Roadha Mihaaru
އެންދަމަން ފީނާ މަސްވެރިންނަށް ޑައިވިން ޕްރޮގްރާމެއް

އެންދަމަން ފީނާ މަސްވެރިންނަށް ޑައިވިން ޕްރޮގްރާމެއް ހިންގަނީ

16 ޖޫން 2022

މަސްވެރިންނަށް އަމާޒުކޮށްގެން، މިފްކޯ އާއި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ހާއްސަ ޑައިވިން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަސްވެރިންނަށް އަމާޒުކޮށްގެން، މިފްކޯ އާއި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ހާއްސަ ޑައިވިން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

"މިފްކޯ މަސްވެރި ޑައިވަރުން ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްްރާމްގެ މައިގަނޑު އަމާޒަކީ، މަސްވެރިންގެ ތެރެއިން އެންދަމަން ފީނާ ފަޅުވެރިންނަށް ބޭނުންވާ ތަމްރީނުތައް ދިނުން ކަމަށް މިފްކޯ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

ޑައިވް ކުރާއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަސްވެރިންނާއި ކެޔޮޅުން އަދި އޮޑިވެރިން ވެސް ހިމަނައިގެން ހޭލުންތެރިކުރުމުގެ ޕްރޮގާމެއް ވެސް ބާއްވާނެ ކަމަށް މިފްކޯ އިން ބުނެ އެވެ.

ފީނައިގެން އެންދަމާ މަސްވެރިންނަށް ހިންގާ ގައުމީ އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ކޯސްތައް އޮންނާނީ ގއ، ގދ. ގެ ރަށްތަކުގަ އެވެ.

އޯޕަން ވޯޓާ ޑައިވިން، އެޑްވާންސް އޯޕަން ވޯޓާ ޑައިވިން، ރެސްކިއު އަދި އިމަޖެންސީ ފަސްޓް ރެސްޕޮންޑާ ކޯސް، އެ ޕްރޮގްރާމްގެ ދަށުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފްކޯ އިން ބުނިގޮތުގައި، ޕްރޮގްރާމްގެ ނަތީޖާއަކީ ޑައިވިންއާ ގުޅޭ ގިނަ މައުލޫމާތުތަކެއް މަސްވެރިންނަށް ދަސްވުން ކަމަށެވެ. އަދި ކުޑަހަރަދަކާއެކު، އަމިއްލަ ރަށުގައި ހުރެގެން އެ ކޯސްތަކުގައި ބައިވެރިވުމަކީ އެ ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭ މުހިންމު ސަބަބެއް ކަމަށް މިފްކޯ އިން ބުނެ އެވެ.

މަސްވެރިކަމުގަ އާއި އެހިނިހެން ކަންކަމުގައި ފީނާ ގިނަ ބަޔަކު ވަނީ ޑީކޯ ވުން ފަދަ ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ.

މިފްކޯ އިން ބުނީ، އެންދަމަން ފީނާ ފަޅުވެރިންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުން، ޑައިވިންގައި ދިމާވާ ހާދިސާތަކުން ރައްކާތެރިވާން ދަސްވެ، އަވަސް ފަރުވާ ދޭނެ ގޮތް މަސްވެރިންނަށް އެނގޭނެ ކަމަށެވެ.