Roadha Mihaaru
މުސްލިމު ސުޕަހީރޯ އަށް ގިނަ ބައެއްގެ ލޯބި ލިބިއްޖެ

މާވެލްގެ ފުރަތަމަ މުސްލިމު ސުޕަހީރޯ އަށް ގިނަ ބައެއްގެ ލޯބި ލިބިއްޖެ

11 ޖޫން 2022

މާވެލްގެ ފުރަތަމަ މުސްލިމު ސުޕަހީރޯ "މިސް މާވެލް" އަށް އާންމުންނާއި ކްރިޓިކްސްގެ ލޯބި ލިބިއްޖެ އެވެ.

މާވެލްގެ ފުރަތަމަ މުސްލިމު ސުޕަހީރޯ "މިސް މާވެލް" އަށް އާންމުންނާއި ކްރިޓިކްސްގެ ލޯބި ލިބިއްޖެ އެވެ.

ޑިޒްނީ ޕްލަސް އިން މިދިޔަ ބުދަ ދުވަހު ސްޓްރީމް ކުރަން ފެށި އެމްސީޔޫގެ "މިސް މާވެލް" ސީރީޒް އަކީ އެވެންޖާސް ކޮމިކް ބުކް އަށް ވަރަށް ލޯބިކުރާ، ކަމަލާ ޚާން ކިޔާ ފުރާވަރުގެ އަންހެން ކުއްޖަކަށް އާދަޔާ ހިލާފު ބާރުތަކެއް ލިބުމުން ހިންގާ ކަންތައްތަކެއް ދައްކާ ސީރީޒެކެވެ. ކަމަލާ އަކީ ޕާކިސްތާނުން އެމެރިކާ އަށް ހިޖުރަކޮށް، އެ ގައުމުގައި ދިރިއުޅޭ އާއިލާއެއްގެ އެންމެ ހަގު ކުއްޖާ އެވެ.

"ދަ ގާޑިއަން" އިން ވަނީ އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑަށް ފަސް ތަރީގެ ރޭޓިންއެއް ދީފަ އެވެ. އެ ނޫހުން ވަނީ އެ ސީރީޒްގައި މިސް މާވެލް ނުވަތަ ކަމަލާ ޚާންގެ ރޯލު ކުޅޭ އިމާން ވެލަނީގެ މޮޅު އެކްޓިން އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"ދަ ފައިނޭންޝިއަލް ޓައިމްސް" ގައި އެ ސީރީޒަށް ހަތަރު ތަރީގެ ރޭޓިންއެއް ދީފައިވާއިރު ބުނީ، ކަމަލާ ނިސްބަތްވާ ޕާކިސްތާނުގެ ސަގާފަތް ވަރަށް ފުރިހަމަ އަށް ދައްކައިދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ގިނަ ނޫސްތަކުގެ ކްރިޓިކުން ވަނީ އެ ސީރީޒަށް ތިނަކާއި ފަހަކާ ދެމެދުގެ ރޭޓިންއެއް ދީފަ އެވެ.

ރޮޓެން ޓޮމާޓޯގައި ކްރިޓިކުން އެ ސީރީޒަށް 95 ޕަސެންޓްގެ ރޭޓިންއެއް ދީފައިވާއިރު، އޯޑިއެންސް ސްކޯ އުޅެނީ 86 ޕަސެންޓްގަ އެވެ.

އިމާން ވެލަނީގެ އިތުރުން އެ ސީރީޒްގައި މުހިންމު ރޯލުތަކުން ފެންނަނީ މެޓް ލިންޓްޒް، ސާގަރު ޝައިހް، ޔާސްމީން ފްލެޗާ، މޯހަން ކަޕޫރް، ޒެނޯބިއާ ޝްރޮފް އަދި ރިޝް ޝާހު އެވެ. ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން އާއި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ފަރްހާން އަހްތަރުގެ ރޯލެއް ވެސް އެ ސީރީޒުން ފެންނާނެ އެވެ.

ކޮންމެ ބުދަ ދުވަހަކު އާ އެޕިސޯޑެއް ސްޓްރީމް ކުރާ އެ ސީރީޒްގެ ހަ އެޕިސޯޑު ގެނެސްދޭނެ އެވެ.