13 ޖޫން 2022
ޗައިނާ އިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް ތައިވާނުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހަނގުރާމަ ކުރާނެ ކަމަށް ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޗައިނާ އިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް ތައިވާނުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހަނގުރާމަ ކުރާނެ ކަމަށް ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ދިފާއީ ވަޒީރު މި ވާހަކަ ދެއްކެވީ، ތައިވާންގެ މިނިވަންކަމާ ދެކޮޅަށް ޗައިނާ އިން ބާރުގެ ބޭނުންކޮށްފި ހާލަތެއްގައި، އެމެރިކާ އިން ބާރުގެ ބޭނުންކޮށް ތައިވާން ދިފާއުކުރާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނިކޮށެވެ. ތައިވާންގެ ދިފާއުގައި އެމެރިކާ އިން ބާރުގެ ބޭނުންކުރާނެ ކަން، އެމެރިކާ އިން ފުރަތަމަ ފަހަރަށް އިއުލާންކުރީ، ރައީސް ބައިޑެން މިދިޔަ މަހު ޖަޕާނަށް ކުރެއްވި ޒިޔާރަތުގަ އެވެ.
މިހާރު ވެސް އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ތައިވާންގެ ކަންކަމަށް އެމެރިކާ އިން ފޯރުވަމުންދާ ނުފޫޒާ ބެހޭ ގޮތުން، ޗައިނާ އިން ބުނީ ބޭރުގެ ނުފޫޒުތައް އަބަދުވެސް ނާކާމިޔާބުވަމުން ދާ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް، ޗައިނާ އިން ނާކާމިޔާބު ކުރަމުންދާނެ ކަމަށް ވެސް އެ އެ ގައުމުން ބުނެ އެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށް ދާ ޝަންގްރީ-ލާ ޑައިލޮގްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ އިއްޔެ ވިދާޅުވީ ޗައިނާ އިން ތައިވާން ވަކިކޮށްލުމަށް ކޮންމެ ބަޔަކު މަސައްކަތް ކުރިޔަސް އެބަޔަކާ ދެކޮޅަށް ޗައިނާ ހަނގުރާމަ ކުރާނެ ކަމަށެވެ.
ޝަންގްރީ-ލާ ސަމިޓްގެ ތެރޭގައި، ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ (ކ) އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން (ވ) ބައްދަލުކުރައްވަނީ. --އޭއެފްޕީ
"އެއްވެސް ބަޔަކު، ޗައިނާ އިން ތައިވާން ވަކިކޮށްލަން އުޅެފިއްޔާ، ކިތަންމެ ބޮޑު އަގެއް އަދާކޮށްގެން ވިޔަސް، އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޗައިނާ އިން އެ ބަޔަކާ ހަނގުރާމަ ކުރާނެ. ޗައިނާ އަށް އޮތް ހަމައެކަނި އިޚްތިޔާރަކީ މިއީ،" އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓެރެޓީޖިކް ސްޓަޑީޒްގެ ފަރާތުން އަހަރަކު އެއް ފަހަރު ބާއްވާ ޝަންގްރީ-ލާ ޑައިލޮގްގެ މިއަހަރުގެ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުން، ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހޭ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މިދިޔަ ހޮނިހިރު ދުވަހު، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ދެއްކެވި ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން، ވެއި ފެންގްހޭ ވިދާޅުވީ އެއްވެސް ބަޔަކު ޗައިނާގެ އަސްކަރީ ގާބިލްކަމާ މެދު ޝައްކުކޮށްގެން ނުވާނެ ކަމަށެވެ.
"ޗައިނާގެ ސަރަހައްދީ މިނިވަންކަން ދިފާއުކުރުމުގައި ޗައިނާގެ ހަތިޔާރު އެޅި ލަޝްކަރުތަކަށް ލިބިގެންވާ ގާބިލުކަމާއި ބާރާއި، ޗައިނާ ސިފައިންގެ އަޒުމާ މެދު، އެއްވެސް ބަޔަކު ފަހަރެއްގައި ވެސް ނުބައި އަންދާޒާއެއް ނުކުރާތި. އެއްބައިވަންތަވުމުގެ ރާސްތާގައި ޗައިނާ ކުރާ ދަތުރު އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ."
އޭނާ ވިދާޅުވީ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ބައެއް ގައުމުތަކުން، ތައިވާން ބޭނުންކުރަމުންދާ ކަމަށެވެ. އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން މިހާރު ވަރަށް ބޮޑަށް ހީނަރުވެއްޖެ ކަމަށާއި، އެ ގުޅުން އަލުން ބަދަހިކުރުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ އަކީ އަބަދުވެސް ސުލްހައާއި ހަމަޖެހުން ބޭނުންވާ ގައުމެއް ކަމަށާއި އަދާވާތްތެރި ގައުމެއް ނޫންކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވީ، ޗައިނާގެ އެތެރެ ގަޑުބަޑުކުރުމުގެ މަސައްކަތް އެމެރިކާ އިން ހުއްޓައިލަންޖެހޭ ކަމަށެވެ. އަދި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ވެސް އެމެރިކާ އިން ހުއްޓާލައި، އެމެރިކާ އާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ވެސް އޭނާ އެމެރިކާ އަށް ގޮވައިލެއްވި އެވެ.
ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ޗައިނާ އާއި އެމެރިކާއާ ދެމެދު ގާތް އެކުވެރި އަދި ހަމަޖެހޭ ގުޅުމެއް އޮތުމަކީ ބައިނަލްއަގުވާމީ މުޖްތަމައުގެ ސުލްހައަށްޓަކައި ވެސް ވަރަށް ބޭނުންތެރި ކަމެކެވެ. މި މޭރުމުން އޭނާ ވާހަކަ ދެއްކެވި އިރު، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިންއާ އެކު މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ވަކިން ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ޗައިނާގެ އިންޒާރަށް ބެލުމެއް ނެތި ނެންސީ ތައިވާނަށް
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
މަސްރަހު ފިނިކުރަން އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް
ޗައިނާގެ މަޝްވަރާތައް ވަރަށް ބިނާކުރަނިވި: ބްލިންކެން
ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން
ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް
އެމެރިކާގެ ވެރިން ތައިވާންގެ ރައީސް ބައްދަލުކުރައްވަނީ
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި