Roadha Mihaaru
ހިސާބުތައް ދައްކަނީ ހުރިހާ ރޯގާއެއް ވެސް އިތުރު ކަމަށް

ހިސާބުތައް ދައްކަނީ ހުރިހާ ރޯގާއެއް ވެސް އިތުރު ކަމަށް!

14 ޖޫން 2022

ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ އާއި ޑެންގޫ އަދި ބޭރަށް ހިންގުމާއި ކޮވިޑް ޖެހޭ މީހުން ވެސް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ އާއި ޑެންގޫ އަދި ބޭރަށް ހިންގުމާއި ކޮވިޑް ޖެހޭ މީހުން ވެސް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު އާންމު ރޯގާތައް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރެވެ. ޑެންގޫ ހުމުގެ ނުރައްކާތެރި ވައްތަރެއް ވެސް ފެތުރެމުންދާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކޮށްފައި މައުލުމާތުން ދައްކާ ގޮތުން މެއި މަހުގެ ތެރޭގައި 13،361 މީހަކަށް އަރިދަފުސް ރޯގާ ޖެހިފައިވެ އެވެ. އަދި 185 މީހަކަށް ޑެންގޫ ޖެހިފައިވާއިރު ބޭރަށް ހިންގުމާއި ހޮޑުލުން 1824 މީހަކަށް ޖެހުނެވެ.

އާންމު ބަލިތައް ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވެ ހޮސްޕިޓަލުތަކަށް ވެސް ބާރުބޮޑެވެ. އެކަމަކު ގަދަޔަށް ކެއްސާއިރު ހޮސްޕިޓަލުތަކުގައި ބައެއް މީހުން އުޅެނީ މާސްކް ވެސް ނާޅަ އެވެ.

އާންމު ބަލިތަކުގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ކުއްލިއަކަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި 142 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އެއީ މާލޭ ސަރަހައްދުން 50 މީހުންނާއި ރަށްރަށުން 40 އަދި ރިސޯޓުތަކުންނާއި ސިނާއީ މަސައްކަތްކުރާ މީހުންނަށް 52 މީހުންނެވެ.

މިދިޔަ މެއި މަހު ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް ހަތަރު ޕަސެންޓްގައި ހުރި ނަމަވެސް މި ވަގުތު ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 8 ޕަސެންޓްގަ އެވެ. ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިއިރު މިއީ ސްކޫލު ބޮޑު ޗުއްޓީ ދުވަސްވަރަށްވާތީ ގިނަ ބަޔަކު ރަށްރަށަށް ދަނީ ދަތުރުކުރަމުންނެވެ.

ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ދައްކުވައިދޭ ޗާޓެއް.

ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ދައްކުވައިދޭ ޗާޓެއް.

ކުއްލިއަކަށް ކޮވިޑްގެ ކޭސްތައް މައްޗަށް އަރައިގެން ގޮސްފައިވާތީ އެޗްޕީއޭ އިން ވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމާ އެކު ކޮވިިޑްގެ އަލާމާތްތައް ފެނިއްޖެ ނަމަ އެކަހެރިވުމަށް އެދިފަ އެވެ. އަދި ކޮންޓެކްޓުންގެ މައުލޫމާތު ހިއްސާކުރުމަށް އެ އެޖެންސީން އެދެ އެވެެ.

އާންމު ރޯގާތައް މި ދުވަސްވަރު އިތުރުވިއިރު ކުރިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާތީ އާންމު ބަލިތައް ވަރަށް ބޮޑަށް މަދުވި އެވެ. އެކަމަކު ރާއްޖޭގައި ބަލި އިތުރުވެފައި ވަނީ ކޮވިޑްގެ ކުރީގެ ދިރިއުޅުމާ އެއްގޮތަށް އުޅެން ފެށުމުންނެވެ.