Roadha Mihaaru
ނޫނެކެވެ، ހައްލަކީ މިފްކޯ އުވާލުމެއް ނޫނެވެ.

ނޫނެކެވެ، ހައްލަކީ މިފްކޯ އުވާލުމެއް ނޫނެވެ.

24 ޖޫން 2024

ދެ މޫސުން ބެދޭ ކޮންމެ ފަހަރަކު ވިއްސާރަ ކުރާ ބީދައިން، އަނެއްކާ ވެސް މި އޮތީ މިފްކޯ އުވާލުމުގެ ވާހަކަ ފެށިފަ އެވެ. އަޅުގަނޑަކީ މިފްކޯގައި ހިދުމަތް ކޮށްފައިވާ މީހަކަށް ވީމާ އެކަންޏެއް ނޫނެވެ. ދިވެހި އިގުތިސާދުގެ ދަރިވަރެއްގެ ގޮތުން މިއަދު ވެސް ދެން ވެސް ދަންނަވާނީ ހައްލަކީ މިފްކޯ އުވާލުން ނޫން ކަމެވެ.

ދެ މޫސުން ބެދޭ ކޮންމެ ފަހަރަކު ވިއްސާރަ ކުރާ ބީދައިން، އަނެއްކާ ވެސް މި އޮތީ މިފްކޯ އުވާލުމުގެ ވާހަކަ ފެށިފަ އެވެ. އަޅުގަނޑަކީ މިފްކޯގައި ހިދުމަތް ކޮށްފައިވާ މީހަކަށް ވީމާ އެކަންޏެއް ނޫނެވެ. ދިވެހި އިގުތިސާދުގެ ދަރިވަރެއްގެ ގޮތުން މިއަދު ވެސް ދެން ވެސް ދަންނަވާނީ ހައްލަކީ މިފްކޯ އުވާލުން ނޫން ކަމެވެ.

މަސްވެރި ކުންފުނިތަކާއި މަސްވެރި ސިނާއަތުގެ އަދުގެ ހާލަތު

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަ އަކީ މިފްކޯއެއް ނޫނެވެ. މަސްވެރިކަމާ ބެހޭ ސިޔާސަތެވެ. ތަފާތު ގިނަ ސަރުކާރުތަކުގެ ސިޔާސަތުގެ ސަބަބުން ހަލާކުވަމުންދާ ކުންފުނިތަކުގެ ލިސްޓުގައި މިފްކޯ ވެސް ހިމެނެ އެވެ. އެ ލިސްޓުގައި ދެން ތިބީ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް ކޮށްގެން ތިބި އަމިއްލަ ވިޔާފާރިތަކެވެ.

ތަފާތަކީ، ނެތް ފައިސާ ޗާޕުކޮށްގެން، ކިރުވި މަހަށް ފައިސާ ނުދީ ވެސް މިފްކޯ ހިންގާ ކަމެވެ. ނަމަވެސް އަމިއްލަ ވިޔަފާރިތަކަކަށް އެ ފުރުސަތެއް ނެތެވެ. އެ ކުންފުނިތަކަށް ޖެހުނީ ޖަނަރޭޓަރު ނިވާލައި، މުވައްޒަފުން ވަކިކޮށް، ފެކްޓަރީތަކުގައި ބަންދު ބޯޑު އަޅުވާށެވެ. ކުންފުނި ބަނގުރޫޓު ވުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކުގެ ހިއްސާދާރުން މިއަދު ތިބީ ބޮލުގައި އޮތް ތޮފި އަތުން ހިފައި، ބޭންކު މެނޭޖަރުގެ އޮފީސް ދޮރު ކައިރީގައި އިސްޖައިގެންްނެވެ.

މަސްވެރިކަމުގައި އިންވެސްޓް ކޮށްފައިވާ ވިޔަފާރި ކުންފުނިތައް އިނދަ ޖެހުމުން، ގެއްލުން ވަނީ ހަމައެކަނި އެ ކުންފުނިތަކަކަށް ނޫނެވެ. މުޅި ސިނާއަތަށެވެ. ދެކޮޅު ނުޖެހޭ އަގުތަކުގައި މަސް ނުގަނެވިގެން ފެކްޓަރީތައް ބަންދުކުރުމުން މަސްވެރިންނަކަށް މަހެއް ނުކިރެ އެވެ. ކިރާ މަހަކަށް ލާރިއެއް ނުލިބެ އެވެ. އޮޑިވެރިން ބެންކަށް ދަރައި، ފަޅުވެރިން ތިބީ ކަންމަތީ ފިހާރަ އަށް ދަރައިފަ އެވެ. އަނިޔާ ލިބެމުންދަނީ ދަނީ ރާއްޖޭގެ މަސްވެރިކަމުގެ މުޅި ސިނާއަތަށެވެ.

މަސް ދޯންޏަކުން ފެލިވަރު ފެކްޓަރީއަށް ގެންދިޔަ މަސްތައް ދޯނިން ބާލަނީ.---ފައިލް ފޮޓޯ: މިހާރު

މަސް ދޯންޏަކުން ފެލިވަރު ފެކްޓަރީއަށް ގެންދިޔަ މަސްތައް ދޯނިން ބާލަނީ.---ފައިލް ފޮޓޯ: މިހާރު

މަސްވެރިންގެ ވޯޓު ހޯދުމަށް ސަރުކާރުތަކުން ގެންގުޅޭ ފޫނުބެދޭ ސިޔާސަތު ބަދަލުނުވާހާ ހިނދަކު، ރަނގަޅު ނިޔަތެއްގައި މިފްކޯގެ ހިއްސާ ގަންނާނެ އަމިއްލަ ފަރާތެއް ނުވާނެ އެވެ. މިއަދުގެ މި ހާލަތުގައި މިފްކޯ އުވާލައިފި ނަމަ މަސްވެރިކަމުގެ ސިނާއަތަށް ކުރާނޭ ނޭދެވޭ އަސަރު މާ ބޮޑުވާނެ އެވެ.

މިފްކޯގެ ދައުރު

އަނބިންގެ ކަނޑިކި ފެންނަ ފަށުގައި ތިރީހަކަށް ފޫޓުގެ ރިޔަލު އޮޑީގައި ކުރަމުން ދިޔަ ދޮށީގެ މަސްވެރިކަން މިއަދު ކުރަނީ ރާއްޖޭގެ ސަރަހައްދު އޮބާ ހަމައަށް ނުކުމެ ދެ އިންޖީނު އަޅާފައި ހުރި 100 ފޫޓަށް ވުރެ ބިޔަ އޮޑިތަކުގަ އެވެ. ކަންނެއްޔަކީ އަބަދުވެސް ބާނާ ބާވަތެއް ކަމަކު، ތާޒާކޮށް އެކްސްޕޯޓު ކުރާ ކަންނެލި މަސްވެރިކަމުގެ ސިނާއަތެއް އުފެދުނީ 1990 ގައި ކަނޑުއޮތްގިރީގައި ކަންނެލި ފެކްޓަރީއެއް ގާއިމު ކުޅަ ހިސާބުންނެވެ.

ހަތްދިހައިގެ އަހަރުތަކުގައި އެވްރެޖްކޮށް ތިރީސް ހާސް ޓަނު މަސް ބޭނި ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި، އެވްރެޖްކޮށް މިއަދު 150 ހާސް ޓަނު ބާ ނައެވެ. މަސްވެރިކަމުގެ ސިނާއަތް ފަސް ގުނަ އަށް ފުޅާވުމަށް މަގު ކޮށައި ދިނީ، އެކި ފަހަރު އެކި ނަމުގައި މިއަދުގެ ނަމުން ނަމަ މިފްކޯ އިން ހިންގަމުން ގެންދިޔަ ޕްރޮޖެކްޓްތަކެވެ.

މިފްކޯ

މިފްކޯ

މަސްވެރިކަމަކީ ޓޫނާގެ ބާވަތްތައް އެކަންޏެއް ނޫން

ރާއްޖޭގެ މަސްވެރިކަމަކީ ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަން އެކަނި ކަމުގައި ގަބޫލު ކުރެވޭ ނަމަ މިފްކޯގެ ދައުރު ވަނީ ފުރިހަމަ ވެފަ އެވެ. ނަމަވެސް، ދިވެހިންނަށް ގުދުރަތުން ދެއްވާފައިވާ ކަނޑުގެ މުއްސަނދި ހަޒާނާގައި އާމްދަނީ ލިބިގަތުމަށް، ދެމެހެއްޓެނިވި ގޮތުގައި ކުރެވިދާނެ މަސްވެރިކަމުގެ އެތަކެއް ބާވަތެއް ލަހައްޓަވާފައި ވެ އެވެ.

ފިޔަލަ އަކީ ކޮމާޝަލް ކޮށް ބާނައި 40 ފޫޓު ކޮންޓޭނަރުގައި އެކްސްޕޯޓު ކުރާ މަހުގެ ބާވަތެކެވެ. މުށިމަހަކީ ދަޅަށް އެޅުމުން މީރު މަހެކެވެ. އަޅުގަނޑުމެންނަށް ބޯވަދިލަމަސް ފެންނަނީ ފަޅަށް ވަނުމުންނެވެ. ދިވެހި ކަނޑުތަކުގައި އިއްސާއި ކަކުނި ހުރި ކަން ޔަގީނެވެ. ނިިއުޅެމުންދާ އާ ޓެކްނޮލޮޖީ އާއި އެކު މެރިކަލްޗާގެ ވާހަކަ އަދި އޮތީ އެވެ.

މިދާކަށް ދުވަހު ދާދި ގާތުން ތުތި ބޯވަދިލަމަސް ބާނައިގެން ފޮޓޯ ނެގި އެވެ. ފާނައިގެ ބާވަތްތައް ވިއްސައި، ބޮޑެތި ކޮށް، ސުރުހީ ހަދައި ޓީވީ ތަކުން ވެސް ދެއްކި އެވެ. މި ދެ ބާވަތަކީ ދުނިޔޭގެ ބާޒާރުތަކަށް ވިއްކޭނޭ ބާވަތްތައް ކަން ޔަގީން ވެސް ކުރެވުނެވެ. އެ ކަމަކު އެ އާ ބާވަތުގެ މަސްވެރިކަމުގެ މި ހަރަކާތްތައް، ވިޔަފާރިއަކަށް ބަދަލެއް ނުވި އެވެ.

މިފްކޯގެ ފަރާތުން ބޭއްވި އިވެންޓެއްގައި މަހުގެ އުފެއްދުންތަކެއް ޕްރޮމޯޓް ކުރަނީ.

މިފްކޯގެ ފަރާތުން ބޭއްވި އިވެންޓެއްގައި މަހުގެ އުފެއްދުންތަކެއް ޕްރޮމޯޓް ކުރަނީ.

ގަބޫލު ކުރެވޭ ގޮތުގައި، އާ ބާވަތްތަކުގެ މަސްވެރިކަމެއް، ފައިދާ ހުރި ވިޔަފާރިއަކަށް ބަދަލުކުރެވޭނީ ވަށައިޖެހޭ މަސައްކަތްތަކެއް، ހަރަދުތަކަކާ އެކު ކޮށްގެން ދުވަހުންނެވެ. އަޅުގަނޑުމެންގެ މި އިގުތިސާދުގައި އެފަދަ މަސައްކަތެެއް ކުރެވޭނީ ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުންޏެއްގެ ފުރިހަމަ ބައިވެރިވުމާ އެކުގަ އެވެ. މިއަދުގެ ނަމުން ނަމަ މިފްކޯ އެވެ.

މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމަށް ބޭނުން ކުންފުންޏެކެވެ. ނަމަވެސް ނުއަގުގައި މަސްގަނެ، ސިޔާސީ ފަރާތްތަކަށް މުސާރަ ދިނުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެއް ނޫނެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ޑައިވާސިފައިކޮށް ދެން އޮތް ހަރުފަތަށް ގެންގޮސް ދޭން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގަ އެވެ.

މަސްވެރިކަމުގެ މާދަމަ އަށް މިފްކޯ ބައްޓަން ކުރުން

މިފްކޯއަކީ އަބަދުވެސް ގެއްލުމުގައި ހިންގާ ތަނެއްގެ ގޮތުގައި ގަބޫލު ކުރެވުނަސް 2000 ގެ މެދުތެރޭގެ އަހަރުތަކުގައި މިފްކޯއަކީ ފައިދާ ހޯދާ ކުންފުންޏަކަށް ބަދަލު ވެސް ކުރެވުނެވެ. ނަމަވެސް ޒަމާނީ ޑިމޮކްރަސީއާ އެކު، މިފްކޯއަކީ ހަމައެކަނި ވޯޓަށް ދުއްވާ އޮޑިއެއް ކަމުގައި ބަދަލުވުމުން އޮޑި ފަރަށް އަރައި، އިލިތައް ލުހި، ފައިވައްތައް ގުޑައި ވަތްތަކުން ފެން ހިލެން ފެށީ އެވެ.

އަށްޑިހައިގެ އަހަރުތަކުގައި ކަޅުބިލަމަހުގެ ސިނާއަތް 90 ގެ އަހަރުތަކުގައި ކަންނެލި މަސްވެރި ކަމުގެ ސިނާއާތް ގާއިމު ކުރުމަށް މަސައްކަތްކުރި ފަދައިން، މިފްކޯގެ މާދަމާގެ މަސައްކަތަކަށް ހަދަންވީ ތުތި ބޯވަދިލަމަހާއި ފާނަ އާއި ލަނޑާ އާއި ފިޔަލަ ފަދަ ބާވަތްތަކުގެ ވިޔަފާރި ސިނާއަތެއް ބިނާ ކުރުމުގެ ބިންގާ އެޅުމެވެ.

ކާމިޔާބު ކަމާ އެކު، އަމިއްލަ ފައިމަތީގައި ކޮއްޅަށް ހުންނަ ތަން ފެނުމުން، އާ މަސްވެރިކަމުގައި އަމިއްލަ ވިޔާފަރިތަކުން އިންވެސްޓް ކުރާނެ އެވެ. ރަނގަޅު ގޮތަކީ ވެސް އެއީ އެވެ.

އެ ހިސާބުން މިފްކޯގެ މަސައްކަތަކަށް ވާން ވާނީ، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ އެހެން މަރުހަލާއަކަށް ޖެހިލުމެވެ. މިފްކޯގެ ނަމުގައި އެ ބުނާ 'އިންޑަސްޓްރިއަލް ފިޝަރީޒް' ގެ އަސާސަށް ބަލައި، ރާއްޖޭން ބޭރު ކަނޑުތަކުގަައި ލައްވާފައިވާ ގުދުރަތީ މުއްސަނދި ކަމުގެ ބައިކުޅަ ބައެއް ދިވެހި އިގުތިސާދުތެރެއަށް ގެނައުމުގެ މަސައްކަތް ފެށުން އަދި ކުރިއަށް އޮތީ ތާ އެވެ؟

އަށްޑިހައިގެ އަހަރުތަކުގައި ކަޅުބިލަމަހުގެ ސިނާއަތް 90 ގެ އަހަރުތަކުގައި ކަންނެލި މަސްވެރި ކަމުގެ ސިނާއާތް ގާއިމު ކުރުމަށް މަސައްކަތްކުރި ފަދައިން، މިފްކޯގެ މާދަމާގެ މަސައްކަތަކަށް ހަދަންވީ ތުތި ބޯވަދިލަމަހާއި ފާނަ އާއި ލަނޑާ އާއި ފިޔަލަ ފަދަ ބާވަތްތަކުގެ ވިޔަފާރި ސިނާއަތެއް ބިނާ ކުރުމުގެ ބިންގާ އެޅުމެވެ.

މިފްކޯގެ މިއަދުގެ ނަން ބޯޑަކީ މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުތަކުން ކުރަމުން ގެންދިޔަ އެތަކެއް މަސައްކަތް ހިންގުމަށް އުފެދުނު ހަތަރެއް ނުވަތަ ފަސް ވަނަ ނަން ބޯޑެވެ. މިފްކޯ، މި ނަމާ މެދު ހިތާ ނުވަނީ ނަމަ ނަން ބަދަލު ކުރަންވީ އެވެ. ނަމަވެސް ރާއްޖޭގެ އެންމެ މުހިންމު ޕްރައިމަރީ އިންޑަސްޓްރީ ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ނިމުމާ އަދި ގާތް ވެސް ނުވެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އުދަރެސް މިއަދު ފެންނަނީ ބަނަކޮށެވެ. އޮޑިފަހަރު ހުރީ ފަޅުގަ އެވެ. އަމިއްލަ ފެކްޓަރީތައް ހުރީ ބަންދު ކޮށްފަ އެވެ. މިފްކޯ ވަނީ އެނދުމަތީ ކުރާ ހާލަތުގަ އެވެ. މިއަދުގެ ސުވާލަކީ މިފްކޯ އުވާލާނީތޯ ނުވަތަ ހަވަރަށް ދޭނީތޯއެއް ނޫނެވެ. މަސްވެރިންނާއި މަސްވެރި ކުންފުނިތަކަށް، ޖުމްލަކޮށް މަސްވެރިކަމުގެ ސިނާއަތަށް ފައިދާ ހުރި ގޮތުގައި ސިނާއަތް ބައްޓަން ކުރުމަށް ސަރުކާރުތަކުން ޖާގަ ދޭނީ ކިހާ އަވަހަކަށްތޯ ނިންމުމެވެ.