ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާތީ، އެ ތަނުގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
16 ޖޫން 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާތީ، އެ ތަނުގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެ ކަން އިއުލާނު ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކައި، ތަރައްގީ ކުރަން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާއިރު ވެސް ރަނގަޅު ސިއްހީ ނިޒާމެއް ނެތް ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.
ދެވަނަ ފިޔަވައްސަށް ދިމާވެފައި އޮތް އާންމު ދަތުރުފަތުރުގެ މައްސަލައަށް ހައްލެއް ހޯދައިދީ، ބަހުގެ ހިދުމަތް އިތުރުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ތަނުގައި އުޅޭ މީހުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ސިއްހީ މައްސަލަތައް ހިމެނޭކަން ފާހަގަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން އެ ތަނުގައި ތިން ކްލިނިކަކާއި ތިން ފާމަސީއެއް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"...އޭގެ އިތުރުން ހޮސްޕިޓަލަކާއި އިތުރު ސިއްހީ ވަސީލަތްތައް ގާއިމުކުރުމަށް އެޗްޑީސީގެ ފަރާތުން އެ ގެންދަނީ ބީލަމަށް ލައި، އެ ކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން،" ހިޔާ ފްލެޓް ސަރަހައްދަށް ފުރަތަމަ ފަހަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވާހަކަފުޅު ދައްކަވަން ފެއްޓެވިއިރު ވެސް، ފްލެޓްގައި އުޅޭ ބައެއް މީހުން ނުކުމެ ދިޔައީ އެ ސަރަހައްދާ ތަންކޮޅެއް ދުރުގައި އަޑުގަދަކުރަމުންނެވެ. ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ވެސް އެ މީހުން ގޮވި އެވެ.
އެ ކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވައި ރައީސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަނީ ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
President @ibusolih attends the ceremony held in Hulhumalé to inaugurate the RTL Bus service. He was joined at the ceremony by other senior government officials. pic.twitter.com/JU5mtjRZR9
— The President's Office (@presidencymv) June 15, 2022
ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއިރު، ބައެއް އަސާސީ ހިދުމަތް ނެތް ނަމަވެސް މިހާރު އެ ސަރަހައްދުގައި ވަގުތީ ދެ މިސްކިތާއި އަމިއްލަ ފަރާތަކުން އަޅާފައިވާ މިސްކިތެއް ބޭނުންކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ 3،000 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅުމަށެވެ. އަދި އަމިއްލަ ފަރާތަކުން ވެސް އިތުރު މިސްކިތެއް އެ ތަނުގައި އަޅާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ހިޔާގެ ހުރިހާ ޓަވަރެއްގައި މީހުން އުޅެން ފެށުމުން 40،000 އަށް ވުރެ ގިނަ މީހުން އެ ފްލެޓްތަކުގައި އެެކަނި ވެސް ދިރިއުޅޭނެ ކަމަށެވެ. އަދި މި ސަރުކާރުން އަޅައި ފްލެޓްތަކާއި ދޫކުރާ 1،000 ގޯއްޗާއެކު އެ ތަނުގެ އާބާދީ 70،000 އިން މައްޗަށް އަރާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އާބާދީއާ އެއްވަރަށް ހިދުމަތް އިތުރުކުރުމަށް މަސައްކަތްކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ
މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ
އުނގޫފާރު ހޮސްޕިޓަލުގެ އުއްމީދުތަކާ ގުޅިފައިވާ އާ އިމާރާތް!
ދިއްދޫގައި އަވަސް ފަރުވާ ބޭނުންވެފައި އޮތް ޝަކުވާ!
ހިޔާ ސަރަހައްދަށް ތިން ކްލިނިކް
އާސަންދަ ހަމަޖެހުނަސް، ދަތުފަތުރުގެ އުނދަގޫ ބޮޑު!