުން އަންނައިރު، އެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ބަލަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ވެސް އެކުލަވާލާފައިވެ އެވެ.