Roadha Mihaaru
ފްލެޓްގެ އަގުކުޑަކުރެވޭނެ ގޮތެއް ހޯދަންޖެހޭ: ކޮމިޓީ

ސިފައިންނާއި ފުލުހުންގެ ފްލެޓްގެ އަގުކުޑަކުރެވޭނެ ގޮތެއް ހޯދަންޖެހޭ: ކޮމިޓީ

22 ޖޫން 2022

މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، އެތައް މައްސަލައެއް ދިމާވުމުން ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ އަގު ބޮޑުވެފައިވާތީ ފްލެޓްތަކުގެ އަގު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް ލަފާދޭން ނިންމައި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ރިޕޯޓް ފާސްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، އެތައް މައްސަލައެއް ދިމާވުމުން ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ އަގު ބޮޑުވެފައިވާތީ ފްލެޓްތަކުގެ އަގު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް ލަފާދޭން ނިންމައި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ރިޕޯޓް ފާސްކޮށްފި އެވެ.

ސިފްކޯ އާއި ޕޮލްކޯ އިން ތަރައްގީކުރަމުންދާ ބޯހިޔަވާހިކަމުގެ މަޝްރޫއު ނިމިފައިނުވާ މައްސަލައިގެ ރިޕޯޓާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީގައި ވަނީ ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް ފަހު ކޮމިޓީއަށް ފާހަގަކުރެވުނު މައްސަލަތަކާއި ލަފާދޭނެ ކަންކަމާ ގުޅިގެން މަޝްވަރާކޮށްފަ އެވެ.

ރިޕޯޓްގައި ފާހަގަކުރެވޭ މައްސަލަތަކާ ގުޅިގެން ކޮމިޓީގެ މުގައްރަރު އިލްޔާސް ލަބީބް ވިދާޅުވީ ނުވަ އަހަރަށް ފްލެޓްގެ މަސައްކަތް ލަސްވުމުގެ ސަބަބުން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް އަންދާޒަ ކުރި ވަރަށް ވުރެ ވެސް ހަރަދު ބޮޑުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަހަރުގެ ފެބްރުއަރީ 22 ގެ ނިޔަލަށް ސިފްކޯ އިން ވަނީ 640 މިލިއަން ރުފިޔާގެ ލޯނު ނަގައިފަ އެވެ. އަދި އިންޓްރެސްޓާއި ޕީނަލް އިންޓްރެސްޓްގެ ގޮތުގައި ލޯނުގެ ބެލެންސަށް 867 މިލިއަން ރުފިޔާ އަރަ އެވެ.

އެ މުއްދަތާ ހަމައަށް ފޮލްކޯ އިން ނަގާފައިވާ ލޯނުގެ އަދަދަކީ 497 މިލިއަން ރުފިޔާ އެވެ. އިންޓްރެސްޓާ އެކު އެ އަދަދު 725 މިލިއަނަށް އަރަ އެވެ.

އިލްޔާސް ލަބީބް ވިދާޅުވީ އެ ފްލެޓްތަކުގެ މަސައްކަތް ފުރިހަމަކުރުމަށް އިތުރަށް ލޯނު ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ސަބަބުންް ފްލެޓްތަކުގެ މަހު ކުލި އިތުރުވާނެ ކަމަށް ކޮމިޓީގެ ހޯދުންތަކުން އެނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ހިންގުމަށް ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން ނަމަ، ކޮންޓްރެކްޓަރަށް ފައިސާ ހޯދިފައިނުވާ ކަމަށެވެ. އެހެންވެ ކުރީގެ ސަރުކާރުން މަސައްކަތްކުރީ 1.2 ބިލިއަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނަަގައި އެ ފައިސާ ސިފްކޯ އާއި ޕޮލްކޯއަށް ދޭން ނަމަވެސް އެ ބޭންކުން ލޯނު ދޫކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ ދެ ކުންފުންޏަށް ލޯނު ދޫކުރީ ފިނޭންސް މެދުވެރިކޮށެވެ.

"އެ ލޯނު ހަމަނުޖެހުނީމަ މަސައްކަތްކުރާ ފަރާތުން ބިލް ލަނީ ސިފްކޯ އާއި ޕޮލްކޯއަށް. ދެން އެ ކުންފުނިން ފިނޭންސްއަށް ބިލް ފޮނުވީމަ ޕޭކުރަނީ ލޯނެއްގެ ގޮތުގައި،" އިލްޔާސް ލަބީބް ވިދާޅުވި އެވެ.

ފުލުހުންގެ ފްލެޓެއްގެ އެތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުލުހުންގެ ފްލެޓެއްގެ އެތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިލްޔާސް ލަބީބް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ފްލެޓްގެ އަގަކީ ވެސް އެ މަޝްރޫއުގެ ޑިވެލޮޕްމަންޓް ކޮސްޓާއި ބިމުގެ ކުއްޔާއި ސަރުކާރުން 20 އަހަރު ދުވަހަށް އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ލޯނު އިންޓްރެސްޓް ހިމަނައިގެން 2013 ގައި ހަދާފައިވާ އަގުތަކެއް ކަމަށެވެ. އެކަމަކު މިހާރު އެ އަގުތައް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި ރިޕޯޓްގައި ފާހަގަކުރާ އަނެއް ކަމަކީ އެތަނުގެ މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް އޭރު ބެލެވުނު އަދަދު ފްލެޓް ގަތް މުވައްޒަފުންނަށް ހިއްސާކޮށް އެމީހުންގެ އަތުން އެޑްވާންސް ފައިސާ ނެގިޔަސް މަސައްކަތް ލަސްވުމުގެ ސަބަބުން އަގުތަކަށް އަންނާނެ ބަދަލު ހިއްސާކޮށްފައި ނުވުމެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ މައިގަނޑު މަގްސަދަކީ މުވައްޒަފުންނަށް ކުޑަ އަގެއްގައި ފްލެޓް ދޫކުރުން ކަމުގައި ވިޔަސް އެ މަޝްރޫއުން މަގްސަދު ހާސިލުނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އޭނާ ވިދާޅުވީ މަސައްކަތްކުރިއަށް ނުގެންގޮސް ގިނަ ދުވަސްވުމުގެ ސަބަބުން އެތަނުގައި ބޭނުންކޮށްފައިވާ ބައެއް ސާމާނު ހަލާކުވެ ދެވަނަ ފަހަރަށް އެ ހަަރަދުކުރަން ޖެހުމުން ކުލި ދައްކާ މީހުންނަށް ބުރައަކަށްވާ ކަމަށެވެ.

ފުލުހުންގެ ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުލުހުންގެ ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިލްޔާސް ލަބީބް ވިދާޅުވީ ކޮމިޓީން ރިކޮމެންޑްކުރާ ކަންކަމުގެ ތެރޭގައި އެމީހުންނަށް ކުރިން ދީފައިވާ އަގުގައި ކުރިއަށް ދެވޭނެ ގޮތްތަތަކީ ކޮބާތޯ އާއި އެގޮތަށް ކުރިއަށް ދެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށް އެދޭނެ އެވެ.

އަނެއްކަމަކީ ސިފައިންގެ ކޯޕަރޭޓިވް އިން އައިލެންޑް އެކްސްޕާޓަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާ އާއި ސިފްކޯގެ އެންމެހާ މަސްލަހަތުތަކާ އެކަށޭނެ މާލީ ބަދަލު ކޯޓު މަރުހަލާ މެދުވެރިކޮށް ހޯދަންޖެހޭ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް އިލްޔާސް ލަބީބް ވިދާޅުވި އެވެ.

ކޮމިޓީން ރިކޮމެންޑްކުރާ ބައެއް ކަންކަން:

- މާކެޓްގައި ފްލެޓް ހުރި އަގުތައް ބަލައި އަގުތަކާ ގުޅޭ ޕްލޭނެއް އެކުލަވާލުން މުހިއްމު.

- ޓަވަރުތަކުގައިވާ ކޮމާޝަލް ޔުނިޓްތަކާއި މަލްޓި ޕާޕޯސް ހޯލްތައް ކުއްޔަށް ދީގެން މުވައްޒަފުންނަށް ކުލި ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުން.

- ޕޮލްކޯ އާއި ސިފްކޯ އިން އެންމެ ފުރަތަމަ މަޝްރޫއު ހަވާލުކުރިއިރު ވާދަވެރި ބީލަމަކުން ފުރުސަތު ދީފައި ނުވާތީ ބިޔަ މަޝްރޫއުތައް ހަވާލުކުރާއިރު ވާދަވެރި ބީލަމަކަށް ހުޅުވާލުން. އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބެލުން.

- މަޝްރޫއުތައް ކުރިއަށް ގެންދިޔައިރު އެއްވެސް ސެކިއުރިޓީ ޑިޕޮސިޓެއް އަދި ޕާފޯމަންސް ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާދީފައިވާތީ އެގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދިއުން.

އިލްޔާސް ލަބީބް ވިދާޅުވީ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ގޮސް މައުލޫމާތު އެއްކުރުމުން އެނގިފައިވާ ގޮތުގައި ޕޮލްކޯގެ ބައެއް ފްލެޓްތައް ހަދަނީ ކަސްޓަމާ ސްޕެސިޕިކް ޑިޒައިންތަކަށެވެ. ބައެއް ފްލެޓްތަކުގައި ވަކި ކަހަލަ މެޓީރިއަލްތައް ބޭނުންކުރަން އަންގާފައިވާތީ ވަކި ވަކި މެޓީރިއަލް ހޯދުމަކީ އިސްރާފު ބޮޑު ދަތި އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަހަލަ މަޝްރޫއުތަކަކީ ސްޓޭންޑާޑް ޑިޒައިނަކަށް ކުރިއަށް ގެންދަންޖެހޭ މަޝްރޫއުއެއް ކަން ފާހަގަކުރެއްވި އެވެ.

ލޯނު ދެއްކުމަށް ބާރު އެޅި

އިލްޔާސް ލަބީބް ވިދާޅުވީ ސިފްކޯ އާއި ޕޮލްކޯއަށް ދޫކޮށްފައިވާ ލޯނުތަކަކީ ދައުލަތުން އެލޯނު ނެގުމަށް ފަހު އެމީހުންނަށް ދޫކޮށްްފައިވާ ލޯނުތަކެއް ކަމަށާއި އެ ލޯނުތަކަކީ ކޮމްޕައުންޑް އިންޓްރެސްޓް ހިނގަމުންދާ ލޯނުތަކަކަށްތީ މަސައްކަތް ނުނިމި ލޯނުތަކަށް ފައިސާ ނުދައްކާތީ ފައިސާ ނުދައްކާ އޮންނަ އަދަދަކުން 0.015 ޕަސެންޓް ރޭޓުން ޖޫރިމަނާ ނަގަމުންދާ ކަމަށެވެ.

ލޯނު ދައްކަމުން ނުދާތީ ދައުލަތަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލޯނުތަކަށް އަނބުރާ ފައިސާ ދައްކަމުން ގެންގޮސްފައި ނުވާތީ ކޭޝް ފްލޯ މެނޭޖްކުރުމަށް ދައުލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި ލޯނުތައް އަނބުރާ ދެއްކުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ފްލެޓްތައް: ބޭރުން ގިނަ މަސައްކަތްތަކެއް ނިމިފައި ހުއްޓަސް އެތެރޭގެ ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމޭ

ސިފައިންގެ ފްލެޓްތައް: ބޭރުން ގިނަ މަސައްކަތްތަކެއް ނިމިފައި ހުއްޓަސް އެތެރޭގެ ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމޭ

ސިފައިންނާއި ފުލުހުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދައްކަމުން ނުދާތީ އެ ލޯނުތައް އަނބުރާ ދެއްކުމަށް ހިތްވަރެއް ދިނުމުގެ ގޮތުން ޖޫރިމަނާ ފައިސާ މައާފުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ކޮމިޓީގައި ފިނޭންސް މިނިސްޓްރީންް ކުރިން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިނިސްޓްރީއާ މަޝްވަރާކޮށްގެން ޖޫރިމަނާ މައާފުކުރުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

ޖޫރިމަނާ ފައިސާ މައާފުކުރެވުމަކީ ވެސް ވަކި ވަކި ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ކުޑަވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފެށީ 2013 ގަ އެވެ. ސިފައިންގެ ފްލެޓްގެ މަޝްރޫއު ފެށީ 2014 އެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކަކާއި ފައިސާގެ ދަތިކަމާ ހުރެ ނޫމަޑީގެ އެގްރީމަންޓް ޖެނުއަރީ 27، 2016 ގައި ބާތިލުކުރި އެވެެ.

އޭގެ ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ކުންފުނިންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓްވެ މަސައްކަތް ދޫކޮށްލީ އެވެ. މިހާރު ސިފައިންގެ ފްލެޓްތައް ނިންމަން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކޮށްފައިވާއިރު ފުލުހުންގެ ފްލެޓްގެ މަސައްކަތް ކުރަނީ އަަމީން ކޮންސްޓްރަކްޝަނުންނެވެ. އެ ދެ މަޝްރޫއު ވެސް މިއަހަރު ނިންމަން ޖެހެ އެެވެ.